ރަން މެޑަލްއާއެކު ރައީސް ދެއްކެވީ މުޅި ދުނިޔެއަށް ނަމޫނާ

މޮރިޝަސް ބަލިކުރުމަށްފަހު ރާއްޖޭގެ އަންހެން ގައިމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފާފާޅު ކުރަނީ --- ފޮޓޯ: އެމްއޯސީ

ރެޔަކީ ދިވެހި ތާރީހުގައި ވެސް ރަނުން ފަވާލެވުނު އެކަމަކަށްޓަަކައި ދިވެހިން އަބަދުވެސް ފަހަރުވެރިވަމުން އަންނަ ކުޅުވަރުގެ ރޮނގުން ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ ޓީމު ގޭމަކުން ރަން މެޑަލް ލިބުނު ރެޔެވެ. ވަރުގަދަ މޮރިޝަސް ފައިނަލުގައި ބަލިކޮށް ދިވެހި އަންހެން ޓީޓީ ޓީމު ހޯދި ކާމިޔާބީއާ އެކު އެންމެ ފުރަތަމައިން ވެސް ނަމޫނާ ދައްކައި އެ އުފަލުގައި ބައިވެރިވީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ވާދަވެރި ކުޅުމަކަށް ފަހު ރޭ ކުޅުނު ފައިނަލު މެޗުގައި 2-3 ގޭމުން އެންމެ ފަހުގެ ޗެމްޕިއަން މޮރިޝަސް ބަލިކޮށް ރާއްޖެއިން އިންޑިއަން އޯޝަންސް އައިލެންޑް ގޭމްސްގެ އަންހެން ޓީޓީ އިވެންޓުން ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އެއާ އެކު ދެން ފެނުނީ ވަރަށް ވެސް ހައިރާން ކުރުވަނިވި މަންޒަރެކެވެ. މެޗު ބައްލަވާލައްވަން ގޮނޑި ބަރީގައި އިންނެވި ރާއްޖޭގެ ރައީސް ފެންސު މަތިން ފުންމާލައި ގޮސް ޓީމު ކުޅުންތެރިންނާ އެކު އުފަލުގައި ބައިވެރިވި މަންޒަރެވެ. މިއީ މީގެ ކުރިން ދިވެހި ކުޅުވަރުން ފެނިފައި ނުވާ މުޅިން އައު ކަމެކެވެ.

މޮރިޝަސް ބަލިކުރުމަށްފަހު ރާއްޖޭގެ އަންހެން ގައިމީ ޓީޓީ ޓީމުގެ ކުޅުންތެރިންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފާފާޅު ކުރަނީ --- ފޮޓޯ: އެމްއޯސީ

ގައުމީ އަންހެން ޓީޓީ ޓީމަށް ސަޕޯޓް ކުރެއްވުމުގެ ގޮތުން "ޓީމް މޯލްޑިވްސް" ޖަހާފައިވާ ފެހި ޓީޝާޓެއް ތުރުކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ އިތުރުން ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ރޭ ދެއްކެވި ނަމޫނާ އަކީ ދިވެހިންގެ ހިތްތަކަށް އަސަރު ކުރުވި އުފަލުން ރޮވޭނެހާ ވެސް އުފާވެރި ކަން ގެނުވި ކަމެކެވެ. މުބާރާތް ބާއްވަމުން ދިޔަ މޮރިޝަސްގެ ގިނަ ސަޕޯޓަރުންނަށް އެންމެ ތަންފުކެއް ވެސް ދޫ ނުދީ އެ ބޭފުޅުން ސަޕޯޓް ކުރެއްވީ އަމިއްލަ ދަރިއަކު ކުޅޭ އިރު މައިންބަައިން ކުރާ މިންވަރާ އެއް ހަމައަކަށެވެ.

ފެން ބޮއެ ނިންމާފައި އޮތް ހުސްފުޅި އަކުން އަޑު ލައްވާ ގައުމީ ޓީމަށް ރައީސް ތަރުހީބު ދެއްވި އިރު މިއީ މީގެ ކުރީގެ ރައީސަކު ދުވަހަކު ވެސް އުޅުއްވި ގޮތެއް ނޫނެވެ. މީހުންނާ ގުޅޭ، ކުޅިވަރަށް ލޯބި ކުރައްވާ އޯގާތެރިކަމުގެ ލާމަސީލު ދެވަނަ މިސާލެއް ނެތް ފަދަ ރައީސް އިބްރާހިމް ސޯލިހު ވަނީ އެންމެ ފުރަތަމަ ދުވަހުން ފަށައިގެން ވެސް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކުޅުނު މެޗުތައް ބައްލަވާލެއްވުމަށް މެޗު ކުޅޭ ހޯލަށް ވަޑައިގެންފަ އެވެ. ޓީމަށް ހިތްވަރު ދެއްވުމުގައި މުޅި ދުނިޔެއަށް އެމަނިކުފާނު މި ދެއްކެވިި ނަމޫނާ އަކީ ދިވެހިންގެ ފަޙުރުވެރިކަން އިންތިހާއަށް ހާމަވެގެން ދިޔަ ކަމެކެވެ.

ރައީސްގެ މި ދަތުރުފުޅަކީ މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނަމަވެސް ގިނަ ވަގުތު ހޭދަކުރެއްވީ މެޗުތައް ބެއްލެވުމުގަ އެވެ. އެގޮތުން އެއް ގޭމު ބެއްލެވުމަށްފަހު އަނެއް ގޭމަށް ދަތުރު ކުރެއްވުމުގައި އަވަދި ނެތި އުޅުއްވާ އިރު އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ ރަސްމީ އިއްޒަތުގައި (ވީއައިޕީގައި) މަޑު ކުރައްވައި މެޗުތައް ބެއްލެވުމުގެ ބަދަލުގައި ރައީސް ބައްލަވަނީ ވީހާ ވެސް ކުޅުންތެރިންނާ ކައިރިވާނެ ފަދަ ތަނެއްގައި ހުރެ ވަޑައިގެންނެވޭތޯ އެވެ.

"ރަން މެޑަލް! އަހަރަމެން ގައުމަށް ދަތުރު ކުރާނީ ގައިމު ވެސް ރަން މެޑައްޔަކާ އެކު. އަންހެން ޓީޓީ ޓީމަށް ހަމަ ސާބަސް! ތި ދެއްކި ހިތްވަރަށް ޝުކުރިއްޔާ. ތިއީ މިގަައުމުގެ ވެސް ފަހުރުވެރި ދަރިންތަކެއް." ރައީސް ކުރެއްްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

މީގެ ކުރީ ސަރުކާރުތަކުން ކުޅިވަރަށް ވަރަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަން އެތައް ބަޔަކު ވަނީ މީގެ ކުރިން ވެސް ފާހަގަ ކޮށްފަ އެވެ. ނަމަވެސް މިހާރުގެ މި ސަރުކާރުގައި ކުޅިވަރަށް ދޭ އަހައްމިޔަތާއި ކުރާ ހަރަދުތަކަކީ ހިސާބު ޖަހާ މީހުނަށް ވަރަށް ރަނގަޅައް އިނގޭނެ ކަން ކަމެވެ.

އެގޮތުން މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވާ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް އިއްޔެ ވަނީ ރަސްމީކޮށް ބިޑު ހުށައަޅައިފަ އެވެ. މި މުބާރާތް ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ވެސް ބައިނަލް އަގުވާމީ ގޮތުން ބޭއްވޭ އެންމެ ބޮޑު މުބާރާތަށެވެ. އެހެން ކަމުން މީގެ ފައިދާ ކުރާނީ ހަމައެކަނި ކުޅިވަރ ކުޅޭ ފަރާތްތަކަކަށް ނޫނެވެ. މުޅި ދިވެހި ރާއްޖޭގެ އިގްތިސާދަށް ވެސް މީގެން ބޮޑެތި މަންފާތަކެއް ލިބޭނެ އެވެ.

ކުޅިވަރަކީ އެކަމަކުން ގައުމީ ޖޯޝާއި ފޯރި ކޮންމެ މީހަކަށް ވެސް ގެނުވާ ކަމަކަށް ވާ އިރު ގައުމެއްގެ ރައީސެއް އެންމެ ގާތުން ހިތްވަރުދީ ކާމިޔާބީގައި އެންމެ އަވަހަށް ގާތުން ތަހުނިޔާ ދެއްވުމަކީ ގައުމީ އެއްބައިވަންތަކަން އުފެދޭނެ ކަމެއް ކަން ކަށަވަރެވެ. ރޭގެ ޓީޓީ މެޗު ބައްލަވަން ތިން ގަޑިއިރު ވަންދެން ކެތްތެރިކަމާ އެކު އިނދެ މެޗުން މޮޅުވުމުން ގޮސް ކުޅުންތެރިންގެ ގައިގައި ބައްދާލާ އުފަލުން ފޮޅިފައި ހުންނެވި ރާއްޖޭގެ ރައީސަށް ވެސް ރަން މެޑައްޔެއް ހަމަ ހައްގެވެ.

comment ކޮމެންޓް