ޖޭއެސްސީ މެންބަރުންގެ އުމުރު 40 އަށް މަތިކުރަން ބާ ކައުންސިލް މެންބަރުން ދެކޮޅު

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ބާ ކައުންސިލް މެންބަރުންނާ ބައްދަލު ކުރައްވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މަގާމުގެ ހައިސިއްޔަތުން ފިޔަވައި އެހެން ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވެވޭނީ އުމުރުން 40 އަހަރު ވުމުން ކަމަށް ކަނޑައެޅުމަށް އެ ކޮމިޝަނުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބާ ކައުންސިލްގެ ބައެއް މެންބަރުން ދެކޮޅު ހަދައިފިއެވެ.

ޖޭއެސްސީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އެ އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ އިއްވާފަ އެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއިން ބާ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލު ކުރި އިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވަނީ، ޖޭއެސްސީއަށް އައްޔަނު ކުރާ މެންބަރުންގެ އުމުރާ ގުޅޭ ގޮތުން ބާ ކައުންސިލުން ދެކޭ ގޮތް ހާމަކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް ރައްދު ދެއްވައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ، އުމުރާ ގުޅޭ ގޮތުން ބާ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި އެހެން ނަމަވެސް އަމިއްލަ ގޮތުން އެ އިސްލާހާ ދެކޮޅު ކަމަށެވެ.

"އުމުރު އެގޮތަށް ލިމިޓް ކުރުމަކީ ރަނގަޅު ކަމެއް ނޫން،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ކައުންސިލް ހާޒިރު ކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޖޭއެސްސީ މެންބަރުންގެ އުމުރު 40 އަހަރަށް މަތިކުރުމުގެ ވިސްނުން މަޖިލީހުން ގެންގުޅެނީ ކޮން ސަބަބަކާ ހުރެ ކަމެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ބާ ކައުންސިލްގެ އެކްސްކޯ މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އުމުރަކީ އޭގެ ޒާތުން މީހަކު ވަކިގޮތަށް އަމަލުކޮށްފާނެ ކަމަށް ނުވަތަ ނުކުރާނެ ކަމަށް އޮންނަ އިންޑިކޭޓިވް ފެކްޓާއެއް ނޫން. އޭގެ ޒާތުގައި،" ބާ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވި އެވެ.

ޝުޖޫން ވިދާޅުވީ ޖޭއެސްސީއަށް އައްޔަނު ކުރާ މެންބަރުންގެ އުމުރަށް ވުރެން އެ ބޭފުޅުންގެ ނަޒާހަތްތެރިކަމަށް ބެލުން މުހިންމު ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޖުަލައި، 17، 2019: ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ބާ ކައުންސިލް ހާޒިރު ކުރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބާ ކައުންސިލްގެ މެންބަރުންގެ ވާހަކަތަކާ ގުޅިގެން އެ އިސްލާހު ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވީ، އެ ގޮތަށް އިސްލާހު ހުށަހެޅުއްވީ މާޒީގައި ކަން ހިނގާފައިވާ ގޮތަށް ބަލާފައި ކަމަށާއި ނަމަވެސް މަޝްވަރާކޮށްގެން އެ އިސްލާހަށް ބަދަލު ގެނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް މިނިވަންކޮށް ޖޭއެސްސީ މަސައްކަތް ކުރަން. ސިޔާސީ ނުފޫޒުން އެއްކިބާވެ ރަނގަޅު އަދުލުވެރި ފަނޑިޔާރުގެއެއް ހޯދުމަށް މަސައްކަތް ކޮށްދޭނެ ތަނަކަށް ޖޭއެސްސީ ވުން. އެ މަގުސަދުގަ އަޅުގަނޑުމެން އޭރު 40 އަހަރު ހިމެނިފަ އޮތީ،" މޫސާ ސިރާޖު ވިދާޅުވި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި ބުނެފައިވާ ޖޭއެސްސީ މެމްބަރަގެއް ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް ބަދަލުތަކެއް ގެންނަން ވަނީ ހުށަހަޅާފަ އެވެ. މިހާރު ގާނޫނުގައި ބުނެފައިވަނީ ޖޭއެސްސީގެ މެމްބަރަކަށް ވެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ކަމަށެވެ. އެކަމަކު މިހާރު އެ އުމުރު 40 ހަށް ބަދަލު ކުރަން ވަނީ ހުށަހަޅާފަ އެވެ.

comment ކޮމެންޓް