ބިދޭސީންގެ ކުށުގެ ވެށިން އިންޒާރުގެ ރަނގަބީލެއް!

ބިދޭސީންތަކެއް މަގުމަތީގައި މަޑުކޮށްލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ދުވަސްކޮޅެއް ކުރިން ކޯސްޓްގާޑް ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދެސީން ދިރިއުޅުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. ގޭ ދޮރުމައްޗަށް ނުކުތަސް އުޅެނީ ގޮތް ނޭންގޭ ބައެއް ކަމަށާއި އެއީ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް އެދުވަހު ފާހަގަ ކުރެއްވި އެވެ. ހަގީގަތުގައި އެއީ ވަރަށް ބޮޑު ތެދެއްކަން ރާއްޖޭގެ ކުށުގެ ވެށިން ކުރަހާ މަންޒަރުން ސާފުވެ އެވެ.

ރާއްޖޭގެ ކުށުގެ ވެއްޓަށް ބަލާއިރު ބޮޑެތި ޖިނާއީ ކުއްތަކުގެ ތެރެއިން މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް އަދި ބަދުއަހުލާގީ މަސައްލަތަކުގައި ބިދޭސީން ޝާމިލުވާ މިންވަރު ގިނަ އެވެ. އޭގެ އިތުރުން ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ވެސް ގިނަ އެވެ. ފުލުހުންގެ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ޖިނާއީ ކުށުގެ ތަފާސްހިސާބުތަކުން މިކަމަށް ހެކި ދެއެވެ.

ބިދޭސީންގެ މަސްތުވާތަކެތީގެ ވިޔަފާރީގައި

ބިދޭސީން މާލެއާއި އަތޮޅު ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވަނީ މަތީ ދަރަޖައަކަށެވެ. އެކަމުގައި އެމީހުންގެ ބައިވެރިވުން އޮތީ ކިހާވަރަކަށް ހެއްޔެވެ؟

ޑްރަގް ވިއްކުމާއި ޓްރެފިކް ކުރުމުގައި ބިދޭސީންގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ.

ވޭތުވެ ދިޔަ ދެ އަހަރުގެ ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު 2017 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި 25 ބިދޭސީއަކަށް ވަނީ ދައުވާކޮށްފަ އެވެ. އަދި 2018 ވަނަ އަހަރު 12 ބިދޭސީއަކަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ދައުވާކޮށްފައިވެ އެވެ.

ފުލުހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކޮށްފައިވާ އަދަދަށް ބަލާއިރު 2017 ވަނަ އަހަރު 143 ބިދޭސީން ހައްޔަރުކޮށްފައިވެއެވެ. އަދި 2018 ވަނަ އަހަރު 103 ބިދޭސީން ހައްޔަރުކޮށްފައިވެ އެވެ.

އޭގެ އިތުރުން ބިދޭސީން ޝާމިލުވާ ޑްރަގް ޓްރެފިކް ކުރުމުގެ 43 މައްލައެއް 2017 ވަނަ އަހަރު ބަލާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާއިރު 2018 ވަނަ އަހަރު ވަނީ ޑްރަގް ޓްރެފިކް ކުރުމުގައި ބިދޭސީން ޝާމިލުވާ 33 މައްސަލައެއް ބަލާފަ އެވެ.

ބަދުއަހުލާގީ މައްސަލަތަކުގައި 106 ބިދޭސީން

ބިދޭސީން ދިވެހި އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށް، ފުރައްސާރަ ކުރާ ވާހަކަތައް މީގެ ކުރިންވެސް ފެންމަތިވެފައިވެ އެވެ. އެކަމަކު މިފަދަ މައްސަލަތަކަކީ ކިހާވަރަކަށް އާންމު މައްސަލަތަކެއް ކަމެއް މީގެ ކުރިން ސާފުވެފައި ނުވެއެވެ.

ތަފާސްހިސާބުތަކަށް ބަލާލުމުން ބަލައިލުމުން ފެންނަ މަންޒަރަކީ، މިދިޔަ ދެ އަހަރެއްގެ ތެރޭގައި ބިދޭސީންނާ ގުޅޭ ބަދުއަހުލާގީ މައްސަލަތަކުގައި ހައްޔަރު ކުރި މީހުންގެ އަދަދު ގިނަ ކަމެވެ.

2017 އަދި 2018 ވަނަ އަހަރުގެ ފުލުހުންގެ ތަފާސްހިސާބަށް ބަލާއިރު ބަދުއަހުލާގީ މައްސަލަތަކުގައި ޖުމްލަ 106 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 2017 ވަނަ އަހަރު 61 މީހަކާއި 2018 ވަނަ އަހަރު 45 ބިދޭސީއެކެވެ.

އޭގެ އިތުރުން އެކި އެކި މައްސަލަތަކަށް ބަލާއިރު ބިދޭސީން ޝާމިލުވާ 754 މައްސަލައެއް ފުލުހުން ވަނީ ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ބަލާފަ އެވެ. އޭގެ ތެރޭގައި ވައްކަމާއި، ފޭރުމާއި މާރާމާރީގެ މައްސަލަތައްވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

  • މާރާމާރީ - 108 މައްސަލަ
  • ވައްކަން - 93 މައްސަލަ
  • މަކަރާއި ހީލަތް - 17 މައްސަލަ
  • އެހެނިހެން - 163

ފުލުހުންގެ ތަފާސް ހިސާބަށް ބަލާއިރު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި އެކި ކުށްކުށުގެ ތުހުމަތުގައި 43 ފިރިހެން ބިދޭސީންނާއި ފަސް އަންހެން ބިދޭސީއިން އެބަތިއްބެވެ. ި ހުރިހާ ނަމްބަރަކުން ބުނަނީ، ރާއްޖޭގެ ކުށުގެ ވެށީގައި ކުށްތަކަށް އަރައިގަންނަ ބިދޭސީން ގިނަކަމެވެ.

މީހުން މެރުމުގައި ބިދޭސީން

ބިދޭސީން ޝާމިލުވާ މައްސަލަތަކުގެ ތެރެއިން ރާއްޖޭގައި ހިނގާފައިވާ ބައެއް ބޮޑެތި މަރުތަކުގެ މައްސަލަތައް ވެސް ހިމެނެ އެވެ. ހއ. އިހަވަންދޫގެ އައިސްޕްލާންޓުގައި މަސައްކަތް ކުރި ޅ. ހިންނަވަރު، އަތިރީގެ، އިސްމާއިލް އުމަރު (އިއްސެ)ގެ މަރަކީ މުޅި ގައުމު އެ މަރާ ގުޅިގެން ގިނަ ސުވާލުތަކެއް އުފެއްދި މަރެކެވެ. ކަން ވެގެން ދިޔަ ގޮތް ފުލުހުން ތަހުގީގު ކުރި އިރު އެކަމުގައި ޝާމިލުވީ ބިދޭސީންނެވެ. އިއްސެގެ މަރާ ގުޅިގެން ފަސް ބިދޭސީއެއްގެ މައްޗަށް ދައުވާ ކުރި އެވެ.

އޭގެ އިތުރުން 2016 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލީވެސް ހަމަ ބިދޭސީއެކެވެ. ޒުހާ މަރާލީ ޖިންސީ ގުޅުން ހިންގުމަށް ފަހު އުފެދުނު ދެބަސްވުމަކަށް ފަހު ކަމަށް ތަހުގީގުގައި ބިދޭސީ މީހާ އިއުތިރާފްވި އެވެ. އޭނާ ޒުހާ މަރާލި ކަމަށް އެއްބަސްވެސް ވި އެވެ.

އޭގެއިތުރުން ލުތުފަރުގެ މަރަކީވެސް ލާއިންސާނީ އެތަށް އަނިޔާތަކެއް ދީފައިވާ ހަމަ ބިދޭސީން ޝާމިލުވާ މަރެކެވެ. އެމީހުންގެ ގައުމުގެ އެކުވެރިޔާ ކޮށައި ކުދިކޮށް މޫދަށް އަޅާލައިފައިވަނީވެސް އޭނާގެ ބިދޭސީ ރަށްޓެހިން އެވެ.

މިހުރިހާ ކަމަކުންވެސް ދޭހަވަނީ އާދަޔާ ހިލާފަށް ރާއްޖޭގައި ގިނަ ވެގެން މިއުޅޭ ބިދޭސީންގެ ސަބަބުން މި މުޖުތަމައުގައި ނޭދެވޭ އެތަށް ކަމެއް ހިނގާ ކަމެވެ. ބިދޭސީންގެ ބޮޑު ބައިވެރިވުމަކާ އެކު ބޮޑު ކުށުގެ ވެއްޓެއް މި އަންނަނީ ފައްކާވަމުން އެވެ. ބަލަބަލާ ތިއްބާ މި މައްސަލަ ވެސް މި ދަނީ ބޮއްސުންލައިން އެވެ.

comment ކޮމެންޓް