މަހަށް ހަމަ އަގު ހޯދުމަށް ކޫއްޑޫގައި ކޭނިން ފެކްޓްރީއެއް ގާއިމު ކުރަން ޖެހޭ: ސައުދު

މެމްބަރު ސައުދު ރައީސް ސޯލިހާ ސަލާމް ކުރައްވަނީ: ކޫއްޑޫގައި ކޭނިން ފެކްޓްރީ ގާއިމު ކުރަން ޖެހޭ ކަމަށް ސައުދު ވިދާޅުވި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މަސް ދަޅުގައި ބަންދުކުރާނެ ކޭނިން ފެކްޓްރީ އެއް ގއ. ކޫއްޑޫގައި ގާއިމު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރޭ ގދ. ތިނަދޫ ގައި ބޭއްވި "ޖަޒީރާ ހޮޅުއަށި" ގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖެ އިން މަސް ބަންދުކޮށް ބޭރު ކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ފެލިވަރުގެ ކެޕޭސިޓީ ބޮޑުކޮށް ކޫއްޑޫ އަދި ތިނަދޫގައި މަސް ބަންދުކުރާ ފެކްޓްރީ އެއް ގާއިމު ކުރުމުގެ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން މެންބަރު ސައުދު ވިދާޅުވީ، މަސް ވެރިކަމުގެ ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މަހަށް ހަމަ އަގު ނުލިބުން ކަމަށެވެ. ހަމަ އަގު ނުލިބެނީ މަސް، ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން ބޭރު ކުރުމުގެ ބަދަލުގައި ރޯމަސް ފިނިކޮށްގެން ރާއްޖެއިން ބޭރު ކުރާތީ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

"އަހަރެއްގެ މައްޗަށް ކޫއްޑޫ އިން މަސް ފިނިކޮށްގެން ބޯޓުތަކުގެ ފަލުކާއަށް އަޅައިގެން 2،000 ޓަނު ނުވަތަ 3،000 ޓަނުގެ މަސް ޑައިރެކްޓްކޮށް ތައިލެންޑަށް އެބަ އެކްސްޕޯޓު ކުރޭ. ސުވާލަކީ ކީއްވެގެންހޭ މި ސިނާއަތު ބަލަހައްޓަވާ ފަރާތްތަކުން ކޫއްޑޫގައި ކޭނިން ފެކްޓްރީއެއް ގައިމު ކޮށްގެން ވެލިއު އެޑެޑް ޕްރޮޑަކްޝަން އިތުރުކޮށްގެން މަހުން ނަފާ ހޯދަން މަސައްކަތް ނުކުރައްވަނީ،" ސިޔާސީ ދާއިރާ އަށް ނިކުންނެވުމުގެ ކުރިން ކޫއްޑޫގައި ވަޒީފާ އަދާ ކުރެއްވި ސައުދު ވިދާޅުވި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން : މަހަށް ހަމަ އަގު ލިބުމަށް ކޫއްޑޫގައި މަސް ދަޅު ބަންދުކުރާ ފެކްޓްރީ އަޅަން ޖެހޭ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ/ މަޖިލިސް

މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަސް މިހާރު ދަޅުތަކުގައި ބަންދުކުރަނީ ހަމަ އެކަނި ފެލިވަރުގަ އެވެ. ސައުދު ވިދާޅުވީ، ފެލިވަރުގައި މަސް ބަންދުކުރުމަށް އެކަށީގެންވާ މިންވަރަށް ފެލިވަރަށް މަސް ނުލިބޭ ކަމަށެވެ. އެގޮތުން އަބަދުވެސް ކޫއްޑޫއިން ގަންނަ މަސް ފެލިވަރަށް ބޯޓުތަކުގައި އުފުލަން ޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކަށް މި ވަނީ، ކޫއްޑޫން 34 ގަޑިއިރު ދަތުރެއް ކޮށްފައި، 500 ޓަނުގެ މަސް އުފުލުމަށް ދެ ބޯޓެއް އަބަދުވެސް ހުސްކޮށްފައި ބާއްވަން ޖެހޭ ފެލިވަރަށް މަސް އުފުލުމަށްޓަކައި. މިއެއް ނޫން މިކަން އޮންނަވާނެ ގޮތަކީ،" ސައުދު ވިދާޅުވި އެވެ.

"މަހުގެ ހަމަ އަގު ހޯދައި ދިނުމަށްޓަކައި އެބަ ޖެހޭ މިހާރުން މިހާރަށް ކޫއްޑޫ ފިޝަރީޒް ގައި ކޭނިން ފެކްޓްރީއެއް ގާއިމު ކުރަން. ކޫއްޑޫގައި ރިސޯސަސް އެބަހުރި. މުވައްޒިފުން އެބަތިބި. އިންޖީން ކެޕޭސިޓީ އެބަހުރި. ހަރަދު ކުޑަ ގޮތަކީ ވެސް ކޫއްޑޫގައި ކޭނިން ފެކްޓްރީ އެޅުން،"

ރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވުން ރައީސް ސޯލިހް ވިދާޅުވީ، ފިނި ކުރި މަހުގެ ގޮތުގައި ޒަމާނުއްސުރެ މިފްކޯއިން ގަންނަ މަސް ބޭރު ކުރަނީ ކޮންމެވެސް ބަޔަކަށް އޭގެ ނާޖާއިޒު ފައިދާތަކެއް ލިބޭތީކަމަށެވެ. ނަމަވެސް މިސަރުކާރުން އެކަން ބަދަލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބޭނުމެއް ނުވި އޭރު [ކުރީގެ ސަރުކާރުތަކުން] އިތުރަކަށް ކޭން ކޮށްގެން، އިތުރު ވެލިއު އެޑެޑްކޮށްގެން އަގު ސަރުކާރަށް ވައްދާކަށް. އެހެން ނަމަވެސް ހުރި ގޮތަށް މަސް ބޭރު ކުރީމަ އޭގެން ފައިދާވާ ބަޔަކު ތިބި އޭރު. އޭގެ ފައިދާ މިހާރުވެސް ނަގަމުން ދަނީ. އެކަމަށް އެބަ ޖެހޭ ބަދަލު އަންނަން. ރާއްޖެއަށް ބާނާ މަސް ކޭން ކޮށްގެން އަދި އިތުރު ގޮތް ހަދައިގެން އެޔަށް ލިބޭ ބޮޑު އަގު. އެކަން ނުކޮށް ތިބުމުން މިއަދު މަސްވެރިކަން މިހިސާބުގައި މިއޮތީ،" ރައީސް ވިދާޅުވިއެވެ.

ޖަޒީރާ ހޮޅުއަށީގައި ރައީސް ވާހަކަ ދައްކަވަނީ ---ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހް ވިދާޅުވީ، ދަޅުގައި މަސް ބަންދުކޮށްގެން ބޭރުކުރުމުން ލިބޭ އާމްދަނީ ހަތަރު ގުނަ އިތުރުވާނެ ކަމަށެވެ. މިފްކޯއަށް ބޮޑެތި ބަަދަލުތައް ގެނެސްގެން ދަޅުގައި މަސް ބަންދުކޮށްގެން ރާއްޖެއިން ބޭރު ކުރާ މިންވަރު އިތުރު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިފްކޯއިން ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރަނީ 28-30 ޕަސެންޓާ ދެމެދުގެ މަހެވެ.

comment ކޮމެންޓް