"ދޮންބޭ. އަހަރެން ބުނާ ވަހަކއަކުން ދޮންބެއަށް ވާނެގޮތެއް ނޭނގެ. އެކަމަކު އެއްވެސްކަމެއް އަވަސް އަރުވާލައިގެން ނުކުރައްޗޭ. އަހަރެންނަކަށް ނޭނގެ މިކުރެވެނީ ރަނގަޅުކަމެއްކަމެއް ނޫނީ ނޫންކަމެއްވެސް. އެކަމަކު މި ވާހަކަ ނުބުނެ ހުންނާކަށްވެސް ބޭނުމެއްނޫން. ދޮންބޭ ނާލް އިނީ ބަލިވެ" ކިނާން އިޒިއަންއަށް ފުން ނަޒަރަކުން ބަލާލާ ފަހު ޖުމްލަ ބުނެލީ ނުހަނު މަޑުންނެވެ.

"ވަޓް؟....." ލިބުނު ޝޮކުގެ ސަބަބުން އިޒިއަންއަށް ފުންމައިގެން ސޯފާއިން ތެދުވެވުނެވެ. ބޮލުގައި ދެ އަތުން ހިފައްޓާލެވުމާއެކު އިޒިއަންއަށް ދެލޯ މަރާލެވުނެވެ. އިވުނު ހަބަރެއްގެ ސަބަބުން އޭނާގެ ތަބީއަތަށް ބޮޑުބަދަލެއް އަތުވެއްޖެއެވެ. އަނާލް ބަނޑުބޮޑުކަން އެނގުމާއެކު އޭނާ ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގުނެވެ. އެފަދަ ވާހަކައެއް އަޑުއަހަން ފިރިމީހާ ބޭނުންވާނީ އަނބިމީހާގެ ފަރާތުންނެއް ނޫންހެއްޔެވެ؟ އުފަލުގައި ދެމަފިރިން އެކަކު އަނެކަކަށް މަރުހަބާ ކިޔަންޖެހޭނެނޫންހެއްޔެވެ؟ އެހެންނަމަވެސް އޭނާއަށް އެ ފަދަ އުފާވެރި ހަބަރެއް މި އިވުނީ އަނާލްގެ ފަރާތުންނެއްނޫނެވެ. އަނާލް އޭނާއަށް ފިލައިގެން އުޅުމާ، ފޯނަށް ޖަވާބު ނުދިނުން ގުޅިފައިވަނީ، އަނާލް ބަލިވެއިން، އިނުން ކަމުގައި އިޒިއަންއަށް ވިސްނުނެވެ. ހަމަ އެހިނދު އަނާލްއާ މެދު އެ ހިތުގައި އެތަކެއް ޝަކުވާއެއް އުފެދިގެން ދިޔައެވެ. އަނާލް ހީކުރަނީ ކީކޭކަމައްހެއްޔެވެ؟ އޭނާވެސް ވަރަށް ކެތްކޮށްފިއެވެ. އަނާލްގެ ކޮންމެ އަނިޔާއަކަށް އޭނަ ކެތްކޮށްފާއެވެ. އެކަމަކު މިފަދަހަބަރެއް އޭނާއަށް ސިއްރުކުރުން ބަލައިގަނެވޭ ގޮތެއް ނުވިއެވެ. އަނެއްކާ އަނާލް އުޅެނީ އޭނާއާއި އޭނާގެ ދަރިފުޅާއި ދެމީހުން ދުރުކުރަން ހެއްޔެވެ؟ ނޫނެކެވެ. އެހެން އެކަންތައް ވެގެންނުވާނެއެވެ. އަނާލްގެ ބަނޑުގައިވި ދަރިފުޅު ވާނީ އޭނާގެވެސް ދަރިއަކަށެވެ. އަނާލްއަކަށް އޭނާގެ ދަރިފުޅާއި އޭނާ ދުރުކުރުމުގެ އެއްވެސް ހައްގެއް ނޯންނާނެއެވެ.

"ނާނު ޔަގީންތަ؟" އިޒިއަން ހަމަޖެހެމުން ކިނާންއަށް ބަލާލާ ސުވާލުކޮށްލިއެވެ. އޭރު އޭނާގެ ސިކުނޑީގައި ހިނގަމުންދިޔަ ޝުއޫރުތަކުގެ ސަބަބުން އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ.

"އާނ. ދޮންބޭ! ދީމް ބުނީ، ގޭތެރޭގަ ވަރަށް ހަމަނުޖެހުން ބޮޑުކަމަށްވަނީ. ނާލްދެކެ އާންޓީމެންވެސް ރުޅިއައިސްގެން އުޅޭ ވާހަކަ ބުނި" ކިނާން އޭނާއަށް ދީމް ކިޔައިދީފައިވާ މިންވަރާއި އޭނާއަށް އެނގިފައިވާ މިންވަރު އިޒިއަންއާ ހިއްސާކުރިއެވެ.

"އައި ކާންޓް ހޭންޑެލް ދިސް. އަހަރެން މިދަނީ މިހާރު އަނާލްއާ ބައްދަލުކުރަން. އަހަރެންނަށް ފިލައިގެން އުޅުމަކީ ހައްލެއްނޫން ދޯ ނާނު!" އިޒިއަންގެ އަޑަށް ހިސާބެއްގެ ހިންހަމަނުޖެހުމެއް ވެރިވިއެވެ. އޭނާ ކިނާންއަށް ބަލާލާފައި ނުކުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު އިޒިއަން ދާތަނަކާ ބެހޭގޮތުން ކިނާން ސުވާލުކޮށްލިއެވެ. އެ ސުވާލަށް ޖަވާބުދިނުން މާ މުހިންމު ކަމަކަށް ނުދެކި އިޒިއަން ފިޔަވަޅުތައް ބާރުކޮށްލިއެވެ. އިޒިއަންއަށް ގޮވާލާފައި އަވަސް އަރުވާލައިގެން ކަންތައް ނުކުރުމަށް ކިނާން ބުންޏެވެ. އެއާއިލާގެ މީހުންނަށް ދީމް އެވާހަކަ ކިނާން ގާތު ބުނިކަން އެނގިއްޖެއްޔާ އަނެއްކާ ދީމްދެކެ ރުޅިއައިސްދާނެކަމަށް ކިނާން ބުންޏެވެ. އެހެންނަމަވެސް އިޒިއަން އެކަމަށްވެސް އަޅައެއް ނުލިއެވެ.

"އޯ ގޯޑް.... ވަޓް ކޭން އައި ޑޫ؟" އިޒިއަން ނުކުމެ ދޮރު ލައްޕާލުމާއެކު ހަދާނެ ގޮތަކާ މެދު ކިނާންއަށް ވިސްނެންފެށުނެވެ.

އެކަމަކު ވަގުތުގެ ގޮތުން އިޒިއަން ނުހުއްޓުވޭނެކަންވެސް ކިނާން ދެނެގަތެވެ. އިޒިއަންއަށް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވިދާނެތީ ކިނާން ކަންބޮޑުވެސްވިއެވެ. އެހެންނަމަވެސް އިޒިއަން މި ކަމާ އެކަނި ކުރިމަތިލުމަށް ދޫކޮށްލުމަށް ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. ފަހުން ދެރަވާނެ ފަދަ ކަމެއް އިޒިއަން ނުކުރާނެކަމުގެ ކޮންމެވެސް ވަރެއްގެ ޔަގީންކަމެއްވެސް އޭނާގެ ހިތުގައިވިއެވެ. ފޯނު ނަގާ އިޒިއަން އަށްގުޅާލީ އަވަސް އަރުވައިލައިގެން އެއްވެސް ކަމެއް ނުކުރުމަށް ހަނދާންކޮށްދިނުމަށެވެ. އެހެންނަމަވެސް އިޒިއަން އެއް ފޯނެއް ނުނަގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން އިސްތަށުގަނޑުގެ ތެރެއަށް އަތްމަހާލަމުން ކިނާން ސޯފާގައި އިށީނެވެ. އެއަށްފަހު އިރުކޮޅަކު އޭނާ ވިސްނަން އިނެވެ.

ގޭން ނުކުތް އިޒިއަންގެ ނޭވާ ވަނީ އަވަސްވެފައެވެ. ވެފައި ހުރި ދެރައާ އެއްވަރަށް އައިސްފައި ހުރި ރުޅިވެސް ދިޔައީ ބޮޑުވަމުންނެވެ. އަނާލްއަށް އޭނާގެ އިޙްސާސްތަކާ އަބަދަކު ކުޅެވިގެނެއް ނުވާނެއެވެ. މިރޭ އޭނަ ކޮންމެގޮތެއް ހަދާފައިވެސް އަނާލްއާ ބައްދަލުކުރާނެއެވެ. އެހެންއަބަދަކު ފިލައިގެން އަނާލްއަކަށް ވެސް ނޫޅެވޭނެއެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭނުން ކޮންމެވެސް މިންވަރެއް އަނާލްއަށް ވެސް އެނގެންޖެހޭނެއެވެ.

ޓެކްސީއެއް ހުއްޓުވަން އުޅުނުނަމަވެސް އެވަގުތު އޭނާއަށް ޓެކްސީއެއް ނުލިބުނެވެ. އެހެންކަމުން ހަރުފިޔަވަޅުތަކެއްގައި އިޒިއަން ހިނގަމުން ދިޔައީ އޭނާ އާއްމުކޮށް ހިނގާ އުޅޭވަރަށް ވުރެ ބާރަށެވެ. ބައެއްފަހަރު ދުވެފައި ވެސް ގޮސްދާނެއެވެ. ދުނިޔޭން މީހަކު މޮޔަވެފައި ހުރި ފަދަ ގޮތަކަށް އިޒިއަންގެ އަމަލްތައް ހުއްޓެވެ. އޭނާގެ ފިޔަވަޅުތަކަށް ކުޑަވެސް މަޑުޖެހުމެއް އައީ ވައިޓް ރޯޒް ވިއު އޭނާގެ ރާޑަރަށް އެރުމުންނެވެ. އިރުކޮޅަކު އެ ގެއަށް ބަލަހައްޓައިގެން ހުރުމަށްފަހު އިޒިއަން އަނެއްކާވެސް ހިނގައިގަތެވެ. ގޭޓާ ހިސާބުން ދޮރުވާނަކަށް ހުރި މީހާ އޭނާއަށް ގެއަށް ވަނުން މަނާކުރިއެވެ. އެކަމުން އިޒިއަންގެ ރުޅި ދެގުނަވިއެވެ. އެމީހާ އައިސް އިޒިއަންގެ ކުރިމައްޗަށް އެރުމާއެކު ރުޅިވެރި ކަމާއެކު ކޮށްޕާލުމަށްފަހު ދުވެފައި ގޮސް ގޭގެ ދޮރު މައްޗަށްއަރައިފިއެވެ. އިޒިއަން ވަށައިގެން ގޭތެރެއަށް ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވީ ކަންނޭގެއެވެ. ނިތްކުރިމަތީގައި ހުރި ދާތިކިތައް ދެތިން ފަހަރަކު ފުހެލިއެވެ. އެއަށްފަހު ހިކިފައިވި ތުންފަތުގައި ދޫ ހާކާލާ ތުންފަތް ތެތްމާލިއެވެ. އަދި އެތެރެއަށް ފިޔަވަޅެއް އަޅާލިއެވެ. އަނެއްކާވެސް ވަށައިގެން ބަލާލިއެވެ. އެއަށްފަހު ފެނުނީ އަނާލްގެ ކޮޓަރިއާ ދިމާލަށް އިޒިއަން ހިނގައިގަތް ތަނެވެ.

ކޮޓަރީގައި ހުރި ސޯފާގައި އިށީނދެ އިން އަނާލް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނީ އިޒިއަން ފޮނުވި މެސެޖަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ކޮން ކުލަވަރެއްކަން ދެނެގަންނަން އުނދަގުލެވެ. ބައެއްފަހަރު ދެބުމަ ހިއްލާލަފާނެއެވެ. އަނެއްބައިފަހަރު ބޯ ދެފަރާތަށް ހޫރާލަފާނެއެވެ. އޭނާގެ އެސްފިޔަތައް ތެމިފައި ވުމުން އެހުރީ ދެންމެ ވެސް ރޮއިފައިކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އަނާލް ސިހުނީ ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވާލިއަޑަށެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ކޮޅަށް ތެދުވެވުނީ އިޒިއަން ފެނިފައެވެ. އެ މޫނުމަތިން ފެނުނު ކުލަވަރުތަކުން ޖެހިލުންވާގޮތްވެ ހުރެ އަނާލް އަށް އިޒިއަންގެ ނަން ކިޔާލެވުނެވެ. އިޒިއަން އޭނާއާ ދިމާލަށް އަންނަމުންދިޔަ ގޮތުން އަނާލް ހާސްވިއެވެ. އެއްޗެއް ނުބުނެވި އުޅެނިކޮށް އިޒިއަން އައިސް އޭނާގެ ގާތަށް ހުއްޓުނެވެ. އަނާލް އިސްޖަހާލިއެވެ. އޭނާއަށް ސިހުން ގެނުވީ އިޒިއަން ދެން ގެނައި ހަރަކާތުންނެވެ.

"ނާލް!" އަނާލްގެ ގައިގައި ބައްދާލަމުން އިޒިއަންއަށް ޖަޒުބާތުން ފުރިގެންވީ ގޮތަކަށް ގޮވާލެވުނެވެ. ހަޤީގަތުގައި އޭނާ އައީ އަނާލްއާ އެގޮތަށް ވާހަކަ ދައްކާކަށް ނޫނެވެ. އޭނަ އައީ އޭނާގެ ހިތުގައި އޮތް ސުވާލުތަކަށް ޖަވާބު ހޯދާށެވެ. އެހެންނަމަވެސް އަނާލް ފެނުމުން އެހިތުގެ އިޙްސާސްތަކުގެ މައްޗަށް ބާރު ނުފޯރުވުނީއެވެ.

'ނާލް. އައި އެމް ސޯ ހެޕީ. ކީއްވެ ނުބުނީ؟ ކީއްވެ އަހަރެން ބައްޕައަކަށް ވާން އުޅޭ ވާހަކަ ނުބުނީ؟" އިޒިއަން ބުނެލުމާއެކު އަނާލް ސިހިފައި އިޒިއަން ދުރުކޮށްލިއެވެ. އެއާއެކު އިޒިއަންއަށް ލިބުނީ ސިހުމެކެވެ. އިޒިއަން އަނާލްއަށް ފުންކޮށްބަލާލިއެވެ. އޭނާ އެ މޫނުމަތިން ކަމެއް ހޯދަން މަސައްކަތް ކުރާފަދައެވެ.

"އަނާލް އުފަލެއް ނުވޭތަ؟" އިޒިއަންއަށް އަސަރާއެކު އަހާލެވުނެވެ.

"ކިހިނެތް އެނގުނީ؟" އިޒިއަންއަށް ބަލާލަމުން އަނާލް އަހާލިއެވެ. އޭރު އޭނާގެ އަޑުގައި ހިސާބެއްގެ ރުޅިވެރިކަމެއް ހުރިހެން އިޒިއަންއަށް ހީވިއެވެ.

"އިނގުނު ގޮތް މުހިންމެއްނޫނޭ. މުހިންމީ އަހަރެމެން ދެމީހުންގެ ދަރިފުޅޭ ނާލް!" އިޒިއަން ބުނެލިއެވެ. އެއާއެކު އަނާލް އެއްމިޔަކަށް ހީލިތަން ފެނުނެވެ.

"ނާލް!" އަނާލްގެ މޫނުމައްޗަށް ވެރިވި ކުލަވަރުން މިފަހަރުވެސް އަނާލްއަށް ގޮވާލުން ފިޔަވާ އިތުރުކަމެއް އިޒިއަންއަކަށް ނުކުރެވުނެވެ.

"އަނާލް އުފަލެއްނުވޭތަ؟" ދެވަނަ ފަހަރުވެސް އިޒިއަން އެ ސުވާލު ތަކުރާރުކޮށްލިއެވެ.

"އާނ. ނުވޭ" އިޒިއަން ދެރަކުރުމުގެ ނިޔަތުގައި އަނާލް އެ މޫނުމަތިން ހިތާމަތައް އެއްފަރާތް ކޮށްލަމުން ޖަވާބު ދިނެވެ. އެއާއެކު އިޒިއަންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެ އައި ބާރުމިނުގައި އައިސް އަނާލްގެ އަތުގައި ހިފައްޓާލަމުން ދަތް ކުނޑި ވިކާލަމުން ސުވާލުކުރިއެވެ.

"އަހަރެން ދަރިފުޅު ބޭނުމެއް ނޫނޭ ބުނެފިއްޔާ." އަނާލް އިޒިއަންގެ އަތް ފޮޅުވާލިއެވެ.

"ދެން ކިހިނެތް ހަދާނީ މި ދަރިފުޅަށް. ދުނިޔެއަށް ގެންނާނީތަ ނޫނީ...... ބުނެބަލަ! ހާދަ ގޮތެއްނެތޭ!. އަހަރެން ފޫހިވާން ފަށައިފި މިހާރު. އެކަމަކު އަހަރެން އަނާލް ވަރިއެއް ނުކުރާނަން. ދަރިފުޅު އުފަންވުމަށްފަހު ވަރިކޮށްފާނަން، އަނާލް ތި ދަރިފުޅު ބޭނުންނުވިޔަސް އަހަރެން ތި ދަރިފުޅު ބޭނުން..... އަނާލް ޖެހޭނީ ތި ދަރިފުޅު އުފަންކުރަން. އަދި އެހާ ދުވަހަށް މަގޭ އަންބެއްގެ މަގާމުގަވެސް އިންނަން..... މިހުރިހާ ދުވަހު އަހަރެން އަނާލް ޖެހިހާ ބެރަކަށް ނަށާތީ ހީ ނުކުރައްޗޭ ހުރިހާ ކަމަކުން އަނާލްއަށް ކުރިލިބޭނޭ، ދެނެއްނުލިބޭނެ." އިޒިއަންގެ އަޑުގައި ވަނީ ޖެހިލުންކުޑަކަމެވެ.

"އަހަރެން މި ދަރިފުޅަށް ކޮންމެ ގޮތެއް ހެދިޔަސް އިޒިއަންއަކަށް ނޭނގޭނެ. އަހަރެން ދަރިފުޅު އެބޯޓްވެސް ކޮށްފާނަން. ނުކުރި ކަމުގައި ވިނަމަވެސް އިޒިއަންއަކަށް މި ދަރިފުޅެއް ނުދޭނަން..... މި ދަރިފުޅު ދުނިޔެއަށް އުފަން ކުރިނަމަވެސް އިޒިއަންއަށް ދުވަހަކުވެސް ނުދައްކާނަން، އަހަރެން މި ދަރިފުޅު ބޭނުންކުރާނީ އިޒިއަންއަށް އިތުރު ހިތް ދަތިކަމެއް ދިނުމަށް. އަޑު އިވިއްޖެތަ؟" އަނާލްގެ ވާހަކަތަކުން އިޒިއަންހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނާލް ހާދަ ގޯހެވެ.

މިފަހަރަކު އިޒިއަންވެސް ދޫ ދޭކަށް ބޭނުމެއްނުވިއެވެ. އޭނާއަނާލްގެ އަތުގައި އަނެއްކާވެސް ހިފާލިއެވެ.

"ލެޓްސް ވެއިޓް އެންޑް ވޮޗް. ދަރިފުޅު އުފަންވުމަށްފަހު އަނާލް އަތުން އަހަރެން ތި ދަރިފުޅު އަތުލާނަން. އެއަށްފަހު އަހަރެން އަނާލް ވަރިކުރާނަން. ދެން މި ނިންމުން ބަދަލެއް ނުވާނެ، އަނާލްގެ ފަހަތުން އަހަރެން ދެން ދުވަހަކުވެސް އާދޭސް ކުރަމުން ނުދާނަން..... އަހަރެންގެ ދަރިފުޅަށް ގެއްލުން ވާނެ އެއްވެސްކަމެއް ކޮށްފިއްޔާ އަހަރެން ވަރު ނުބައި މީހަކު ނުހުންނާނެ. ހަނދާންކުރައްޗޭ!" އިޒިއަން އޭނާގެ ޝަހާދަތް އިނގިލި އަނާލްއަށް ދައްކާލަމުން ބުނެލި ގޮތުން އަނާލް ޖެހިލުންވިއެވެ. ބޭއިޙްތިޔާރުގައި އޭނާއަށް ބަނޑުގައި އަތް އަޅާލެވުނެވެ. އަދި ކޮންމެވެސް އެއްޗެއް ބުނަން އަނގަހުޅުވާލިއެވެ. އެއާއެކު އިޒިއަން އަތްތިލަ ދައްކާލަމުން މަޑުކުރުމަށް ބުންޏެވެ.

އަނާލްވެސް ދޫދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ އިޒިއަންއަށް ބަލާލާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

ދެމީހުން ޒުވާބުކުރާ އަޑުފައްގަނޑަށް ގޭގައި އުޅޭ އެހެން އެންމެންވެސް އައިސްފިއެވެ.

"އަނާލްއަށް އެނގޭތަ؟ ތީ ހިތުގައި އެއްވެސް ރަހުމެއް، ހަމްދަރުދީއެއް އަދި ކުލުނެއް ނެތް އިންސާނެއް މިހާރު. ހަރު ހިލަ ހިތެއްގެ ވެރިއެއް، ގަބޫލެއްވެސް ނުކުރެވޭ ބަނޑުގައި އޮތް ދަރިފުޅާ މެދު އެހާ ނަފްރަތު އަނާލްގެ ހިތުގައި އޮވެދާނެކަން އަދިވެސް. ކުށްކުރީ އެ ދަރިފުޅެއް ނޫނޭ، އަހަރެންނޭ ކުށް ކުރީ..... އަނާލް ރޭޕްކޮށްލީވެސް އަހަރެންނޭ. އެ ދަރިފުޅުގެ ކުށަކީ ކޮބާތަ؟ ކުށެއްނެތް އަދި ދުނިޔެއަށް އުފަންވެސް ނުވާ ކުއްޖަކަށް ތިހާ ނަފްރަތުކުރަން ހެޔޮނުވާނެ!" އިޒިއަންގެ ވާހަކަތައް އައްމާރުއާއި މަޒާޔާއަށް އަޑު އިވުމާއެކު އެ ދެމީހުންނަށްވެސް ބަލާލެވުނީ އަނާލްއަށެވެ. ދީމް ތުންފަތުގައި ދަތް އަޅާލިއެވެ. އަނެއްކާ އަނާލް ގެ ދަރިފުޅަށް އަނާލް ގެ ނަފްރަތު ލިބެނީ ހެއްޔެވެ؟ އޭނަ ގޮތަކަށެވެ. އޭނާ ވޭތުކުރި ފަދަ ހިތްދަތި ހަޔާތެއް އަނާލްގެ ދަރިފުޅު ވޭތުކުރަން ޖެހެނީހެއްޔެވެ؟ އޭނާ އަނާލް އަށް ވިސްނައިދޭން ބޭނުމެވެ. ޝަފޫން އަށް ދީމްގެ އިޙްސާސްތައް އެނގުނީ ކަންނޭގެއެވެ. ފެންކަޅިވެފައި ހުރި ދީމްއަށް ބަލާލާ ކޮނޑުގައި އަތް ޖައްސާލަމުން ހުރިހާކަމެއް ވެސް ރަނގަޅުވާނޭ ކަމަށް ބުންޏެވެ.

"ނާލް ކީއްވެތަ؟" ހަތިޔާރު ބަހައްޓަން މަޖުބޫރުވީ އިޒިއަންއަށެވެ. ހިތްވަރު އެލި އަނެއްކާވެސް މަޑުމޮޅިކަން ވެރިވިއެވެ. އެހެންނަމަވެސް އަލުން އާދޭސްކުރާކަށް ބޭނުމެއްނުވިއެވެ. ދަރިފުޅު އުފަން ވި ހާ އަވަހަށް އޭނާ އަނާލް ވަރިވެސް ކުރާނެއެވެ. ދަރިފުޅުވެސް އަތުލާނެއެވެ. އަނާލްގެ ދުލުން އެ ދަރިފުޅަށް ރައްދުވި ބަސްތަކަށް ފަހު އޭނާ އެންމެ ވަގުތަކުވެސް އެ ދަރިފުޅު އަނާލްގެ ގާތުގައި ބަހައްޓާކަށް ނޭދެއެވެ. ޝާހީން އައިސް އިޒިއަން ގޭން ނެރިލުމުން އިޒިއަން ވަންނަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ދޮރު ލެއްޕުމުން އޭނާ ހަރަކާތްތައް މަޑުޖައްސާލިއެވެ. އަނާލް ކަންތައް ކުރި ގޮތުން ހިތުގައި ޝަކުވާ އުފެދުނެވެ. އެހެން އޭނަ އެތަނުގައި ހުއްޓާ ކިނާން އައިސް ގާތަށް ހުއްޓުނެވެ.

"ދޮންބޭ" އިޒިއަން ހުރިގޮތުން އެއްވެސް ކަމެއް ރަނގަޅަށް ނުދާކަން ކިނާން ދެނެގަތެވެ. އޭނާ އިޒިއަންގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"ކިނާން މިތާ؟" އިޒިއަން އަހާލިއެވެ. ކިނާން ބުނީ ދޮންބެ އެކަނި ކުރަން އޭނާގެ ހިތް ނޭދުނީކަމުގައެވެ. ކަންތައް ވީ ގޮތް ކިނާންއަށް ކިޔައިދިނުމަށްފަހު މާޔޫސްކަމާއެކު ކަރު އެލުވާލަމުން އިޒިއަން ދާން ހިނގައިގަތެވެ. އިޒިއަންގެ ފަހަތުން ކިނާން ވެސް ހިނގައިގަތެވެ. އެހެންނަމަވެސް ހުއްޓެން މަޖުބޫރުވީ އިޒިއަންއަށް މީހަކު ގޮވާލުމުންނެވެ. ފަހަތަށް އެނބުރުނުއިރު އޭނާއަށް ބަލަހައްޓައިގެން ހުރީ އައްމާރުއެވެ. ކިނާންވެސް ފަހަތަށް ބަލާލިއެވެ.

އިޒިއަން އިސްޖަހާލިއެވެ.

"އިޒިއަން" ގާތަށް އައިސް އިޒިއަންއަށް ގޮވާލި އައްމާރު އިޒިއަންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. އެއަށްފަހު އިޒިއަންގެ ގައިގައި ބައްދާލަމުން އޭނަ އިޒިއަންގެ ބުރަކަށީގައި ދެފަހަރަކު ޖަހާލިއެވެ. އައްމާރުގެ މިއަމަލުގެ މާނަ ނަގަންވީ ކިހިނެތްކަން ނޭނގޭ ހާލު އިޒިއަންއަށް ހުރެވުނީއެވެ. ކިނާންވެސް ހުރީ ވަމުންދާ ގޮތް ނޭނގިފައެވެ. އައްމާރު އިރުކޮޅަކު އެހެން ހުރުމަށްފަހު ދުރުވެލިއެވެ. އެއަށްފަހު އިޒިއަންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"އައި އޭމް ވިތް ޔޫ" އައްމާރުގެ އަޑު އިޒިއަންގެ ކަންފަތުގައި ޖެހުމާއެކު އޭނައަށް ސީދާ އައްމާރުގެ ދެލޮލަށް ބަލާލެވުނެވެ.

"މިރޭ އެނގިއްޖެ އަނާލްއަށް އިޒިއަން ފަދަ ހަޔާތުގެ ބައިވެރިއެއް ނުލިބޭނެކަން. އިޒިއަން ބަދަލުވެފައި ހުރި ވަރު ފެނިއްޖެ. ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ މީހުންނަކީ އެންމެ ރަނގަޅު މީހުން. ކުށެއްކުރެވިދާނެ ކޮންމެ މީހަކަށްވެސް. މުޅި އުމުރު އެ ކުށަށް ޝަޒާ ދިނުމަކީ އެކަށީގެންވާ ގޮތެއް ނޫން. ބައްޕައަށް އެނގޭ އިޒިއަންގެ މަންމަމެންވެސް އަދިއަދަށް ދާންދެންވެސް އިޒިއަންއަށް މާފުނުކުރާކަން. އެކަމަކު މިއަދު ބައްޕައަށްވެސް ވިސްނިއްޖެ، މާފުކޮށްފިން، އެއީ މާތް ސިފައެއް " އައްމާރު ވާހަކަދެއްކިއެވެ. އެއާއެކު އިޒިއަންއަށް ހިނިތުންވެލެވުނެވެ. އޭނާއަށް ބަލާލެވުނީ ކިނާންއަށެވެ. ކިނާން ބޯ ޖަހާލިތަން ފެނި އިޒިއަންއަށް ހިނިތުންވުން ފުޅާކޮށްލެވުނެވެ.

އައްމާރުއާ ވާހަލަދައްކައިލުމުން އިޒިއަންގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނު ނަމަވެސް އަނާލްގެ ސަބަބުން ލިބުނު ނުތަނަވަސްކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެނެއްކަމަކު އޭނާގެ ސިކުނޑީގައި ވަނީ އަނާލްގެ ވާހަކަތައް ގުގުމާފައެވެ.

ގޭޓުން ނުކުމެގެން ހިނގައިގަތް އިޒިއަންއަށް ގޮވާލާފައި ކިނާން އޭނާއަށް މަންމަ ގުޅާކަމަށް ބުނެލިއެވެ. އަދި ފޯންނަގާ އިރުކޮޅަކު ވާހަކަދައްކާލުމަށްފަހު ގެއަށް ދާން ޖެހިއްޖެ ކަމުގައި ބުނެލިއެވެ. އިޒިއަން ބޯޖަހާލާފައި ހިނގައިގަތެވެ.

ޖެހިގެން އައި ދުވަހުގެ ވަގުތެކެވެ. ދީމް ހޮސްޕިޓަލުގެ ކެންޓީނުގައި އިނީ ކިނާންއާ އެކުގައެވެ. ކިނާންއާއި އޭނާއާއި ދެމެދުވި ގުޅުމަށް ދޭނަނަމެއް ދެމީހުން ކުރެ އެކަކަށްވެސް ނޭނގެއެވެ. ހަޔާތުގައި ހިނގި ހުރިހާ ސިއްރެއްގެ ވާހަކަ ދީމް ކިނާން އާއި ހިއްސާކޮށްފައިވާއިރު ދީމްގާތުގައި ހިތްވަރުދޭން އެންމެ ގާތުގައި ހުންނަން ކިނާން ބޭނުންވެއެވެ. އެ ދެމެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ކުރިފަޅާ ހެދެމުން ދިޔައީތީ ކިނާންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްވެސް ވިއެވެ. ދީމްއާއި އޭނާގެ ގުޅުމަށް އެ އާއިލާ އެއްބަސްނުވާނެތީ ނުތަނަވަސްކަން ވެސްވިއެވެ. އެހެންވެއްޖެނަމަ ދީމްގެ ހިތްވެސް އަނެއްކާ ފުނޑު ފުނޑުވެދާނެއެވެ. އޭނާ ދީމްއަށް ވިސްނައިދޭން ބޭނުމެވެ. އެކަކު އަނެކަކަށް މާ ގާތް ވުމުގެ ކުރިން އެކުވެރިކަމުގެ ގޮތުގައި އޮތް މިގުޅުން ނިންމާލުމަށެވެ. އެހެނީ އެމީހުންނަށްމިހާރުވެސް އުޅެވެނީ ދެ ލޯބިވެރިން ގޮތަކަށެވެ. އެކަކު އަނެކަކު ދެކެ އިންތިހާ ލޯބިވެއެވެ. ދުލުން ނުބުނި ނަމަވެސް ބޭއިޚްތިޔާރުގައި އެކަން އަމަލުން ދެއްކެއެވެ.

"އަހަރެން އެކުވެރިއެއްގެ އެހީތެރިކަމާއެކު ބަސީމް އުޅޭ ގެވެސް ހޯދައިފިން. އަހަރެން ބޭނުން އޭނާއާ ބައްދަލުކުރަން ދާން.....ކިހިނެތް ހަދާނީ؟ ޑޭޑް އަކީ ހިތްތިރި ވަރަށް ރަނގަޅު މީހެއް... ދުވަހަކުވެސް އެހެންމީހަކާ ދޭތެރޭ ހިތްބުރަކަމެއް ނެތް. އަހަރެން ރޭގަ އަނެއްކާވެސް ޑޭޑްއާ ކުޑަގޮތަކަށް ވާހަކަ ދައްކައިލިން. ޑޭޑް ގާތު ނާހާ އެއްވެސް ކަމެއް ނިންމާކަށް ބޭނުމެއް ނޫން. ޑޭޑް ބުނި ބަސީމް މަރުވުމުގެ ކުރިން ލިބިގެންވާ ހައްގެކޭ އެއީ އަހަރެންނަކީ ބަސީމްގެ ދަރިއެއްކަން އެނގުން، ކިނާން ގަބޫލު ކުރަންތަ އެހެން؟" ދީމް ކޮފީތަށީގައި ހިފަމުން ވާހަކަދެއްކިއެވެ. އޭރު އޭނާ ދިޔައީ ފުންކޮށް ވިސްނަމުންނެވެ.

"ވިސްނާފަ ދީމް ގޮތެއް ނިންމައްޗޭ. ބަސީމްގެ ހާލަތު ވަރަށް ދަށްކަމަށްވަނީ. ދެ ދުވަހުން އެއްދުވަހު ހޮސްޕިޓަލުގައި އެބަ އެޑްމިޓް ކުރޭ. ހީވަނީ އޭނާގެވެސް މިހާރު މާ ގިނަވަގުތެއް ނެތްހެން...... ކޮންމެ ވަގުތަކުވެސް ދުނިޔެ ދޫކުރާ ހާލަތުގައި އޭނަ އެވަނީ. އަދިވެސް އޭނަ ޤަބޫލު ކުރަނީ ތިއީ އަފާޒުގެ ދަރިއެއްކަމަށް. ދީމް ބޭނުންތަ ދީމް ތިއީ އޭނާގެ ދަރިއެއްކަމަށް ބުނަން، ދީމް ނުބުނެ ހުއްޓާ އޭނަ މަރުވެއްޖެނަމަ ގިލްޓީ ފީލް ވާނެތަ؟ މިއަދު އޭނާ އޮތް ހާލަތަށް ބަލާފަ ދީމް ކޮންމެ އެއްޗެއް ބުންޏަސް އޭނާއަކަށް އިތުރުކަމެއް ނުކުރެވޭނެ. ދީމްއަކަށް ވާނެ ގެއްލުމެއް ވެސް ނޯންނާނެ..... މިސާލަކަށް ބަސީމް މަރުވުމަށްފަހު އަހަރެންނަށް ކުރިން އެހެންބުނެވުނުނަމައޭ ދީމްގެ ހިތަށް އަރާފާނެތަ؟ ދީމް ހަޤީގަތް ކިޔައިދިނުމަކުން ވަކި އެއްވެސް ކަމެއް ބަދަލެއް ނުވާނެއެއްނު ދީމް. ކޮންމެ ގޮތެއް ވިޔަސް އަފާޒު އަންކަލް ވާނީ ހަމަ ދީމް ގެ ޑޭޑްއަށް، އަމިއްލަ ލޭ ކަމުގައި ނުވިޔަސް..... ވިސްނާލާފަ ރަނގަޅަށް ކަންކުރައްޗޭ. އަހަރެން އަބަދުވެސް ހުންނާނަން ދީމް އާއެކު، ދީމްގެ ފަހަތުގައި.... ދީމް ކުރާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނަން..... ލޯ މަރާފަ ހިތުގަ އަތް އަޅާފަ ހިތް އެދޭ ގޮތް ބަލާލަބަލަ. އެއަށްފަހު އަމިއްލަ ނަފްސާ މެދު ގިލްޓީ ފީލް ދުވަހަކުވެސް ނުވާނެގޮތަކަށް ކަންކުރައްޗޭ. " ކިނާން ދީމްގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. ދީމް ކިނާންއަށް ބަލާލަމުން ބޯޖަހާލިއެވެ.

އެދުވަހުގެ ހަވީރުގެ ވަގުތުގައި ދީމް ބަސީމް އުޅޭ ގެއަށް ދިޔައެވެ. ބެލްއަޅާލުމާއެކު ދޮރު ހުޅުވީ ހާމިޒްއެވެ. ދީމް ފެނުމުން ހާމިޒްވެސް ހިނިތުންވާން މަސައްކަތް ކުރިއެވެ. އަދި އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. ބަސީމް ވަނީ އޭނާއަށް ކޮންމެވެސް ވަރަކަށް ދީމްމެންނާ ބެހޭގޮތުން ކިޔައިދީފައެވެ. ޝަފޫން އާއި އޭނާއާއި އޮތް ގުޅުން ވެސް ކިޔައިދިނެވެ. އަދި މިހާރު މާފަށް އެދެން ބޭނުންވާކަމަށް ވެސް ބުންޏެވެ.

ދީމް ވަށައިގެން ބަލާލިއެވެ. ކުޑަކުޑަ އެޕާރޓްމެންޓެކެވެ. ސިޓުން ރޫމްގައި ސޯފާއެއް ބައިންދާލާފައި ދެން އިނީ ކިރިއާ މީހަކަށް ހިނގޭވަރުގެ ޖާގައެކެވެ. ސޯފާތަކުގެ އެއްފަރާތުގައި ކޮޓަރީގެ ދޮރު އިން އިރު އަނެއްފަރާތުގައި ވަނީ ކައްކާ ތަންކޮޅެވެ. އެ ދިމާލުގައި ކުޑަ ދޮރެއް އިނެވެ. ހާމިޒް އައިސް އެތަނުގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާ ދީމް އަށް ބަލާލިއެވެ. ދީމް އިނީ ހާމިޒް އާއި ބަސީމް އާއި ދެމީހުންގެ ދިރި އުޅުމާމެދު ނުހަނު ޝައުގުވެރިވެފައެވެ.

"ބައްޕަ މިވަގުތު ހޮސްޕިޓަލުގެ ވީ. ބައްޕަގެ އެހެން ދަރިންވެސް ތިބޭ، އެކަމަކު އެމީހުން ބައްޕައަކަށް އަޅައެއްނުލާ، ބައްޕަ ކުރީގައި މަސްތުވާ ތަކެތި ބޭނުން ކޮށް ކޮށްފަ އުޅުނު އިރު މަންމަ އަށްވެސް ވަރަށް އަނިޔާ ކުރާނެ، ހުދު އަހަރެމެންނަށްވެސް..... އެހެންކަމުން ބައްޕަގެ ތިބި ހުރިހާ ދަރިންވެސް މީހުނާ އިނދެގެން ބައްޕަ ދޫކޮށްލާފަ ދިޔައީ. އަހަރެންނަކީ އެންމެ ހަގުކުއްޖާ. ބައްޕަ ތައުބާވެ އިސްލާހު ވީމަ ބައްޕަ އެކަނި ކޮށްލަން އަހަރެންނަކަށް ނުކެރުނު.... ބައްޕަ ބަލިވިކަން އެނގުނީމަވެސް އެކަކުވެސް ބޭނުމެއްނުވި ބައްޕަގެ މޫނު ބަލާލަން އަންނާކަށްވެސް... " ހާމިޒްއަށް ދީމްގެ ހިތުގައިވި ސުވާލުތައް ކޮންމެވެސް ވަރަކަށް އެނގުނީ ކަންނޭގެއެވެ. އޭނާ އޮޅުން ފިލުވައިދިނެވެ.

"ކިހނެތްތަ މިހާރު ބަ.... ބައް.... ބައްޕަ؟" ދީމް ހިން ދިރުވާލިއެވެ.

"ހާދަ ފާޑަކަށް. ބައްޕަ މިހާރު އައިސީޔޫގަ. ފެންވަރާ ހަދާލަން ވެގެން ގެއަށް މިއައީ، އަދި އޮތީ ވާހަކަ ދެއްކޭ ހާލަތެއްގައެއްނޫން. މިހާރު ކުރިއަށް ވުރެ ރަނގަޅު، ޑޮކްޓަރުން ބުނަނީ އަދި އިތުރަށް ރަނގަޅުވެދާނެކަމަށް" ހާމިޒް ބުނެލިއެވެ.

"ކިހިނެތްވީ؟ ބައްޕައާ ވާހަކަދައްކަން ބޭނުންވީތަ؟ ބައްޕަ ރޫމަކަށް ބަދަލު ކުރެވުނީމަ އަހަރެން ގުޅާލަންތަ؟ އަދި އެއްވާހަކަ. އޭރުން އަންނަ އިރު ދީމްގެ މަންމައާއި ބައްޕަވެސް ގޮވައިގެން އަންނައްޗޭ. ބައްޕަ ބޭނުންވޭ މާފަށް އެދެން، ކުރީ ދުވަހަކުވެސް ބުނި ތި އެންމެން ގެނެސްދޭށޭ" ދީމް އިތުރަށް އެއްޗެއް ނުބުނުމުން ހާމިޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އެއާއެކު ދީމް އޭނާގެ ނަންބަރު ހާމިޒްއަށް ދިނެވެ. ހާމިޒް ނަންބަރު ނޯޓް ކޮށްލިއެވެ.

ދީމް ގެއަށް ގޮސް އެވާހަކަ އަފާޒުއާ ހިއްސާކުރިއެވެ.

"މަންމަ ކިހިނެތް ކޮންވިންސް ކުރުވާނީ ދީމް، މަންމަ ބޭނުމެއް ނުވާނެ އޭނާގެ ކުރިމައްޗަށް އަރާކަށް..... އެކަމަކު ބައްޕަ މަންމައާއި ވާހަކަ ދައްކާނަން. ކަންބޮޑު ނުވޭ އިނގޭ. އިރާދުކުރެއްވިއްޔާ ހުރިހާކަމެއް ވާނީ ރަނގަޅަށް" އަފާޒު ދީމްގެ ބޮލުގައި ފިރުމާލިއެވެ. ދީމް ދިޔުމާއެކު އަފާޒު ބޮލުގައި އަތް ލަމުން ސޯފާގައި ކުޑަކޮށް ޖައްސާލިއެވެ. އެހެން އޮއްވާ ޝަފޫން ވަނީ ކޮފީއެއް ހިފައިގެނެވެ. އޭނާއައިސް ކޮފީތަށި ބެހެއްޓުމާއެކު އަފާޒު ތެދުވެ ޝަފޫން ގާތުގައި އޭނާގެ ކައިރީގައި އިށީނުމަށް އެދުނެވެ.

"ޝަފޫ.... ބަސީމް.... އޭނަ ބޭންވެޔޯ މާފަށް އެދެން.... ދީމް އައިސް ދެންމެ އަހަރެންނާ ވާހަކަ ދައްކާފަ އެ ދިޔައީ... އޭނަ އޮތީ ދުނިޔެ ދޫކުރާ ނުކުރާ ހާލަތުގަ، އަހަރެންނަށް ހީވަނީ މަރުވުމުގެ ކުރިން ދީމް އަކީ އޭނާގެ ދަރިއެއްކަން ބުނުން ހެން ރަނގަޅުވާނީ؟ ޝަފޫގެ ހިޔާލެއް ބޭނުން" ޝަފޫންގެ އަތުގައި ހިފާލަމުން އަފާޒު ވާހަކަ ދެއްކިއެވެ.

"އަހަރެން އަފާޒުއަށް އިތުބާރުކުރަން،. އަފާޒު ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް އަހަރެން ހުންނާނީ އަފާޒުއާ އެކީ" ޝަފޫން އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އަފާޒުވެސް މެއެވެ.

ތިން ދުވަސް ފަހެވެ. ދީމް ކިނާންގެ ކެބިންއަށް ގޮސް ޓަކި ޖަހާލިއެވެ. ވަދެފައި އޭނާ ގޮސް މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި އެމީހުން ނިންމި ގޮތް ހިއްސާކުރިއެވެ. ކިނާން ބޯ ޖަހާލަމުން އެއީ އެންމެ ރަނގަޅުގޮތޭ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އެވަގުތު ދީމްގެ ފޯނު ރިންގުވިއެވެ.

"ހާމިޒް" ފޯނަށް ބަލާލަމުން ދީމް ބުނެލިއެވެ. އޭނާ ކިނާން އަށް ބަލާލީ ޖަވާބެއް ބޭނުންވެގެންނެވެ. ކިނާން ބޯ ޖަހާލުމާއެކު އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލީ އަޑުއަހަން ބޭނުންނުވާފަދަ އަޑެއް އަޑުއިވިދާނެތީ ބިރުންހުރެއެވެ. އެކޮޅުން ބުނި ވާހަކައަށް ދީމް ޖަވާބު ދިނީ ހަމައެކަނި އާއެކޭ ބުނަމުންނެވެ. ފޯން ބާއްވާ އޭނާ ކިނާން އާއި ހާމިޒް ބުނި ވާހަކަ ހިއްސާކުރިއެވެ.

"އައި އޭމް ވިތް ޔޫ" ކިނާން ދީމްއަށް ބަލާލަމުން ބުނެލިއެވެ. އޭނާ ބޯ ޖަހާލިއެވެ.

"ޑޭޑް..... ހާމިޒް ގުޅި. ބުނި މިއަދު އައިސްލަދޭންވީނޫންހޭ. އޭނަ.... އަމް..... ހޭއެރި ވާހަކަ" ދީމް އަފާޒުއަށް ގުޅާފައި އެވާހަކަ ހިއްސާކުރުމުން އަފާޒު ބުނީ ޝަފޫންއާއި ދެމީހުން ހޮސްޕިޓަލަށް ގޮސްފައި ގުޅާނެކަމުގައެވެ. އަފާޒު އިތުރު އެހެން ވާހަކަ އެއްވެސް ބުންޏެވެ.

"ދީމް ބައްޕައޭ ކިޔަސް އެންމެ ރަނގަޅޭ. އެކަމަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެ. ތީ ހަމަ ޑޭޑް ގެ ދަރިއެއް" އަފާޒުއަށް ދީމްގެ ނުތަނަވަސްކަމާއި ހާސްކަން ފާހަގަކުރެވުނީއެވެ.

ހޮސްޕިޓަލަށް އައިސް އަފާޒުމެން ދީމްއާއި ބައްދަލުކުރީ ބަސީމް ބާއްވާފައި އޮތް ކޮޓަރީގެ ދޮރުމަތިންނެވެ.

"މާޒީގެ ސަބަބުން ބައްޕައެއް މިހާރަކު ބިރެއްނުގަނޭ... މަންމައަކީވެސް، ދީމް އަކީވެސް ޑޭޑްގެ ހަޔާތުގައި މިހާރު އެންމެ މުހިންމު ދެމީހުން. އެދެމީހުން ނުގެއްލޭނެކަމުގެ ޔަޤީންކަން އެބައޮތް. ފަހުން އެކަމާ މެދު ރިގްރެޓްކުރާނެ ގޮތަކަށް ކަންތައް ނުކުރައްޗޭ ދީމް! ބައްޕަ އަބަދުވެސް ހުންނާނީ ދީމް އާއެކު، އެއްވެސް ކަމެއް ބަދަލެއްނުވާނެ، ތީ ބައްޕަ އެންމެ ލޯބިވާ މި ބައްޕަގެ އަމިއްލަ ދަރިފުޅު. އަމިއްލަ ލޭ ކަމުގައި ނުވިނަމަވެސް. އެކަމެއް އެއްވެސް މީހަކަށް ބަދަލެއްނުކުރެވޭނެ" އަފާޒު ދީމްއަށް ބަލާލާ ދީމްގެ އަތުގައި ހިފައްޓާލިއެވެ. އޭނާތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތްކުރިއެވެ. ދީމްވެސް ބޯ ޖަހާލަމުން އަފާޒުގެ ދެލޮލަށް ބަލާލިއެވެ. ހަޔާތުގައި އޭނާއަށް ދިމާވި ކޮންމެ އިމްތިހާނެއްގައި އެންމެ ގާތުގައި ހުރީ އަފާޒުއެވެ. ޝަފޫންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ ބަދަލުގައި އޭނާއަށް ފުރިހަމަ ލޯތްބެއް ދިނުމަށް އަފާޒު ނުކުރަނީ ކޮންކަމެއްހެއްޔެވެ؟ އަފާޒުއަށްޓަކައި އެ ހިތުން ދެވިފައި މަގާމާ ގަދަރުވެރިކަން ދުވަހަކުވެސް އެހެންމީހަކަށް ނުދެވޭނެއެވެ. އަފާޒުކޮށްދިން ކަންތަކުގެ އަގު ދީމްއަށް ދުވަހަކުވެސް އަދައެއް ނުކޮށްދެވޭނެއެވެ.

ތިން މީހުން އެކުގައި އެތެރެއަށް ވަތްއިރު ކޮންމެ މީހަކުވެސް ވަނީ ނުހަނު ހާސްވެފައެވެ. ދީމްއަކީ އޭނާގަ ދަރިއެއްކަން އެނގުމުން ބަސީމްއަށް ވާނީ ކިހިނެއްހެއްޔެވެ؟

(ނުނިމޭ...)

https://sun.mv/120595

comment ކޮމެންޓް