އިމާރާތުން ބޭރަށް ނުކުމެވުނު މީހުން ނޭވާލާން ސާފުވަޔަށް އެދި ތެޅެމުން ދިޔައިރު އޭރުވެސް ބައިބަޔަށް މީހުން ނުކުންނަމުން ދިޔައެވެ. އަނާލް އޮތް ދިމާ ކުރިމަތިން އަލިފާންގަނޑު ބޮޑުވުމާއެކު އަނާލް ފެނުނު ދެ ފިރިހެނުންނަށްވެސް އެދިމާލަށް ދެވޭގޮތެއްނުވިއެވެ. އެމީހުން ނަށްވެސް ހަދާނެގޮތް ހުސްވިއެވެ. ދޫކޮށްލާފައި ދާން ބޭނުންނުވެ ތިބެފައިވެސް އެ ދެމީހުންނަށް މަޖުބޫރުވީ ބޭރަށް ދާށެވެ. އޭރު އަނާލް އޮތް ހިސާބުގައި އެކަކުވެސް ފެންނާކަށްނެތެވެ. އަނާލްގެ ރުއިމާ ހަޅޭކުގެ އަޑުން އެ އަޑު އަހާ ކޮންމެ މީހެއްގެ ހިތަށްވެސް ރަހުމު ވަންނާނެއެވެ. ބަނޑުގައި އަތް އަޅައިގެން އޮތް އިރު ބޮލަށް އެނބުރުން އަރާ އޭނާގެ ހަބަރު ހުސްވަމުން ދިޔައެވެ. ނޭވާ ލާން އުނދަގޫވެގެން ދިޔައެވެ. ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިއްކާއެކު އަނާލްގެ ދެލޯވެސް މެރިގެން ދިޔައެވެ. އެއީ އޭނާގެ އެންމެ ފަހު ވަގުތު ކޮޅުހެއްޔެވެ؟ ނޫނީ އޭނާ ސަލާމަތް ކުރަން މީހަކު އަންނާނެހެއްޔެވެ؟

އެ އިމާރާތުގެ ސެކިއުރިޓީ ވަގުތުން އަލިފާން ނިއްވަން މަސައްކަތް ފެށިނަމަވެސް އޭރު އެމީހުންނަށް ކޮންޓްރޯލް ކުރެވޭ ވަރަށްވުރެ އަލިފާން ގަނޑު ވަނީ ބޮޑަށް ފެތުރިފައެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް މީހުން އެތެރޭގައި ތާށިވެފައި ތިއްބެވެ. މާގިނަ އިރެއްނުވެ އަލިފާން ނިއްވާ ލޮރީއާއެކު ސިފައިން އެތަނަށް އައިސް ވަގުތުން އެމީހުންގެ މަސައްކަތް ފެށިއެވެ.

ކިނާންއާއި ކައިސް އަދި އިޒިއަންއާ ތިން މީހުން ވާހަކައިގައި ތިއްބާ އިޒިއަންއަށް ފޯނެއް އައެވެ. އޭނާ ފޯނު ނަގާ ބަލާލިއިރު އަނާލްގެ މަންމަ މަޒާޔާއެވެ. ފޯން ނަގަމުން އިޒިއަން އަތުގައި ހުރި ކޮފީތަށި މޭޒުމަތީގައި ބެހެއްޓިއެވެ. މަޒާޔާ ވާހަކަ ދައްކަން ފެށުމާއެކު އެ އަޑުގައިވި ކަންބޮޑުވުމުން އިޒިއަން ހާސްކުރުވިއެވެ. އޭނާ މަޒާޔާ ގާތު ހަމަޖެހެން ބުނަމުން ގޮނޑިން ތެދުވިއެވެ.

"އިޒްއަށް ވެގެން އުޅޭ ގޮތެއް ނޭނގޭތަ؟ ނާލް!" މަޒާޔާއަށް އަހާލެވުނުއިރު އޭނާއަށް ރަނގަޅަށް ރޮވިއްޖެއެވެ.

"މަންމާ. ކިހިނެތްވީ؟ ހަމަޖެހިލަމުން ވާހަކަދައްކަބަލަ...ނާލްއަށް ކިހިނެތްވީ؟" އިޒިއަން ހަމަރަނގަޅަށްވެސް ހާސްވެއްޖެއެވެ.

"އިޒް.... އިމާރާތުގަ ރޯވެގެން. ފަހުން ހެދި ބައިގަ ރޯވެގެން އުޅެނީ..... ވަރަށް ބޮޑަށް، އެންމެން ކިޔަނީ ނާލް ވީ އެތެރޭގައޭ، ޒައުނާވެސް ކިރިޔާ ނެރެވުނީ، ހަބަރު ބަލާލިނަމަވެސް ފެންނާނެ... " މަޒާޔާއަށް ބާރަށް ރޮވިއްޖެއެވެ. އިރުކޮޅަކުން އިވުނީ އައްމާރު އެ ފޯނުން ވާހަކަދެއްކިއަޑެވެ. އޭނާ އެދުނީ ހަބަރުބަލާލަން މިހާރުއްސުރެ އަވަސްވުމަށެވެ. އިޒިއަންއަށް ވީ ގޮތް ފެނި ކައިސް އާއި ކިނާންވެސް ތެދުވިއެވެ. އިޒިއަންގެ ފަރާތުން ވީ ގޮތް އެނގުމާއެކު ތިން މީހުންވެސް ނައްޓާލީ އެމް.އެޗްޑީސީއަށް ދިޔުމަށެވެ.

ކާރުގެ ދުވެލި އާދައިގެ ވަރަށް ވުރެ ބާރަށް ބަހައްޓައިގެން އިޒިއަން ދުއްވަމުން ދިޔައިރު އޭނާގެ ހިތުގެ ތެޅުން ބާރުވެ ހީވަނީ ދެންމެ ދެންމެ ބޭރަށް ފުންމާލަފާނެހެންނެވެ. ކާރު މަޑުކޮށްލާ ފޭބިއިރު ކަމަކު ދާކަށް ނެތެވެ. އިމާރާތުގައި ފަހުން ހުޅުވި ފަސްބުރީގެ އިމާރާތުގައި ވަނީ އެކީ ހުޅު ހިފާފައެވެ. އަނާލް އަދިވެސް ވީ އެތެރޭގައިކަން އެނގުމުން އިޒިއަންގެ ދުނިޔެ ހީވީ ހުއްޓުނު ހެންނެވެ. ބޮލުގައި އަތް އަޅާލައިގެން ހުރިތަނަށް ތިރިވެވުނު އިރު އަނާލް ސަލާމަތް ކޮށްދެއްވުން އެދި މާތް ﷲ ގެ ހަޟްރަތަށް އެތައް ފަހަރަކު ދުޢާ ކޮށްލެވުނެވެ. ސިފައިން ކެނޑި ނޭޅި އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ނުވެ އަލިފާން ގަނޑު އިތުރަށް ފެތުރެމުން ދިޔައީ ވައިވެސް ކޮންމެވެސް ވަރަކަށް ޖެހެމުން ދިޔައީތީއެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އާއްމުންގެ މީހުން ދުރުކުރުމަށް ޕޮލިހުން ހަރަކާތްތެރިވަމުން ދިޔައިރު އެތަނުގައި ހުރި ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމާއި ކަންބޮޑުވުމާއި ހިތާމަވެރިކަމެވެ. ވޭނާ ކަރުނައިން އެމީހުން ވަނީ ފޯވެފައެވެ. އެއްބަޔަކު ރޮމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ހަޅޭއްލަވަމުންނެވެ. އެތެރޭން މީހުންތައް ސަލާމަތް ކުރަމުން ބޭރަށް ނެރެމުން ދިޔައިރު އެންބިއުލެންސް އޮންނަނީ ރެޑީގައެވެ. ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރގެ ގިނަ ޑޮކްޓަރުންނާއި ނަރުހުން އަދި ފަސްޓް އެއިޑް ދިނުމުގައި ގިނަ އާއްމު މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ހާލު ސީރިއަށްވާ މީހުންނަށް ވަގުތުން ހޮސްޕިޓަލުގައި ފަރުވާދެވޭނޭ އިންތިޒާމް ހަމަޖެހިގެން ދިޔައެވެ. އަދިވެސް އިމާރާތުގެ އެތެރޭން ދުން އަރަމުން ދިޔުމުގެ އިތުރުން އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވޭތީ ފަޔަރ ފަޔަރފައިޓަރުންނާއި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ސަލާމަތީ ބާރުތަކުގެ މީހުންނަށް ވެސް ވަނީ އުނދަގޫތަކާ ކުރިމަތިވެފައެވެ. އަމިއްލަ ފުރާނައަށް ބެލުމެއްނެތި ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދޭހާވަރުވެއެވެ.

އިރުކޮޅަކުން ފަހީމްގެ އާއިލާގެ އިތުރުން އައްމާރުގެ އާއިލާ އަދި ނަސީމްގެ އާއިލާވެސް އަތުވެއްޖެއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. މަޒާޔާގެ އިތުރުން ދީމްއާއި ޝަފޫން ވެސް ދިޔައީ ރޮމުންނެވެ. އައްމާރުވެސް ކިތަންމެ ހިތްވަރު ކުރިނަމަވެސް އޭނާގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. އަނާލް އަދިވެސް ވީ އެތެރޭގައި ކަމުން އަނާލް ސަލާމަތްވާނޭ ކަމެއް ނޫނީ ނޫންކަމެއްވެސް ނޭނގެއެވެ. އެންމެންގެ ހިތުގައިވެސް ވަނީ ނޭނގޭ ބިރުވެރި ކަމެކެވެ. ފަހީމް އަކްނިޒާގެ ގާތުގައި ހުރިއިރު އޭނާ ކިނާންއަށް ބަލާލާ އިޒިއަންއަށް ހިތްވަރު ދިނުމަށް އެދުނެވެ. އިޒިއަންގެ މޫނުމަތީގައި ވި ހިތާމަވެރިކަން ބަޔާންކުރާނެ ގޮތެއް ކިނާންއަށް ނޭނގުމާއެކު ހިތްވަރު ދިނުމުގެ ގޮތުން ބުނެލާނެ އެންމެ ބަހެއްވެސް އޭނާގެ ސިކުނޑިއަކަށް ނަޔެވެ.

"ނާލް... ނާލްއާ އަހަރެންގެ ދަރިފުޅު... ނާނު!" އިޒިއަންގެ ދުލުން މަޑުމަޑުން އެބަސްތައް ބޭރުވުމާއެކު އޭނާ ދުއްވައިގަތީ އަލިފާންގަނޑާ ދިމާލަށެވެ. އެހެންނަމަވެސް އިސާހިތަކު ސިފައިން އައިސް އިޒިއަން ހިފެއްޓިއެވެ. ކިނާންވެސް އައިސް އިޒިއަންގެ އަތުގައި ހިފަމުން ބުނީ ހިތްވަރު ކުރުމަށެވެ. އަދި އުންމީދު ގެއްލުވާ ނުލުމަށެވެ.

ދުމުގެ ސަބަބުން މީހުންތައް އިތުރަށް އެއްފަރާތަށް ޖެއްސުމަށް މަސައްކަތް ކުރަމުންދިޔަ ވަގުތު އިޒިއަން ހަޅޭއްލަވައިގަތެވެ.

އަނާލްގެ ދެލޯ މެރިފައިވިނަމަވެސް އަދިވެސް މުޅިން އޭނާގެ ހަބަރު ހުހެއްނުވެއެވެ. ދުމުގެ ސަބަބުން އޭނާއަށް ނޭވާ ލާން ވަނީ ދަތިވެފައެވެ. އޭރުވެސް ބަނޑުގައި ރިއްސަމުން ދިޔައީ ކެތްނުވާވަރަށެވެ. މޭގައި ރިއްސަމުން ދިޔައެވެ.

"އޭތް މިތަނުގައި އިތުރު މީހަކު އެބައޮތް ހެން ހީވަނީ" އަނާލް ދެލޯ މަޑުމަޑުން ހުޅުވާލީ މީހަކު ވަރަށް ބާރަށް ވާހަކަ ދެއްކި އަޑަށެވެ. އެ މީހާ ފެނުމާއެކު އުނދަގުލުން އަނާލް އެ މީހާ އާ ދިމާލަށް އަތް ދިއްކޮށްލިއެވެ. ލޯ މައްޗަށް ފުސްވެފައި ހުރިނަމަވެސް އެއީ ސިފައިންގެ މީހެއްކަން އޭނާއަށް ދެނެގަނެވުނެވެ. އެމީހާ އައިސް ގާތަށް ހުއްޓުނުކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

"އެކަކު އެބަ އޮތް. އަވަސް ކުރޭ... ހާލު ސީރިއަސް. " ސިފައިންގެ މީހާ އަނާލްއަށް ބަލާލަމުން އޭނާގެ އަތުގައި އޮތް ވޯކީ ޓޯކީއިން ވާހަކަދެއްކިއެވެ.

"އިތުރު އެހީތެރިކަން ބޭނުން.... ޝީޒް ޕްރެގްނެންޓް... ވަރަށް ސީރިއަސް" އަނާލްގެ ހާލަތު ވަޒަން ކޮށްލަމުން އޭނާ ދެންވެސް ވާހަކަދެއްކިއެވެ. އެއާއެކު އެދިމާލަށް އިތުރު ދެ ސިފައިންގެ މީހުން އައެވެ. ދުންތަކުގެ ތެރޭން އަނާލް ނެރުންވެގެން ދިޔައީ އަނެއްކާވެސް ބޮޑު ޗެލެންޖަކަށެވެ. އަނާލް ނެރެވުމާއެކު އިޒިއަންއަށް އެދިމާލަށް ދުވެފައި ދެވުނެވެ. އަނާލްގެ އަތުގައި ހިފެއްޓުނީ ސްޓްރެޗަރއަށް ލެވުނު ފަހުންނެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވި އަވަސް ފަރުވާ ދޭން ފެށުނެވެ. ބޭރުގައި މަޑުކޮށްލައިގެން ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަނީ ހާސްކަމެވެ. އަދިވެސް ހާލު ސީރިއަސްވެގެން ގެންނަ މީހުން ގެންނަނީއެވެ. ހޮސްޕިޓަލު ތެރެވެސް އާދަޔާ ހިލާފަށް ހަލަބޮއްޔެވެ. ފުލުހުންނާއި ސިފައިން ހޮސްޕިޓަލު އެތެރޭގައިވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އާއްމުންގެ ހާލަތު އެންމެ ގާތުން ބަލަމުން ގެންދިޔައީ ހިތްވަރުގަދަ ފުލުހުންނާއި ސިފައިންނެވެ. ޑޮކްޓަރުން ކުރަމުން ގެންދިޔައީ ވެސް ބުރަ މަސައްކަތެކެވެ. އެއްބަޔަކު ކެނޑި ނޭޅި ސީޕީއާރް ދެމުން ދިޔައިރު އަނެއްބަޔަކު ދިޔައީ ބޭސް އަޅާ ދެމުންނެވެ. އިންޖެކްޝަން ޖަހަމުންނެވެ. އަތް އުރާލައިގެން ހުންނާނޭ ހަމައެކަކުވެސް ނެތެވެ.

މަޒާޔާއަށް ބޮލުގައި އަތް އަތް އަޅާލެވުނެވެ. އިޒިއަންވެސް ހުރީ ހުއްޓުން އަރާފައެވެ. ފާރަށް ލެނގިލައިގެން ހުރި އިރު ހިތާމައިގެ ތަސްވީރެކޭ އެއްވެސް ތަފާތެއް ނެތެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. މޫނުމަތި މިލާފައެވެ. އަނާލްއަށް ކަމެއްނުވުމަށް އެދި އެތައް ފަހަރަކު ހެއްދެވި ފަރާތަށް ދުޢާ ކުރެވުނެވެ. އެހެންނަމަވެސް އެކަކަށްވެސް ނޭނގުކަމަކީ އަނެއްކާވެސް އެމީހުން އެންމެންގެ ހަޔާތަށް ލޮޅުން އަރާވަރުގެ ހަބަރެއް ލިބެން އުޅޭ ކަމެވެ. އެ ހަބަރުގެ ސަބަބުން އަނެއްކާވެސް އެންމެ ބޮޑު ހިތާމައެއްގެ ތެރެއަށް ވެއްޓޭނީ އިޒިއަންކަމެވެ. އަނާލް އޭނާގެ ހަޔާތަށް އައީ އަދި އިހަކަށް ދުވަހުއެވެ. ދަރިފުޅުވެސް މެއެވެ.

އެމްރެޖެންސީކޮށް އަނާލް އައިސީޔޫއަށް ބަދަލުކުރެވުމާއެކު އޭގެ އިރުކޮޅެއްފަހުން ދެން ތައްޔާރުވަމުން ދިޔައީ އެމަރޖެންސީކޮށް ސިޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނަގާށެވެ. ދަރިފުޅުގެ ހާލު ނުހަނު ސީރިއަސްއެވެ. ވިންދު ދައްވަމުން ދައްވަމުން ގޮސް އެންމެ ފަހުން ވިންދު ނުލިބުނީއެވެ. އުންމީދު ކުޑަނަމަވެސް ދަރިފުޅު ނެގިއެވެ. ދަރިފުޅު ސަލާމަތްކުރަން އެތައް މަސައްކަތެއް ކުރެވުނު ނަމަވެސް ދަރިފުޅު ސަލާމަތެއް ނުކުރެވުނެވެ. ތުއްތު ތުއްތު ފުރާނަ މި ފަނާކުރަނިވި ދުނިޔެއަށް އަލްވަދާޢު ކީއެވެ.

ޑޮކްޓަރު ނުކުމެ ދިން ހަބަރާއެކު އިޒިއަންއަށް ހުރިތަނަށް ތިރިވެވުނުއިރު އެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެން ހިނގައްޖެއެވެ. އެ ހިތާމައާ ކުރިމަތިލާނީ ކިހިނެތްކަމެއް އިޒިއަން އަކަށް ނޭނގުނެވެ. ހަމަހޭވެރިކަންވީ ކިނާން އައިސް ކޮނޑުގައި ޖަހާލުމުންނެވެ. ތެދުވެ ދެން އޭނާ އަވަސްވީ އަނާލްގެ ހަބަރެއް އޮޅުން ފިލުވާށެވެ.

"ނާލް ކިހިނެތް؟ އިޒް ޝީ އޯކޭ؟........ ސޭވް ހާރ" އިޒިއަން އާދޭސް އެކުލެވިގެންވީ އަޑަކުން ބުންޏެވެ. ފަހީމްވެސް ކުރިއަށް ޖެހިލިއެވެ.

"ހާލު ސީރިއަސް... މިވަގުތު އެއްޗެއް ބުނަން ދަތި. އުންމީދު ކުޑަ. އެކަމަކު އޮޕަރޭޝަން ކާމިޔާބު... ދެން އޮތީ ދުޢާ ކުރުން. އިންޝާ ﷲ. އޯލް އިޒް ގޮނަ ބީ އޯކޭ. އެކްސް ކިޔުޒް މީ" ޑޮކްޓަރު ދުރަށް ހިނގައިގަތެވެ. އިޒިއަން ގޮނޑީގައި އިށީނެވެ. އޭނާ ބޮލުގައި އަތް ހިންގާލިއެވެ.

"ދޮންބޭ. ހިތްވަރު ކުރޭ... ނާލް އަށް މިހަބަރު ލިބުނީމާ ވާނީ ކިހިނެތްތަ؟ މި ވަގުތު ނާލްއަށް ހިތްވަރުދޭން ހުރި މީހަކީވެސް ހަމަ ދޮންބެ. ދޮންބެ ތިހެން އުޅުނީމަ ނާލްއަށް ވެސް އަޅާލާނެ މީހަކު ނުހުންނާނެ... މިހުރިހާ ކަމެއް ނާލްއަށް އަންޑަރސްޓޭންޑް ކޮއްދޭނީ ކާކު؟ އެކަން ހަމައެކަނި ކުރެވޭނީ ދޮންބެއަށް" ކިނާންގެ އަޑުގައި ހިތްދަތިކަން ވިނަމަވެސް އޭނާ ވާހަކަ ދެއްކީ އިޒިއަންއަށް ހިތްވަރުދެމުންނެވެ.

އިޒިއަންއަށް ފުރަތަމަ ފަހަރު ދަރިފުޅު ފެނުމާއެކު އަނެއްކާވެސް އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ކުރި ހިތްވަރު ދޫވިފަދަ އިޙްސާސްއެއް ކުރެވުނެވެ. ދަރިފުޅުގެ މޫނުކޮޅުގައި ހިފަމުން އޭނާ އެތައް ފަހަރަކު އެދަރިފުޅުގެ ކޮލަށާއި ނިތަށް ބޮސް ދިނެވެ. ދަރިފުޅު ވަކިވުމުގެ އިޙްސާސްއާއެކު އިޒިއަންގެ ދުނިޔެ ހުއްޓުނުހެން ހީވިއެވެ. އެ ލޯބި ފުރާނަ އޭނާއާއި އެހާ އަވަހަށް ވަކިވީތީ ޝަކުވާ ވެސް ކުރެވުނެވެ. އެހެންނަމަވެސް ކެތްތެރިވުމަކީ މާތް ސިފައެކެވެ. އިޒިއަން ކެތްކުރަން މަސައްކަތް ކުރިއެވެ. މަޒާޔާވެސް އެފަދައެވެ. އަކްނިޒާއާއި ދީމްއާއި ޝަފޫންވެސް މެއެވެ. އެ ތުއްތު ފުރާނަ މި ދުނިޔެއާ ވަކިވެގެން ދިޔުން ވެގެންދިޔައީ އެ އާއިލާއަށް ފޫނުބެއްދޭނޭ ވަރުގެ ހިތާމައެއް ލިބުނު ކަމަކަށެވެ.

މެންދަމުން އަލިވެދެއެއް ޖެހިއިރުވެސް އެކަކުވެސް ގެއަކަށް ނުދެއެވެ. ވަރުބަލިކަމާއި މާޔޫސްކަން އެންމެންގެ މޫނުމަތީގައި ފެވިފައިވާއިރު ހިތާމައިގެ ސާލެއް މުޅި ތަނުގައި ވަނީ އޮޅާލެވިފައެވެ.

ދަރިފުޅު ވަޅުލުން އަނެއްދުވަހުގެ މެންދުރު ނަމާދުގެ ވަގުތާ ހިސާބަށް ފަސްކުރެވިގެން ދިޔައެވެ. ކޮންމެ މީހެއްގެ އުންމީދަކީ އެއްފަހަރުނަމަވެސް އަނާލް ލޯ ހުޅުވާލުމެވެ. ފަހުފަހަރަށް އެ ދަރިފުޅަށް ބަލާލުމެވެ. ކޮންމެވެސް ކަހަލަ ކުރިއެރުމެއް އަނާލްގެ އެހާލަތަށް ލިބުމެވެ. އެހެންނަމަވެސް އުންމީދުގެ އެއްވެސް އަލިކަމެއް ނުލިބުމާއެކު ދަރިފުޅު ވަޅުލަން އެމީހުން ނިންމީއެވެ. ޑޮކްޓަރުން ވެސް ބުނަނީ އަނާލް ހޭލާނެ ވަކި އިރެއް ބުނަން ނޭނގޭ ކަމުގައެވެ.

ރޭއްސުރެ އިޒިއަން ހުރީ ބަސްހުއްޓިފައެވެ. އެއްޗެއް ބުނަނީ މަޖުބޫރުވެގެންނެވެ. ކަފުންކޮށްފައި އޮތް އޭނާގެ އަލަތު ދަރިފުޅު ފެނުމާއެކު އޭނާއަށް އެދަރިފުޅުގެ ގާތަށް ދެވުނެވެ. ގައިގައި ބައްދައިލިގޮތަށް ރޮވެން ފެށުމުން އޭނާ ކުޑަކޮށް ތެދުވެލިއެވެ. އަނާލްއަށް އެ ދަރިފުޅުވެސް ނުފެންނާނީހެއްޔެވެ؟ އެހެން ހިތަށް އަރާފައި އޭނާގެ ހިތަށް ތަދުވެގެން ދިޔައެވެ. އިތުރަށް އެ ހިތް ހަލާކުވިއެވެ. އޭނާ ފޯނުން ފޮޓޯއެއްނަގާ ރައްކާކުރީ އަނާލްއަށް ދައްކާލުމުގެ ބޭނުމުގައެވެ. ފަހު ފަހަރަށް ކޮންމެ މީހަކުމެ އެ ތުއްތު ފުރާނައާ އަލްވަދާއުކިޔަމުން ދިޔައީ ހަލާކުވެފައިވާ ހިތަކާއެކުގައެވެ. ދެރަވެ ކަރުނަ އަޅާހާލުގައެވެ. އަބަދުގެ އަބަދަށް އެ ސޫރަ ހިތުގައި ފަވާލަމުންނެވެ. އެއްވެސް ފަނޑުވުމެއްނުވާނޭ ފަދައަކުންނެވެ.

މެންދުނު ނަމާދަށްފަހު ދަރިފުޅުގެ ކަށުނަމާދު ކުރެވި ވަޅުލަން ގެންދެވުނު އިރު އިޒިއަން ހީވަނީ ދެންމެ ދެންމެ ވެއްޓި ދާނެހެންނެވެ. ގާތުގައި ހިތްވަރުދޭން ކިނާން ނެތްނަމަ އޭނާގެ ފައިން ވަރުދޫވެ ބިންމައްޗަށް ވެއްޓުނީހެވެ. އެ ދުވަހު އަލިފާނުގެ ހާދިސާގައި ނިޔާވި އިތުރު ބާރަ މީހުންވެސް ފަސްދާނުލެވުނެވެ. ހާދިސާ ވެގެންދިޔައީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ނުހިނގާ ވަރުގެ ބޮޑު ކާރިސާއަކަށެވެ. އެތައް އާއިލާއެއްގެ އެތައް ފުރާނައެއް މި ދުނިޔެއާ ވަކިވެގެން ދިޔައިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނުނެވެ.

ހިނގި ހާދިސާއާ މެދު ހިތާމަނުކުރާ އެކަކުވެސް ނެތެވެ. އެތައް ބައިވަރު ބަޔަކު ޖަނާޒާގައިވެސް ބައިވެރިވިއެވެ. އެކަކު އަނެކަކަށް ހިތްވަރު ދިނެވެ. ކޮންމެ ދިވެއްސެއްގެ ފަރާތުންވެސް ފެނިގެންދިޔައީ އޯގާތެރިކަމެވެ. ހިތްހެޔޮކަމެވެ. އަޅާލުމެވެ. އެހީތެރިކަމެވެ. އެކަކު އަނެކަކަށްޓަކައި ހެޔޮ ދުޢާ ކުރާ މަންޒަރެވެ. ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން މި ހާދިސާގެ ސަބަބުން އާލާވެގެން ހިނގައްޖެއެވެ. އަނެއްކޮޅުން އިމާރާތުގެ މަސައްކަތް ތައް ހުއްޓާނުލާ ކުރިއަށް ގެންދިޔައިރު ފުލުހުންނާއި ސިފައިން ދިޔައީ ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަމުންނެވެ. ތަހުގީގަށް އެނގުނުގޮތުގައި ތަނުގައި އަލިފާން ރޯކޮށްފައިވަނީ އެއްޗެއް ގޮށްވާލައިގެންނެވެ. ތަހުގީގު ފުޅާ ދާއިރާއެއްގައި ހިންގުމަށް ނިންމިއެވެ. އެއީ މީހަކު ގަސްތުގައި ކުރިކަމެއްކަމުގެ ހެކި އެމީހުންނަށް ލިބުމާއެކުގައެވެ. އަލިފާނުގެ ހާދިސާ ދިމާވުމުގައި އެތަނުގެ ސެކިއުރިޓީ ޓީމް ގެ އިހްމާލެއްވޭތީ ބެލުނެވެ. އެ ރޭވުމުގެ އަޑީގައި އެކަކު ހުރި ކަމުގެ ޝައްކާއެކު މީހަކުވެސް ހައްޔަރުކުރެވުނެވެ.

ގޭގޭގެ ސިޓިން ރޫމްތަކާއި ކޮފީމޭޒުތަކުގައިވެސް ވާހަކަ ދެކެވެނީ އެ އަލިފާނުގެ ހާދިސާ އާ ބެހޭގޮތުންނެވެ. މުޅި ރާއްޖޭގެ އެންމެން އިންތިޒާރުކުރަމުން ދިޔައީ ހަޤީޤީ ކުށްވެރިޔާ ބޭޒާރުވާނޭ ވަގުތަކަށެވެ.

އައިސީޔޫގައި ތިން ދުވަސް ބޭއްވުމަށްފަހު އަނާލް ވީއައިޕީ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނީ ހޭއެރުމުންނެވެ. ބަދަލުކުރެވުނު ވަގުތު އޭނާއަށް އޮތީ ނިދިފައެވެ. މުޅި ކޮޓަރިތެރޭގައި ދެއާއިލާގެ ހުރިހާ މެންބަރުންވެސް ހަމައަށް ތިއްބެވެ.

އިޒިއަން އަނާލްގެ އެނދުކައިރީގައި އިށީނދެގެން އިންއިރު އޭނާ އިނީ ކަޅިޖަހާނުލާ އަނާލްއަށް ބަލާށެވެ. އެހެން އިންއިރު ރޭގައި ރަމްޔާ ދެއްކި ވާހަކަތައްވެސް އޭނާގެ ސިކުނޑީގައި ގުގުމަމުންދިޔައެވެ.

*****

އަނާލްގެ ޕީ.ޓީ.އެސް.ޑީ މައްސަލަ ވަރަށް ބޮޑުތަން ރަނގަޅުވެފަވަނިކޮށް އަނެއްކާ މި ފަދަ ކަމެއް ދިމާވީމަ ވަރަށް ދެރަ....ބައެއް މައްސަލަތައް އެކީ ކަހަލަ ގޮތަކަށް ރަނގަޅުވެފަހުރެފަ، އަނެއްކޮޅުން ސައިކޮލޮޖިކަލް ބައިވަރު މައްސަލަތަކަކުން އަރައިގަނެވިފައިވި ދުވަސްކޮޅެއްގައި އަނެއްކާ މި ފަދަ ކަމެއް ކުރިމަތި ވުމުން އިތުރަށް އަނާލްގެ ސަކަރާތް ވުމުގެ ފުރުސަތު ބޮޑު. އަނާލް ހޭއެރުމަށްފަހު ކަންތައް ކުރާނީ ކިހިނެތްކަން ބުނާކަށް އެކަކަށްވެސް ނޭނގޭނެ... އަހަރެން ކަންބޮޑުވޭ އަނާލްގެ ހާލަތު އިތުރަށް ގޯސްވެދާނެތީ. އިޒިއަން ވިސްނައްޗޭ! އަނާލް ހޭއެރުމަށްފަހު އިޒިއަންގެ ސަޕޯޓް ވަރަށް މުހިންމު. ވީހާވެސް ގިނަ ވަގުތު އަނާލް އާއެކު ހޭދަކުރެވޭތޯ ބަލާތި. އަނާލްގެ ހާލަތު ހުންނާނީ ކިހިނެތްކަން ލަފާކޮށްލާކަށް އަހަރެންނަކަށްވެސް ނޭނގެ. ވަކި އެއްޗެއް ބުނަން އެނގޭނީ ހޭއެރުމަށްފަހު. ދަރިފުޅުގެ ވާހަކަ ވަގުތުން ނުބުނެ ކުޑަކޮށް ހަމައަކަށް އެޅިލަންދެން މަޑުކޮށްލާނީ. އެއީ އަހަރެންނަށް ފެންނަގޮތް. އެކަމަކު އެކަން ނިންމާނީ ހޭއެރުމަށްފަހު އަނާލްގެ ހާލަތު ބަލާލާފައި. އަނާލްއަށް އެންމެންގެ ސަޕޯޓްވެސް ވަރަށް މުހިންމު ވާނެ. ދަރިފުޅުގެ ވާހަކަ އަނާލް އަހާވެސް ފާނެ. ވިސްނައިގެން ޖަވާބުދެއްޗޭ... އިތުރަށް ވިސްނާ ހާސްވުމުގެ ފުރުސަތު ނުދޭތި!" ރަމްޔާގެ ވާހަކައަށް އިޒިއަން ބޯ ޖަހާލިއެވެ.

"ވަޓް އިފް ކުރީގެ ހާލަތަށް އަނާލް ވެއްޓިއްޖެއްޔާއޯ" އިޒިއަންއަށް އަހާލެވުނުނީ ނުހަނު މަޑުންނެވެ.

"އިންޝާ ﷲ... އިރާދަކުރެއްވިއްޔާ އެހެނެއް ދެނެއް ނުވާނެ... ލެޓްސް ހޯޕް ފޯރ ދި ބެސްޓް" އިޒިއަންއަށް ބަލާލާ ރަމްޔާ ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާވެސް ހުރީ ހާސްވެފައެވެ. އަނާލް ކުރީގެ ހާލަތައް ވެއްޓުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެމީހުން އެތަނުގައި ތިއްބާ ކައިސް ވެސް އައިސް ވަނެވެ. ކައިސް ފެނުމުން އިޒިއަން ފުންނޭވާއެއް ލިޔެވެ. އަނާލްގެ ފަޔަށް އިތުރު ގެއްލުމެއް ވެދާނެބާއޭ ހިތަށް އަރާ ސުވާލުކޮށްލިއެވެ.

"އެއްޗެއް ބުނާކަށް ނޭނގޭ.... މިގޮތަށް މިކަން ދިމާވިޔަސް ހިތެއް ނުބުނޭ ކުރިން ވީ ގޮތަށް ވެދާނެޔެކޭ. ރަމް ބުނިހެން ލެޓްސް ހޯޕް ފޯ ދި ބެސްޓް" ކައިސް ވެސް ރަމްޔާއަށް ބަލާލަމުން ޖަވާބުދިނެވެ.

*****

އަނާލްގެ އަތުގައި ހިފާލާ އިޒިއަން އޭނާގެ ތުންފަތް އެ އަތުގައި ޖައްސާލިއެވެ. އެއަށްފަހު އޭނާ އިސްޖަހާލައިގެން އިނެވެ. އެއަތަށް ހަރަކާތެއްވެރިވުމާއެކު އޭނާ މަޑުމަޑުން އިސްއުފުލާލިއެވެ. އަނާލް މަޑުމަޑުން ދެލޯ ހުޅުވާލުމާއެކު އިޒިއަން އަވަސް އަވަހަށް ގޮނޑިން ކުޑަކޮށް ތެދުވެލާ އަނާލްގެ ބޮލުގައި ފިރުމާލިއެވެ. ތެދުވަން އަނާލްއަށް ދަތި ވުމާއެކު އަނާލްގެ އުނަގަނޑުގައި އަތް އަޅުވާލަމުން އިޒިއަން އަނާލްއަށް ތެދުވަން އެހީތެރިވެދިނެވެ. އަދި ބުރަކަށިދަށަށް ބާލީހެއް ލައްވާލަދީ އުނަގަނޑަށް އަރާމު ވާނޭ ގޮތަށް ހަދާލަދިނެވެ. އަނާލްގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ އޭނާގެ ބަނޑަށެވެ. ދަރިފުޅަށް ވީ ގޮތަކާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. އަނާލްއަށް ހީވަނީ އަދިވެސް ދުންތަކުގެ ތެރޭގައި އުޅެވޭ ހެންނެވެ. އެހެންކަމުން އޭނާ އުނދަގޫ ގޮތަކަށް ބޮލުގައި ހިފައްޓާލިއެވެ. އަދި އަނެއްކާވެސް ސުވާލުކުރީ ދަރިފުޅާ ބެހޭގޮތުންނެވެ. އިޒިއަން ބަލާލީ ރަމްޔާއަށެވެ. މިވަގުތު އެހަށް އެވާހަކަ ނުބުނެ މަޑުޖައްސާލާށޭ ބުނާ ފަދަ ގޮތަކަށް ރަމްޔާ ދެފަރާތަށް ބޯ ހޫރާލުމާއެކު އިޒިއަން ވިސްނާލިއެވެ. އޭނާ އަނާލްއަށް ދޮގު ހަދާނީވެސް ކިހިނަކުންހެއްޔެވެ؟. އެހެންނަމަވެސް މިވަގުތު ރަނގަޅުވާނީ އެވާހަކަ ނުބުނުން ކަމަށް ވިސްނުމާއެކު އޭނާ ވެސް ގަސްތުކުރީ އަނާލް ހިންހަމަ ޖައްސާލަދިނުމަށެވެ.

"ބޭބީ އޯކޭ... އެކަމަކު މިވަގުތު ބޭބީގެ ހާލު ތަންކޮޅެއް ދަށް ވީމަ އެން.އައި.ސީ.ޔޫގަ އޮތީ. ޑޯންޓް ވޮރީ. އެވްރީތިންގެ ބިލް ބީ އޯކޭ މައި ލަވް" އަނާލްގެ މޫނަށް ބަލަން އިނދެ މަޑުމަޑުން އިޒިއަން ބުނެލިއެވެ.

"އަލްޙަމްދުލިﷲ . ބޭބީއަށް ކަމެއް ވީނަމަ ނޭނގެ ވާނެގޮތެއްވެސް" އަނާލްގެ އަޑު އިޒިއަންގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. އޭނާ ބަލާލީ އެތަނުގައި ތިބި މީހުންނަށެވެ. އިޒިއަން ބޭނުންވަނީ އަނާލްއާއެކު އެކަނި ވަގުތުކޮޅެއްކަން ވިސްނުމާއެކު އެމީހުން ނުކުންނަން ހިނގައިގަތެވެ.

އެންމެން ނުކުތުމާއެކު އިޒިއަން އަނާލްގެ ގައިގައި ބައްދާލިއެވެ. އަދި އެއަށްފަހު އަނާލްގެ ކިބައިން މާފަށް އެދުނެވެ. އިޒިއަންގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުން ތިރިއަށް ފައިބައިގެން ދިޔައެވެ. ދަރިފުޅުގެ މަރުގެ ހަޤީގަތް ސިއްރުކުރުމަކީ އަނާލްއަށް ވެވޭ ބޭއިންސާފެއްހެން އިޒިއަން އަށް ހީވަނީއެވެ.

"އިޒް. ކިހިނެތްވީ؟" އަނާލް އަހާލިއެވެ. އަނާލް ގަޔާ ދުރުކޮށްލަމުން އިޒިއަން ދެފަރާތަށް ބޯ ހޫރާލިއެވެ.

"އެމީހުން ނުބުނޭތަ ބޭބީ ދޫކޮށްލާނެ އިރެއް. ބޯއީ އެއްތަ؟ ގާރލް އެއްތަ؟ އަނާލް އަހާލިއެވެ. އޭނާ އިޒިއަންގެ އަތުގައި ހިފާލިއެވެ.

"ނާލ ކަހަލަ ލޯބި ލޯބި ގާރލް އެއް" އިޒިއަން މަޑުމަޑުން ބުނެލިއެވެ. އެވަގުތު ކަފުނަށް އޭނާގެ އެ ލޯބި ތުއްތު ތުއްތު ދަރިފުޅު ލާފައި އޮތް މަންޒަރު ލޯމައްޗަށް ސިފަވުމާއެކު އޭނާއަށް ދެލޯ މަރާލެވުނެވެ.

"ހެހެ. މިފަހަރު އިޒް ބޭނުންވި ކަހަލަ ކުއްޖެއް ދޯ. ގާރލްއެއް. ބޯއީއެއް ނުލިބުނީމަ ދެރައެއްނުވޭ... އިޒް ބޭނުންވި ކަހަލަ ގާރލް އެއް ލިބުނީމަ ހަމަ ހެޕީ... " އަނާލް އޭނާއާއި އިޒިއަންގެ މަޖާ ވާހަކަތައް މަތިން ހަނދާން ކުރަމުން ވާހަކަ ދެއްކިއެވެ. އެއާއެކު އިޒިއަންއަށް އަނާލްގެ އަތް ފޮޅުވާލެވުނެވެ. ލޮލު ކުރިމައްޗަށް ސިފަ ވަނީ ދަރިފުޅު ކަފުންކޮށްފައިވާ މަންޒަރެވެ. އެ ދަރިފުޅުގެ ސަންދޯކެވެ.

"ވަޓް ހެޕެންޑް؟. އިޒް..... " އަނާލް ތުންފަތުގައި ދަތް އަޅާލިއެވެ. އިޒިއަން އޭނާގެ އަތް ފޮޅުވާލީ އުނދަގޫވެގެން އުޅޭ ފަދައަކުންނެވެ. އިޒިއަންގެ އެ އަމަލުން އަނާލް ހާސްވެ ދެރަވިއެވެ. ހަމަހޭވެރިކަން ވި އިޒިއަން އަނާލްއަށް ބަލާލަމުން މާފަށް އެދުނެވެ. އެއަށްފަހު އަނެއްކާވެސް އޭނާ އަނާލްގެ ގައިގައި ބައްދާލިއެވެ.

*****

އަނާލްގެ ހާލަތު ރަމްޔާ ހީކުރިވަރަށް ވުރެ ރަނގަޅެވެ. އެހެންކަމުން އޭނާ އިޒިއަންއަށް އެ ވާހަކަ އަނާލް ގާތު ބުނުމުގެ ހުއްދަ ދިނެވެ.

ރޭގަނޑުގެ ވަގުތެވެ. އެންމެން ގެއަށް ފޮނުވާލާފައި އިޒިއަން އަނާލް ގާތު މަޑުކުރީ އެވާހަކަ އަނާލްއާ ހިއްސާކުރާނަމޭ ބުނަމުންނެވެ. އެކަކުވެސް ދެކޮޅެއް ނަހަދައެވެ. އަނާލްއަށް އޮޅުވާލުމަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅުވާނީ އެގޮތްކަމަށް އެންމެނަށް ގަބޫލުކުރެވުނެވެ. މިއަދު ނޫނީ މާދަން އެ ހަޤީގަތް އަނާލް އަށް އެނގޭނެއެވެ.

އަނާލްއަށް ނިދިފައި އޮތުމުން އިޒިއަން ޓީ.ވީ ހުޅުވާލަމުން ގޮސް ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ރޭގަނޑު އަށެއްގެ ހަބަރު ބަލާލުމުގެ ނިޔަތުގައި ޓީ ވީ ހުޅުވާލިއެވެ. އެމް.އެޗް.ޑީ.ސީގެ ވާހަކަ ކިޔަން ފެށުމާއެކު އޭނާ ސޯފާގައި ހަމަޖެހިލިއެވެ. ފުލުހުންގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ. އެކަމުގެ ފަހަތުގައި ހުރި މީހަކު އަދިވެސް ނުހޯދުމާއެކު ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އަދިވެސް ސަލާމަތީ ބާރުތަކުގެ އިތުރުން ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. އެމް.އެމް.ޑީ.ސީއަށް ލިބުނު ގެއްލުމުގެ އަދަދު އެތައް ލައްކަ ރުފިޔާއަކަށް އަރާއިރު އެ އަމަލު ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ބުނެ ޝޯޝަލް މީޑިއާގައި ވަނީ ކެންޕޭނެއްވެސް ފަށާފައެވެ. ހަބަރު ބަލާލާފައި އޭނާ ޓީވީ ނިއްވާލާފައި އަނާލްއަށް ބަލާލިއިރު އަނާލް އޮތީ ހޭލައެވެ. މިއަދު އަކްނިޒާ ގެނައި ކާއެއްޗެހިވެސް ހުއްޓެވެ. އެހެންކަމުން އޭނާ ގޮސް އަނާލްއަށް ސޭންޑްވިޗެއް ދީފައި އިށީނީ އަނާލްގެ އެނދުކައިރީގައި ހުރި ގޮނޑީގައެވެ. އަނާލް ތެދުވަން ބޭނުންވުމުން ސީދާ ކޮށްލާފައި އިސްޖަހާލީ އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެންނެވެ.

"އިޒް. ކިހިނެތްވީތަ؟" ބުނެބަލަ. ކިހިނެތްވެގެން އެހާ ހާސްވެގެން ތިއުޅެނީ. އަނެއްކާ ބޭބީ އަށް ކަމެއް ވީތަ؟ ބޭބީ އެންއައިސީޔޫގަ އޮންނައިރު ބޭބީ މަންމައަށް ވިޒިޓްވެސް ނުކުރެވޭތަ؟ " އަނާލް އަހާލިއެވެ. އިޒިއަން ވަކި އެއްޗެއް ނުބުނެއެވެ.

"އަދިވެސް ކީއްވެތަ އެމީހުން ހުއްދަ ނުދެނީ ބޭބީ ގާތަށް ދާން." އަނާލްގެ ޝަކުވާ އަޑުއަހަން އިޒިއަންއަށް ވެސް ފަސޭހައެއް ނޫނެވެ. އެންމެ ފަހުން އޭނާ ހިތްވަރު ކުރަމުން އަނާލްއަށް ބަލާލުމަށްފަހު އަނާލްގެ އަތް އޭނާގެ އަތުގެތެރެއަށްލާ ހައްޔަރުކޮށްލިއެވެ.

"އެބައޮތް ވާހަކަ އެއްބުނަން ބޭނުންވެފަ. ހިތްވަރު ކުރައްޗޭ. " އިޒިއަން ވާހަކަ ފެށިއެވެ.

"ކޮން ވާހަކައެއް؟" އަނާލްގެ މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނިލިއެވެ.

"ޕްރޮމިސް މީ ދެތް ޔޫ ވިލް ބީ ބްރޭވް އީވެން އާފްޓަރ ނޮވިންގް ދިސް. ޔޫ ކޭން ކްރައި އޯލް ޔޫ ވޯންޓް. ބަޓް ޖަސްޓް ޕޮރޮމިސް މީ ދެޓް ޔޫ ވިލް ބީ ބްރޭވް. އައި ވިލް ބީ ވިތް ޔޫ ފޯރ އެވަރ. އިންޝާ ﷲ" އިޒިއަން އަނާލްގެ ކޯތާފަތުގައި އެއްއަތް ޖައްސާލިއެވެ. ހިތްވަރުކުރަން ބުންޏެވެ. އަނާލްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމެވެ.

"ޕްރޮމިސް" އިޒިއަން އަހާލިއެވެ. އަނާލް ބޯ ޖަހާލިއިރު އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.

"ނާލް... ބޭބީ.... ބޭބީ. ސަލާމަތެއް ނުކުރެވުނު... އެމީހުން ވަރަށް މަސައްކަތް ކުރި.... އެކަމަކު އެކަމެއް ނުވި.... އައި އެމް ސޮރީ ނާލް އަށް ދޮގު ހެދުނީތީ........ އަވަރ ލިޓްލް ބޭބީ އިޒް ނޯ މޯރ" އިޒިއަންގެ އަޑުކުރެހުނެވެ. އެ އަޑު އަހާފައި އަނާލްގެ ލޮލުގެ ތެރެއަށް ވަގުތުން ކަރުނަތައް ޖަމާވަގެން ދިޔައެވެ. ލިބުނު ޝޮކުގެ ސަބަބުން އޭނާގެ ހަރަކާތްތައް މަޑުޖެހުނެވެ. ހަރަކާތެއްނެތް ބުދަކާ އެއްވެސް ތަފާތެއް ނެތެވެ.

(ނުނިމޭ...)

https://sun.mv/121351

comment ކޮމެންޓް