ސުޕްރީމު ކޯޓުގެ އަމުރާ މެދު ސިވިލް ކޯޓުގެ ގާޒީއަކު ސުވާލު އުފައްދަވައިފި

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު --- ސަން ފައިލް ފޮޓޯ

ފަނޑިޔާރަކު ނިންމާ ނިންމުމެއް ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސުތަކާ ގުޅުވައިގެން އެ ނިންމުން ގޯސް ކަމަށް ބުނެ، އެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ފާޑު ވިދާޅުވެއްޖެ އެވެ.

މަރިޔަމް ވަހީދު، ފޭސްބުކްގައި އާންމު ކުރެއްވި ސްޓޭޓަސް އެއްގައި ވަނީ މަރިޔަމް ވަހީދަށް، ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރާއި، މިއަދު ސުޕްރީމު ކޯޓުން ނެރުނު އަމުރުގެ ހަބަރުގެ ސްކްރީން ޝޮޓެކެވެ. އޭނާ ވިދާޅުވީ އެއް މަައްސަލައެއްގައި ސުޕްރީމު ކޯޓުން ދެ ގޮތަކަށް ބަސް ބުނެފައިވާ ކަމަށެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ސުޕްރީމު ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެވެ.

އެގޮތުން ވ. ބޮޑުމޮހޮރާ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ވަނީ ހުކުމެއް ކުރައްވައިފަ އެވެ.

މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ހުކުމްގައި ވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު، މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ބުނެ އެވެ.

އެ އަމުރު ބާތިލްކޮށް، އޭނާ ވަޒީފާ އަށް ނިކުތުމަށް އެންގީ އެ އަމުރު ނެރުނުތާ އަހަރެއް ވީ ފަހުންނެވެ.

https://sun.mv/101393

comment ކޮމެންޓް