ގުރައިދޫ މެމްބަރު ރިޒާ ހުވާކުރައްވައިފި

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާއަށް އިންތިހާބުވި މެމްބަރު އިބްރާހިމް ރިޒާ، މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ މިއަދު ހުވާކުރެއްވީ އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މެމްބަރު ރިޒާ މިއަދު ހުވާކުރެއްވީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގަ އެވެ. ރިޒާއަށް ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށި، އެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދުވަހު ރިޒާއަށް އެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވުނީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގައި އޭރު ހުންނެވުމުންނެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރައްވަނީ --- ފޮޓޯ/ މަޖިލިސް

ގާނޫނީ ވަކީލުކަންވެސް ކުރައްވާ ރިޒާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސެސް ކޮމިޝަނަށް ކަނޑައަޅުއްވާފައި ހުންނެވި އެ މަޖިލީހުގެ މެމްބަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހުން ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، އޭނާ ޖޭއެސްސީން ވަނީ ވަކިކޮށްފަ އެވެ.

comment ކޮމެންޓް