ނަސަންދުރަ އެއްބަސްވުން ބާތިލް ކުރުމާ މެދު އޭޖީގެ ލަފަޔަކަށް އެދިއްޖެ

ޓޫރިޒަމް މިނިސްޓަރު އަލީވަހީދު-- ސަން ފޮޓޯ: ފަޔާޒު މޫސާ

ނަސަންދުރަ ޕެލަސް ހޮޓެލް ހިންގި ބިން ކުއްޔަށް ދޫކުރި މައްސަލާގައި އެޓާނީ ޖެނެރަލް (އޭޖީ) ގެ ލަފަޔަކަށް އެދިފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނަސަަންދުރަ ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމާއެކު ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭތީ، އެ މައްސަލާގައި ލަފައެއް ހޯދުމަށް އޭޖީ އަށް ފޮނުވާފައިވާ ކަމަށެވެ.

"ބަންޑާރަނައިބުގެ ލަފައެއް އެކަމަށް ލިބުނުހާ އަވަހަކަށް އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނަން،" އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓާ ކޮންފިޑެންސް ގެއްލޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ނަސަންދުރަ ހިންގި ބިމާއި، އެ ބިމާ އިންވެގެން އޮންނަ 26 ނަންބަރު ކޮށީގެ ބިން އެމްއެމްޕީއާރުސީ މެދުވެރިކޮށް "އެންޕީއެޗު އިންވެސްޓްމެންޓްސް" ކިޔާ ކުންފުންޏަކަށް ކުއްޔަށް ދޫކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އެ އެއްބަސްވުމާ މެދު އޭސީސީއިން ވެސް ސުވާލު އުފައްދާފައިވެ އެވެ.

އަލީވަހީދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓު ކުރާ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަތައް ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ކަމަކީ، ރާއްޖޭގައި އިންވެސްތުކުރާ ފަރާތްތަކަށް ޔަގީންކަމެއް މިދެނީ ރާއްޖޭގައި އިންވެސްތު ކުރެވޭނީ ހަރުދަނާ އުސޫލެއްގެ ތެރެއިންކަން، މުސްތަގުބަލުގައިވެސް،" އަލީ ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް