ކެންޑިޑޭޓުން މާލީ ބަޔާން ހުށަނޭޅި މައްސަލަތައް ޕީޖީއިން އަނބުރާ ފޮނުވާލައިފި

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް: މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މަހު ހަ ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބްގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ފަރާތްތަކާއި އެޖެންޓުންނަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވި މައްސަލަތައް ފުރިހަމަ ނުވުމުން އަލުން އަނބުރާ ފޮނުވާލައިފި އެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރި 386 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، މާލީ ބަޔާން ހުށަހަޅާފައިވަނީ، 347 ކެންޑިޑޭޓުންނެވެ. ޖުމްލަ 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅުއްވަ އެވެ.

އިލެކްޝަން ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް 'ސަން' އަށް ވިދާޅުވީ، މާލީ ބަޔާން ހުށަނޭޅި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ އެޖެންޓުންނަށް ދައުވާ ކުރުމަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ، އޭގައި އެ ފަރާތްތަކުގެ ބަޔާން ނެތުމުން ކަމަށެވެ. އަދި ބަޔާނާއި އެކު އަލުން ހުށަހެޅުމަށް ފުރުސަތު ދީފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

ކެންޑިޑޭޓުންނާއި އެޖެންޓުންގެ ބަޔާންތައް ނެގުމަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް އީސީން ނިންމާފައިވާ ކަން އަކްރަމް ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

މާލީ ބަޔާން ހުށަހަޅާފައި ނުވާ 39 ކެންޑީޑޭޓުންގެ ތެރެއިން، ގިނަ ކެންޑީޓުންނަކީ އަމިއްލަ ކެންޑޭޓުންނެވެ. އެގޮތުން 31 އަމިއްލަ ކެންޑިޑޭޓަކު މަލީ ބަޔާން ހުށަހަޅާފައިނުވާއިރު، ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު، ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅުއްވައިފައެއް ނުވެ އެވެ. އަދި އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެ އެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނުގައި ބުނާ ގޮތުން، އިންތިހާބު ބާއްވާތާ 21 ދުވަސް ތެރޭ މާލީ ބަޔާން ހުށަނޭޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާ އާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

comment ކޮމެންޓް