ރަދުންގެ އަމުރަށް ވެލާމަހާއި ބިސް "ހަރާމް" ކުރެއްވި

ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ވެލާތަކެއް ބަޔަކު ފަޅާލާފައި. -- ފޮޓޯ: ޕޮލިސް

ވެލާމަހާއި އޭގެ ބިހަށް ދިވެހީން ހުންނަނީ އަމަށަކު ވަރެއް ނޫނެވެ. ވެލާ މަސް ފިހެގެންނާއި އޭގެ ބިހުން ބިސްގަނޑު އަޅައިގެންނާއި ވެލާބިހުން ފޮޅި ފިހައިގެން ކެއުމަކީ ދިވެހީންގެ އާދައެކެވެ. ވެލާ މަހާއި އޭގެ ބިހުން އުފައްދާ ކާނާ ދިވެހީންނަށް ވަނީ މާ މީރު އެއްޗަކަށެވެ. ނަަމަވެސް، މަސްވެރިކަމުގެ ގާނޫނަށް 1978 ވަނަ އަހަރު ގެނައި އިސްލާހަކާ އެކު، ވެލާ ހިފުމާއި ކެއުން ވެސް އެކީ މަނާވީ އެވެ.

ނެތެމުންދާ ދިރުންތައް ރައްކާތެރިކުރުމުގެ ގޮތުން ގެނައި އެ އިސްލާހުގައި ބުނާ ގޮތުގައި؛ ދެ ފޫޓަށް ވުރެ ކުދި ކަހަނބާއި 2.5 ފޫޓަށް ވުރެ ކުދި ވެލާ ހިފުމަކީ މަނާ ކަމެކެވެ. އެއާ އެކު، ވެލައި ހިފައިގެން ފެޅުމާއި އޭގެ ބިސްނަގައި ކެއުން އެއީ މަނާކަމަކަށްވެ، އަދަބު ކަނޑައެޅޭ ކުށަކަށްވީ އެވެ.

ތާރީހުގެ ތެރެއަށް ވަދެގެން ދާއިރު، މިއީ ރާއްޖޭގައި ވެލާ މަސް މަނާވި ނުވަތަ "ހަރާމްވި" ފުރަތަމަ ފަހަރެއް ނޫނެވެ. އެކި ޒަމާނުގައި ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނާއި ޝޭހުން އެކި ގޮތަށް ނެރުއްވި ފަތުވާތަކާ ހުރެ ވެލާމަސް ކެއުން ދިވެހިންގެ ތެރޭ އޮތީ ބޮޑު ބަހުސަކަށް ދޫވެފަ އެވެ.

އެންމެ ފުރަތަމަ ވެލާމަސްވީ ހަރާމް

ބުނެވޭ ގޮތުގައި ވެލާމަސް ހަރާމް ކަމަށް ބުނެ، އެންމެ ފުރަތަމަ ފަތުވާއެއް ނެރުއްވީ ރާއްޖޭގެ ފަނޑިޔާރު ކަމުގައި ހުންނެވި އަލީ ހުސާމުއްދީން އެވެ. އޭރުގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން ޝަރީއަތުން ކުރެއްވި އަމުރެއްގެ ގޮތުގައި އަދި ދީނީ ފަތުވާއަކަށްވެސް ފުދޭ ގޮތަށް ވެލާ މަހާ ބެހޭ ގޮތުން އެމަނިކުފާނު އަމުރެއް ނެރުއްވީ އެވެ. ޝަރުއީ ގޮތުން ފަހު ބަހެއްގެ ގޮތުގައި ނެރުއްވި އެ ފަތުވާގައި ހުސާމުއްދީން ވިދާޅުވެފައިވާ ކަމަށް ވަނީ؛ "ވެލާ މަހަކީ އާދަމުގެ ދަރިޔާއަށް ހަރާމް އެއްޗެއް" ކަމަށެވެ.

އޭރުގެ މީހުން ކިޔައި އުޅުނީ އެ އަމުރަކީ، ގިނަ މީހުން ބޭނުންކުރުމުގެ ސަބަބުން ވެލާމަހާއި ބިސް ލިބުން ދަތިވެގެން ރަދުންގެ އެދިވަޑައިގަތުމަކަށް ފަނޑިޔާރު އިއްވި ފަތުވާއެއް ކަމަށެވެ.

އޭގެ ކުރިން ބަހުސެއްގެ ގޮތުގައިވެފައި އޮތް ވެލާ މަސް ކެއުން ދިވެހިންނަށް ހަރާމް އެއްޗެއްގެ ގޮތުގައި ފަނޑިޔާރުގެއިން ކަނޑައެޅި އެންމެ ފަހުގެ ނިޔާ އެ ހިސާބުން އިއްވުނީ އެވެ.

ފޮޓޯގެ މެދުގައި އިށީނދެ ވަޑައިގެން ހުސެން ސަލާހުއްދީން.

އެ ފަތުވާއަށް އިތުރަށް ބާރުދެއްވީ ދިވެހިން އިންތިހާއަށް ލޯބިކުރާ ބޮޑު އިލްމުވެރިޔާ ހުސައިން ސަލާހުއްދީން އެވެ. އެމަނިކުފާނު 1913 ވަނަ އަހަރު ލިޔުއްވި "އައްދުއްރަތުލް ބަހިއްޔާ" ގައި ވެލާ މަސް ހަރާމްކަމަށް އަކުރުން އަކުރަށް ލިޔުއްވި އެވެ. އެފޮތުގައި އެމަނިކުފާނު ލިޔުއްވަނީ؛ "ކަނޑުގައި އުޅޭ ތަކެތި ކޮންމެ ގޮތަކުން މަރުވިޔަސް ހަލާލުވާށި. ކަނޑުގައްޔާއި އެއްގަމުގައްޔާއި ދިރިއުޅޭ ބޮއްފަދަ، ކަކުނި ފަދަ، ކަހަނބު ފަދަ، ވެލާ، ވާވޮށި، ކިނބޫ ފަދަ ކޮންމެ އެއްޗެއް ހަރާމްވާހުށި" ކަމަށެވެ. ޞަލާޙުއްދީނުގެ ފަތުވާއަކީ ފިގުހީ ގޮތުން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ މަޒްހަބުގެ ފިގުހީ ރައުޔު ކަމަށް އެނގިފައިވެ އެވެ.

ވެލާމަސް ކެއުމާ މެދު ޝައްކެއްގައި ތިބި އެތައް ބަޔަކު އެ ބަސްފުޅުތައް ހެޔޮ ހިތުން ގަބޫލުކޮށް ވެލާ ހިފުމާ މުޅިން ދުރުވެ ނަހީވެ ގަތެވެ.

ވެލާ މަސް ހުއްދަކޮށް ފަތުވާއެއް

ސަލާހުއްދީންގެ ފަތުވާ ގަބޫލުކޮށް ވެލާ މަސް ކެއުން ހަރާމް ކަމަށް ދިވެހިން ދެކިގެން ތިއްބައި މިސުރުގެ އަޒުހަރުން ކިޔަވާ ވިދާޅުވެގެންރާއްޖެ ވަޑައިގެން، އައްޑޫ މީދޫއަށް އުފަން އައްޝައިޙް ޙާޖީ އަބްދުއްރަޙްމާން ތަފާތު ފަތުވާއެއް ނެރުއްވައި އެންމެން ހައިރާންކޮށްލެއްވި އެވެ. އޭނާގެ ފަތުވާ ނެރުއްވައި ދީނީ ތަގުރީރު ކުރައްވަން ފެއްޓެވީ ވެލާ މަސް ހަލާލު ކަމަށް ވިދާޅުވެ އެވެ.

ރަސްކަމުގެ ފަރާތުން ވެލާ މަސް ހަރާމް ކުރައްވާފައި އޮތް އޮތުމާ ދެކޮޅަށް ޝޭހް އަބްދުއްރަހުމާން ރައިވަރުވެސް ހައްދަވައިގެން ތަގުރީރު ކުރައްވައި ދަރުސްތައް ދެއްވި އެވެ. އޭނާ އާންމުކޮށް ކިޔުއްވައި ހެއްދެވި ރައިވަރެއްގައި ބުނެ އެވެ؛

ޑަށްއަ ސިހި ނުދާހަރު

ޑަށްފަސްގަ ހެލިވެފާބަރު

ޑަށްކަ އެރި އުރަ ނިދާފަށު

ޑަށްދިޔަގޮ ބިސް އަޅާރަށު

ޑަށްއަރާ ހައިވާނު ރޭގަ

ޑަށްއަޅު ހާދަ މީރޭގަ

އޭނާގެ ފުން އިލްމީ ކަނޑުގެ ތެރެއިން ދަލީލު ދައްކަވަމުން ވެލާމަސް ހުއްދަކަމަށް މި ގޮތަށް ހަރުއަޑުން ވިދާޅުވެ ތަގުރީރު ކުރައްވަމުން ފެއްޓެވުމުން އޭނާގެ ބަސް އެތައް ބަޔަކު އަހައި ގަބޫލުކުރި އެވެ. އެ ފަތުވާގެ އަޑު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދުމެއް ޖަހާފައި ފެތުރި، އިސާހިތަކު ގިނަ ބަޔަކު ނިކުމެ ވެލާ ހިފައި ފަޅައި އޭގެ މަހާއި ބިސްވެސް ކައި ފާޅުގައި ތެޔޮކުނޑި ހާނައިގެން ކާން ފަށައިފި އެވެ. ދެވިހިފާ ތަކެއްޗަށް ދެވި ހިފާހެން ވެލާގެ ތެޔޮކުނޑިއަށް ދިވެހީންގެ އެތައް ބަޔަކު ދެވި ހިފައި، މޮޔަވެގެން އުޅެގެންފި އެވެ.

ޝޭހް އަބްދުއްރަހުމާން: ވެލާ މަސް ހުއްދަ ކަމަށް ވިދާޅުވެ ފަތުވާ ނެރުއްވި.

މިކަމެއްގެ ތުރާ ބޮޑުވެ، އޭރުގައި ސިޔާސީ ގޮތުން ނުފޫޒު ގަދަހަ ހަސަން ފަރީދު އަޑީގައި ހުންނަވައި ޝޭހް އަބްދުއްރަޙްމާންގެ މައްޗަށް ޝަރީއަތް ހިންގައި ޝޭހް މާލެ ވިލިނގިއްޔަށް އަރުވާލި އެވެ. ޝޭހް ވިލިނގިލީ ޖަލުގައި ހުންނަވައި އަވަހާރަވެ ނިމިދިޔައީ އެވެ. މިއަދު ޝޭޚްގެ ހަނދާނަކަށް އޮތީ ވިލިނގިލީގައި ޝޭޚްގެ ނަމުން އޮތް މަގަކާއި ޝޭޚަށް ނިސްބަތް ކުރެވިފައިވާ ޕްރީސްކޫލެކެވެ.

ވެލާ މަހުގެ ފަތުވާއާ އެކު ސިޔާސީ ޝަރީއަތެއް

ފިގުހީ އުސޫލުތަކުގެ އަލީގައި ޝޭހް އަބްދުއްރަހްމާން ވިދާޅުވަމުން ގެންދެވީ، ވެލަޔަކީ މަސްމަހާމެހި ފަދަ ކަނޑުގެ ދިރުމެއް ކަމަށާއި އެހެން ވީމާ އޭގެ މަސް ހަރާންވާނެ އުސޫލެއް ޝަރީއަތުގައި ނެތް ކަމަށެވެ. އަދި ވެލައަކީ އެއްގަމު، ޖަނަވާރެއް ކަމަށް ބުނެ ވެލާ މަސް ހަރާން ކުރުމަކީ ބާތިލް ފަތުވާއެއް ކަމަށް ޝޭހް އަބްދުއްރަހްމާން ވިދާޅުވަމުން ގެންދެވި ކަމަށްވެ އެވެ.

ފަހުގެ އިލްމީ ހޯދުންތަކުން ވެސް އަދި މިފަހުގެ ފިގުހީ އިލްމްވެރިން ވެސް ބުރަވަނީ ޝޭހް އަބްދުއްރަޙްމާންގެ ފަތުވާއަށެވެ. ސަބަބަކަށް ވަނީ، ވެލައަކީ ކަނޑުގެ ދިރުމެއް ކަމަށް ސައިންސުންވެސް ސާބިތު ކުރެވޭތީ އެވެ.

ޝޭހް އަބްދުއްރަހުމާން އެގޮތަށް، ވަކާލާތު ކުރައްވަން ފެއްޓެވުމުން އޭރު ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ އަދި ރަދުންވެސް އެބޭފުޅެއްގެ ނުފޫޒުގެ ދަށުގައި ހުންނެވި، ހަސަން ފަރީދު އަޑީގައި ހުންނަވާ ތުހުމަތު ކުރެއްވީ ވެލާ މަސް ހުއްދަކޮށް ޝޭހް އަބްދުއްރަހުމާން ވަކާލާތު ކުރައްވަނީ އަމިއްލަ އެދުމެއްގައި ކަމަށެވެ. ސަބަބެއް ކަމަށް ދެއްކެވީ ޝޭހްގެ މިސްރު އަނބިކަބަލުންނަށް ވެލާ މަސް ކަމުދާތީ އެކަމަށް މަގު ކޮށްޓެއްވީ ކަމަށެވެ. އެކަމަކު އެ ތުހުމަތުތަކަށް ބާރު ލިބޭނެ އެންމެ ދަލީލެއް ވެސް ތާރީހުން އަދި ފެންނާކަށް ނެތެވެ.

އެކަމަކު ބުނެވޭ ގޮތުގައި، ހަސަން ފަރީދު އަޑީގައި ހުންނަވައިގެން، ޝޭހް އަބްދުއްރަޙްމާންގެ މައްޗަށް ތުހުމަތުތަކެއް ކޮށް އެމަނިކުފާނު ތައުޒީރުކޮށް ވިލިނގިލީ ޖަލުގައި ބަންދުކުރީ، ޝޭހް އަބްދުއްރަހުމާންގެ ދޫފަރިތަކަމާއި އޭނާއަށް ލިބިވަޑައިގެންފައިވާ ހިލްމާއި އިލްމްގެ ބޮޑު ކަމުން ހަސަން ފަރީދުގެ ނުފޫޒު ދުއްވާލައި ޝޭހް އަބްދުއްރަހުމާން އޭނާގެ މައްޗަށް ގަދަވެގެންފާނެތީ އެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި ޝެއިހް އަބްދުއްރަހްމާންގެ މިސްރު އަނބިކަނބަލުން ސިއްތިއާ ހަސަން ފަރީދު ހިތާވެ، ސިއްތިގެ ލޯބި ކޮންމެ ގޮތެއް ހައްދަވައިގެން ވެސް ހާސިލް ކުރައްވަން ހަސަން ފަރީދު ބޭނުންފުޅުވީ އެވެ.

މި ހުރިހާ ކަންތައްކަނޑަކަށް ފަހު، ފަނޑިޔާރުގެއިން އަނެއްކާ ވެސް އަމުރެއް ނެރުއްވީ ވެލާ މަސް ހަރާމް ކަމަށެވެ. އަދި ވެލާ ހިފައި ބިސް ނަގައި ކައި ހަދައި ކޮންމެ މީހަކަށް ހަރުކަށި އަދަބު ދޭނެކަން އިއުލާން ކުރި އެވެ. ވެލާ މަސް ހަރާމް އެއްޗެއްގެ ގޮތުގައި އަނެއްކާ ވެސް ޒަމާން ގަނޑެއް ވަންދެން ދެމި އޮތެވެ.

ޞަލާހުއްދީންނަށް ފަހު ވެލާ މަސް ހުއްދަވި

ޝޭޙް ޞަލާހުއްދީން 5 އޮގަސްޓް 1948 ގައި އަވަހާރަވުމާ އެކު، ފަނޑިޔާރު ކަމަށް އިސްވި ޝައިޙް ޢަބްދުﷲ ފަހުމީ ދީދީ ފަތުވާއެއްގެ ގޮތުގައި އަމުރެއް ނެރުއްވީ ވެލާ މަސް ކެއުން ހުއްދަ ކަމަށެވެ. އަދި ވެލާ މަސް ކައިފިކަން ސާބިތުވާ ފަރާތްތަކަށް ފަނޑިޔާރުގެއިން ދެމުން އައި އަަދަބުވެސް އެކީ އުވާލެއްވި އެވެ. އެއާ އެކު، 1978ގައި ގާނޫނަކުން ވެލާ ކަހަނބު ހިފުން މަނާ ވަންދެން ވެލައި ހިފައި ފަޅައިގެން އޭގެ ބިހާއި މަސް މާ މީރު ވެގެން ދިވެހިން ކައި އުޅެމުން ދިޔަ އެވެ. އަދި ކަހަނބު ފަތް ޓޫރިސްޓުންނަށް ވިއްކައި ރާއްޖެއިން ވެސް ބޭރުކޮށް އާމްދަނީ ވެސް ހޯދަމުން ދިޔަ އެވެ.

އެހެން ވީމާ ވެލާ މަސްދިވެހިންނަށް އެންމެ ފުރަތަމަވީ ހަރާމް އެވެ. އެއަށް ފަހު ހުއްދަވީ އެވެ. ދެން އަނެއްކާ ވެސް ހަރާމްވީ އެވެ. ދެން ވެލާ މަސް ގާނޫނަކުން މަނާވީ އެވެ.

comment ކޮމެންޓް