ކުރީގެ މެންބަރުންނަށް އެއާޕޯޓު ވީއައިޕީ ހިދުމަތާއެކު ގިނަ އިނާޔަތްތަކެއް ހޯދަން ހުށަހަޅައިފި

މަޖިލީހުގެ އިމްތިޔާޒު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މުސްތަފާ އަދި އަބްދުއްލަތީފް --- ސަންފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގިނަ އިނާޔަތްތަކެއް ދޭން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައި ބިލެއް މަޖިލީހަށް ވައްދައިފި އެވެ.

ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވަކި ވަކިން ހުށަހެޅި ދެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އަބްދުއްލަތީފު އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރާށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބޭނީ ހަމައެކަނި މެމްބަރުކަން ކުރި މީހަކަށެވެ. އާއިލާގެ މީހަކަށް ނުލިބޭނެ އެވެ.

އޭގެ އިތުރުން މެމްބަރުކަން ކުރި މީހުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން އަބްދުއްލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު

  • އަށްވަނަ މާއްދާގެ (ކ) - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށާއި ފިރިމީހާ / އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ އެވެ. މި ޕާސްޕޯޓް ހެދުމުގެ ހަރަދު ހަމަޖައްސަން ވާނީ އެމީހަކު އަމިއްލައަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަދި ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް ހެލްތް އިންޝުއަރެންސް ލިބެން ޖެހޭ ގޮތަށްވެސް އަބްދުއްލަތީފް ވަނީ ހުށަހަޅުއްވާފަ އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެން ޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ.

މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު

  • އަށްވަނަ މާއްދާގެ (އ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން - ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ވާނެ އެވެ.

އިމްތިޔާޒު ތަކާ ބެހޭ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް މުސްތަފާ ވިދާޅުވަނީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރި ކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިދިނުމެވެ.

މަޖިލިސް މެމްބަރުންނަށް މިހާރުވެސް އިމްތިޔާޒު ގާނޫނުން ގިނަ އިނާޔަތްތަކެއް ލިބެ އެވެ. އެގޮތުން މަޖިލިސް މެމްބަރުކަން އެއް ދައުރުކޮށްފައިވާ ފަރާތްތަކަށް މެމްބަރަކަށް ހުރި އިރު ލިބެ މުސާރައިގެ 30 ޕަސެންޓް ލިބެން ޖެހޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މެމްބަރުކަން ކުރި ކޮންމެ މީހަކަށް މަހަކު މަދުވެގެން 25،500 ރުފިޔާ އެވެ.

އަދި މަޖިލީހުގެ މެމްބަރުކަން ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އެމީހަކު މެމްބަރަކަށް ހުރި އިރު ލިބޭ މުސާރައިގެ 45 ޕަސެންޓް ލިބޭނެ ކަމަށް އިމްތިޔާޒު ގާނޫނުގައި ވަނީ ބުނެފަ އެވެ. އެއީ މަހަކު 38،250 ރުފިޔާ އެވެ.

އެފައިސާ ލިބޭނީ އެ މެމްބަރަކު މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުން ކަމަށް އިމްތިޔާޒު ގާނޫނުގައި ބުނެފައިވެ އެވެ. އެމާއްދާއަށްވެސް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. އެއީ މަޖިލިސް މެމްބަރު މަޖިލީހުން ވަކިވާ ދުވަހުން ފެށިގެން އެ ފައިސާ ލިބޭގޮތަށް ހަދާށެވެ.

މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތައް އިތުރު ކުރަން ބިލް ހުށަހެޅުއްވި މެންބަރު މުސްތޮފާ އާއި އަބްދުއްލަތީފް ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައެއް ނުވެ އެވެ.

comment ކޮމެންޓް