އިންތިހާބުގައި ޖޭޕީއަށް ކާމިޔާބު ހޯދަން އުޅުއްވީ ގާސިމް، ޕާޓީގެ ލީޑާޝިޕެއް ނުފެނޭ: ރިޔާޒް

ތިމަރަފުށީ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުﷲ ރިޔާޒު ވާހަކަފުޅު ދައްކަަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ކާމިޔާބު ހޯއްދަވަން މަސައްކަތް ކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކަމަށާއި، ޕާޓީގެ ލީޑާޝިޕުގެ ފަރާތުން އެ މަސައްކަތް ކުރެއްވި ތަނެއް ނުފެންނަ ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން، ތިމަރަފުށީ ދާއިރާގެ އިންތިހާބީ މެމްބަރު ރިޔާޒް ވަނީ ޖޭޕީ އިންތިހާބުގައި ނާކާމިޔާބުވި ސަބަބުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، އެ ޕާޓީއަށް ކާމިޔާބު ހޯދަން މަސައްކަތް ކުރެއްވީ ގާސިމް އެކަނި ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑާޝިޕުގެ ތެރެއިން އަޅުގަނޑަށް ފެނުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގިނިކަންޏާ ޖުމްހޫރީ ޕާޓީ އަށް މި ކެމްޕޭނުގައި ކާމިޔާބުކޮށްދިނުމަށް ކިރިޔާ ވެސް މަސައްކަތެއް ކުރެއްވި ބޭފުޅަކަށް. އެމަނިކުފާނަށް ވުރެެ އިތުރަކަށް އަޅުގަނޑަކަށް ނުފެނޭ މި ޕާޓީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނެއް، މުޅި ޕާޓީގެ ތިޔަ ވިދާޅުވާ 41 ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރެއްވި ތަނެއް. އެއީ ޕާާޓީގެ ފަރާތުން ކެބިނެޓުގައި ތިއްބެވި ބޭފުޅުންނަށް ވިޔަސް، ޕާޓީގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމުގައި ވިޔަސް،" ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް، ލިޑާޝިޕުގެ ބައެއް ބޭޭފުޅުން ބައެއް ދާއިރާތަކަށް ދިޔަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން، އޭނާގެ ކެމްޕޭނަށް ނައިބު ރައީސް ފައިސަލް ނަސީމް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އަދި ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވަޑައިގެންނެވިކަން އޭނާ ފާހަގަކުރެއްވި އެވެ. އެކަން ފާހަގަކުރެއްވި ނަމަވެސް، ގިނަ ކެންޑިޑޭޓުންނަށް ޕާޓީގެ ލީޑާޝިޕުން ކެމްޕޭން ނުކުރާ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަފުޅު ދެއްކެވި އެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީއަށް މަޖިލީހުގައި ކާމިޔާބު ނުލިބުމުގައި ބައިވަރު ސަބަބުތައްވެ އެވެ. އޭގެ ތެރޭގައި އިންތިހާބަށް ރަނގަޅަށް ތައްޔާރު ނުވެވުން ހިމެނޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ރަނގަޅަށް އޯގަނައިޒް ނުވެވޭ. އަޅުގަނޑުމެންނަށް ވަރަށް ފަހަކާ ޖެހެންދެން މަޑުކުރެވުނީ ސަރުކާރުން ގޮތްތަކެއް ނިންމަންދެން،" ރިޔާޒް ވިދާޅުވި އެވެ.

ޕީޕީއެމް-ޕީއެންސީ އާ އެކު މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ޖޭޕީއިން ނިންމި ނިންމުމާ ބެހޭގޮތުންވެސް ރިޔާޒު ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް ޕީއެންސީއިން އެއްބަސްވި ގޮތަށް ޖޭޕީއަށް ގޮނޑިތައް ހޯދައިދޭން މަސައްކަތް ނުކުރާ ކަމަށެވެ. އަދި އެ ކޯލިޝަނުން ތާއީދު ކުރި ޖޭޕީގެ ކެންޑިޑޭޓުންނާ ދެކޮޅަށް އެ ކޯލިޝަނުން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އިހުލާސްތެރިކަމާ އެކު އެއަށް އޮނާ ކުރި ތަނެއް އަޅުގަނޑަކަށް ނުފެނޭ ޕީޕިއެމްގެ ލީޑާޝިޕުން،"

ރިޔާޒް ވިދާޅުވީ، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް ކަމަށެވެ. އަދި ޚުދު އޭނާއާ ދެކޮޅަށް ވެސް މަސައްކަތް ކުރެއްވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"ޕީޕީއެމްގެ ހަމަ އެންމެ އިސް ލީޑަރު ވެސް އެންމެ އިސް ރައީސް ވެސް [މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް]. ރައީސް ޔާމީން ވެސް ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ،"

ޕީޕީއެމް-ޕީއެންސީ ކޯލިޝަނާ އެކު ޖޭޕީއިން އިންތިހާބަށް ނުކުންނަން ގާސިމް ނިންމެވީ އެއީ އެވަގުތު ޕާޓީއަށް އެންމެ ގިނަ ގޮނޑި ލިބޭނީ އެގޮތަށް ކަމަށް ގާސިމްއަށް ގަބޫލު ކުރެވުނީތީ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ވަނީ 65 ގޮނޑި ލިބިފަ އެވެ. ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް އަށް ގޮނޑި ލިބުނު އިރު ޖޭޕީއަށް ލިބުނީ ފަސް ގޮނޑި އެވެ.

comment ކޮމެންޓް