މިނިވަން މެންބަރު ސައުދު ޕާޓީއަކާ ގުޅެން ތައްޔާރު

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް ސިޔާސީ ޕާޓީއަކާ ގުޅެން ޖެހިއްޖެ ނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މިފަހަރުވެސް ވިލިނގިލީ ދާއިރާއަށް އިންތިހާބުވި އެ ދާއިރާގެ މިހާރުގެ މެންބަރު، ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ނަވާރަ މަޖިލިސް އިންތިހާބުގައި 12 މެންބަރުންގެ ތެރެއިން ހަމައެކަނި ގޮނޑި ދިފާއު ކުރެއްވުނު މެންބަރު ސައުދު ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކުރައްވާ މެންބަރުން އުޅެން ޖެހެނީ ވަރަށް ވެސް ދަތި އަދި ހާލުގައި ކަމަށެވެ. ތަފްސީލް ދެއްވަމުން ސައުދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބިލްތަކަށް ބަހުސްކުރަން މިނިވަން މެންބަރަކަށް ލިބެނީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެއް ކަމަށެވެ. އަދި މަޖިލީހުގެ އަސްލު މަސައްކަތްތައް ކުރާ ކޮމިޓީތަކުން ވެސް، ލިބޭނީ ވަރަށް ހަނި ފުރުސަތެއް ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.

"ތެދުތެދަށް ބުނަންޏާ މިނިވަން މެމްބަރަކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ތެރޭ ހުރެގެން ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނެތް. އެހެން ނަމަވެސް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކޮށްދޭނަން މިކަން ކަން ބަދަލުކޮށްލެވޭތޯ. އަދި ޕާޓީއަކާ ގުޅެން ޖެހުނަސް އެކަންކަން ކޮށްގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީސް ތެރެއިން ރައްޔިތުންގެ ބަސް ރަނގަޅު ގޮތުގައި އިއްވުމުގެ ފުރުސަތު ހޯދުމުގައި ކުރަން ޖެހޭ ކަންކަން ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް،" އަމިއްލަ ގޮތުން ވާދަކުރައްވާ ގޮނޑި ކާމިޔާބު ކުރެއްވި ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެމްޑީޕީއިން ގެނެސްފައިވާ "އެޖެންޑާ 19"ގެ ސިޔާސަތުތައް ތަންފީޒުކޮށް އެކަމަށް މަގުފަހި ކުރަން ފާސްކުރަން ޖެހޭ ބިލްތައް ފާސްކުރުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ. ސައުދު ވިދާޅުވި ގޮތުގައި އެޖެންޑާ 19 ގެ ސިޔާސަތުތަކަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ގެނެސްދޭނެ ކަންތައްތަކެވެ. ހާއްސަކޮށް އިޖުތިމާއީ ރައްކާތެރިކަން އެޖެންޑާ 19 އިން ކަށަވަރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެޖެންޑާ 19 ގައި ހުރީ ރައްޔިތުންނަށް ބޭނުންވާ އިޖްތިމާއީ ރައްކާތެރިކަން. އެއީ ރާއްޖެއަށް ވަރަށް މުހިއްމު ކަންތައްތަކެއް. ހާއްސަ ކޮށް ވަޒީފާއެއް ހޯދާ މީހަކަށް އުޖޫރައެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް. އަޅުގަނޑު ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރާނަން. އެގޮތަށް އަޅުގަނޑު މަޖިލީހުގައި މަސައްކަތް ކުރާނީ،" ސައުދު ވިދާޅުވި އެވެ. "އާ މަޖިލީސް ވެގެންދާނީ ފާއިތުވި 10 އަހަރުގައި ނުކުރެވި ހުރި ކަންތައްތަކެއް ފުރިހަމަ ވެގެންދާނެ މަޖިލީހަކަށް."

ވިލިނގިލީ ދާއިރާގެ ގޮނޑި ސައުދު ދިފާއު ކުރެއްވީ ފަސް ކެންޑިޑޭޓަކާ ވާދަކޮށްގެން އެވެ. ސައުދާ އެންމެ ކައިރިން ވާދަކުރެއްވީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ހާރޫން ރަޝީދެވެ.

comment ކޮމެންޓް