މެގަ މޯލްޑިވްސް އިން އަމިއްލަ ފަރާތަަކަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި ހުންނަތާ އަހަރެއް ވަނީ

މެގަ މޯލްޑިވްސްގެ ފްލައިޓެއް -- ފޮޓޯ: މެގަމޯލްޑިވްސް

ކުންފުނީގެ އޮޑިޓެއް ހަދަން ޖެހޭ ކަމަށް ބުނެ މެގަ މޯލްޑިވްސް އިން އަމިއްލަ ފަރާތަަކަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި ހުންނަތާ އަހަރެއް ވާން ކައިރިވެއްޖެ ކަމަށް އެ ފައިސާ ލިބެން ޖެހޭ ފަރާތުން ބުނެފިއެވެ.

މެގަ މޯލްޑިވްސް އަކީ މާލީ ދަތިކަން ކުރިމަތިވެ މިހާރު ހުއްޓާލާފައި އޮތް އެއާލައިނެވެ. އެ ކުންފުނިން އެހެން ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ގިނަ މައްސަލަތައް މިހާރުވެސް ކޯޓުގައި އެބަ އޮތެވެ.

އޭގެ ތެރެއިން އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑާއި ސަނީ ސުއިޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ދައުވާ ކުރީ އެ ކުންފުނިން މެގަ މޯލްޑިްވްސްގެ ޑިލޭ ފަސިންޖަރުންނަށް ދީފައިވާ ހިދުމަތުގެ ފައިސާއާއި މުވައްޒަފުން ކުއްޔަށް ބަހައްޓައިގެން ދައްކަންޖެހި ނުދައްކާވާ ފައިސާ ހޯދުމަށެވެ.

ޑިލޭ ފަސިންޖަރުންނަށް އެމެކްސްލައިން ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ހިދުމަތަށް ދައްކަން ޖެހޭ 192،023.64 އެމެރިކާ ޑޮލަރާއި ސަނީ ސުއިޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް ދީފައިވާ އެކޮމޮޑޭޝަނަށް ދައްކަން ޖެހި ނުދައްކާ އޮތް 35،400 އެމެރިކާ ޑޮލަރު ހިމެނޭ ގޮތަށް އެ ދެ ކުންފުންޏަށް ޖުމްލަ 227،423.64 ޑޮލަރު ދައްކަން މެގަ މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެ ހުކުމުގައި ބުނެފައި ވަނީ 11 ދުވަހުގެ ތެރޭގައި އެ މައްސަލަ ދައްކާ ހަލާސް ކުރުމަށެވެ. އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވި އިރުވެސް މެގަ މޯލްޑިވްސްގެ ފަރާތުން އެ ހުކުމް އިސްތުނާފަށް ހުށަހަޅާފައިނުވެއެވެ.

ސަނީ ސުއިޓްސް އާއި އެމެކްސްލައިނަކީވެސް އެއް ވެރިއެއްގެ ދަށުން ހިންގާ ދެ ކުންފުންޏެވެ. އެ ދެ ކުންފުނީގެވެސް މެނޭޖިން ޑިރެކްޓަރު އިބްރާހިމް މޫސާ ވިދާޅުވީ، ހުކުމް ކުރި ފަހުން އެގާރަ ދުވަސް ހަމަވި އިރުވެސް މެގަ މޯލްޑިވްސް އިން ފައިސާ ދައްކާފައި ނުވުމުން، ފައިސާ ހޯދުމަށް ތަންފީޒީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނު ކަމަށެވެ.

"އެމެކްސްލައިން ޓްރެވަލްސްގެ މައްސަލައިގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އެމީހުންނަށް (މެގާ މޯލްޑިވްސްއަށް) ކޯޓަށް ކީމަ އެމީހުންގެ ފަރާތުން ލޯޔަރުން ބުނީ އެމީހުންގެ ފަރާތުން އެހެން މައްސަލައަށް ހަމަ އެގަޑީގައި ދާން އެބަ އޮތޭ،"

އޭނާ ވިދާޅުވީ، އެ އަޑުއެހުމުގެ ފަހުން އެމެކްސްލައިންގެ މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި ތާވަލުކޮށްފައި ނުވާ ކަމަށެވެ. އަދި ކޯޓުން އެ މައްސަލަ ތާވަލު ނުކުރާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ސަނީ ސުއިޓްސްގެ ފައިސާ ދިނުމަށް ކުރި ހުކުމް ތަންފީޒު ކުރަން ހުށަހެޅުމުން ބޭއްވި އަޑުއެހުމެއްގައި މެގަ މޯލްޑިވްސްގެ ފަރާތުން ބުނެފައި ވަނީ ކުންފުނި އޮޑިޓް ކުރަން ފުރުސަތު ބޭނުންވާ ކަމަށެވެ. އޮޑިޓް ކުރަމުންދާތީ ކަމަށް ބުނެ އަދިވެސް ފައިސާ ދައްކާފައި ނުވާ ކަމަށް އިބްރާހިމް ކިޔައިދިނެވެ.

"ސަނީ ސުއިޓްސް މައްސަލައިގައި ކޮންމެ ހަފްތާއަކު ކޯޓަށް އެބަ ގެންދޭ. ކޮންމެ ދުވަހެއްގައިވެސް މި މީހުންގެ އޮޑިޓެއްގައި ސަލާމަތް ނުވެގެން މި އުޅެނީ،"

މެގަ މޯޑިވްސް ކުންފުނި އުވާލުމުގެ މަސައްކަތް ކުރުމަށް ލިކިއުޑޭޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ވިޝާމް އެންޑް ކޯ އެލްއެލްޕީން ވަނީ ފުރަތަމަ އެ ދެ ދައުވާއަށްވެސް ކޯޓުގައި އިންކާރު ކޮށްފައެވެ.

އެ މައްސަލައިގެ އިތުރުންވެސް މެގަ މޯލްޑިވްސްގެ މައްޗަށް ވަނީ ފައިސާގެ ގިނަ މައްސަލަތަކެއް ސާބިތުވެ ހުކުމްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ 60 ހަށް ވުރެ ގިނަ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދިނުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް