ބިގަށް 78 މިލިއަން ދޭން ޖެހޭ މައްސަލަ އިސްތިއުނާފު ކުރަން ގޮވާލައިފި

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: މަޖިލިސް

ޓީވީއެމް ހިންގި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން، އެމްއެންބީސީ އިން ބިޒްނަސް އިމޭޖް ގްރޫޕް، ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރެވޭނެ މަގެއް ހޯދުމަށް މާލިއްޔަތު ކޮމިޓީގެ މެންބަރުން މިއަދު ގޮވާލައިފި އެވެ.

ބިގާއި ޓީވީއެމްއާ އެކު ހެދި މާކެޓިން އެގްރިމަންޓެއްގެ ދަށުން ބިގަށް 78 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ، 2016 ވަނަ އަހަރު އެވެ.

އެ ހުކުމުގައި ބުނީ، އެމްއެންބީސީ އާއި ބިގާ ދެމެދު 2010 ގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. މި އަދަދު އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ އެވެ. ޖޫރިމަނާއާ އެކު ޖުމްލަ 78 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. އެ ފައިސާގެ ތެރެއިން 30 މިލިއަން ރުފިޔާ މިހާރު ޕީއެސްއެމް އިން ވަނީ ބިގަށް ދައްކައިފަ އެވެ.

އެކަމާ ގުޅިގެން މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުސްތަފާ ވިދާޅުވީ، ބިގުގެ މައްސަލައިގައި ހުރިހާ ޝަރުއީ މަރުހަލާއެއް ނުނިމި އޮއްވާ އެ ކުންފުންޏަށް ޕީއެސްއެމް އިން ފައިސާ ދިނުމަކީ ހެދި ގޯހެއް ކަމަށެވެ.

"އެނގިފައިވާ ގޮތުގައި މިއީ ޝަރުއީ މަރުހަލާ ނުނިމި އޮތް މައްސަލައެއް. ޝަރުއީ މަރުހަލާ ނުނިމި އޮއްވާ، ފުރަތަމަ މަރުހަލާ ނިމުނީމާ ދަށު ކޯޓުން ނިމުނީމާ ޕޭމަންޓް ދެން ދިނުމަކީ ވެސް އެއީ ގޯހެއް. އެއީ ސަރުކާރާ ގުޅުންހުރި ޕޭމަންޓެއް މިހާތަނަށް ދޫކޮށްފައެއް ނެތް ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް. ހައިކޯޓު އެބަ އޮތް، ސުޕްރީމް ކޯޓު އެބަ އޮތް،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާތައް ކުރިއަށް ގެންދިޔުމަށް މާލިއްޔަތު ކޮޮމިޓީއަށް މަސައްކަތް ކުރެވިދާނެ އެވެ.

"އެހެންވީމާ ހަދަންވީ ގޮތަކީ އަޅުގަނޑަށް ހީވާ ގޮތުގައި ޝަރުއީ ދެން ހުރި މަރުހަލާތަކަށް ދެވޭތޯ މަސައްކަތް ކުރަންވީ،" މުސްތަފާ ވިދާޅުވި އެވެ.

މިއަދު އެ މައްސަލައިގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މުސާ ހުށަހެޅުއްވީ އެ މައްސަލައިގައި މުރާޖާ ކުރަން ޖެހޭ ކަންތައްތައް ބެލުމަށް ބަންޑާރަނައިބަށް ސިޓީއެއް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. އެ ހުށަހުން ވަނީ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ވިދާޅުވީ، އެ މައްސަލަ އަކީ ހުކުމެއް ކޮށްފައި އޮތް މައްސަލައެއް ކަމުން އެ މައްސަލަ ރިވިއު ކުރެވޭނީ ސުޕްރީމް ކޯޓަށް ލިޔެގެން ކަމަށެވެ. އަދި އެކަން ކުރެވޭނީ ބަންޑާރަނައިބަށް ކަން އޭނާ ފާހަގަ ކުރިއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ކޮމިޓީއިން މައްސަލަ ބަންޑާރަނައިބަށް ފޮނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގައި ބައިވަރު މަރުހަލާތަކުގައި މުއައްސަސާތަކުން ފެއިލްވެފައިވާ ކަމަށް މިއަދު ވެސް ނާޝިދު ވިދާޅުވި އެވެ. އަދި އެކަމުގައި ވަރަށް ބައިވަރު މައްސަލަ ފާހަގަ ކުރެވޭ ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ މުއައްސަސާތަކެއް ހުރެ އަޅުގަނޑު ދަންނަވާނީ ހަމަ ފެއިލްވެފައި އޮތީއޭ. މިކަމުގައި މި ކޮމިޓީގެ މައްސަލަ ވެސް އެބަ އޮތް. އެސީސީގެ މައްސަލަ ވެސް އެބަ އޮތް. އަދި ދައުލަތުގެ ފަރާތުން ބަންޑާރަނައިބެއް ނޫން އިސްތިއުނާފު ކުރަން ޖެހީނީއެއް. ޕަބްލިކް ސާވިސް މީޑިއާ ހިންގަން އޭރުގައި ތިބި މީހުން، ނޫނިއްޔާ ބްރޯޑްކާސްޓިމް ކޮމިޝަން، އެމީހުން އިސްތިއުނާފު ނުކުރުން އެވެސް މައްސަލައެއް،" ނާޝިދު ވިދާޅުވި އެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވަނީ ބިގުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް އަންގަން ޖެހޭ ކަމަށް ބުނެފަ އެވެ. އެކަމަށް ތާއީދުކޮށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ، އައިބީ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.

ބިގަކީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހަސަން އިސްމާއިލްގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

comment ކޮމެންޓް