ރިލްވާނާއި ޔާމީންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަނީ

ރިލްވާން އާއި ޔާމީންގެ އާއިލާތަކުން މިއަދު މ. ޝައިނިން ސްޓާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި މާރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަން ނިންމައިފި އެވެ.

އެ ދެމީހުންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާކަން އިއުލާނު ކުރީ ޔާމީން ރަޝީދުގެ 31 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި މިއަދު އޭނާގެ އާއިލާ އާއި ރިލްވާންގެ އާއިލާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ރިލްވާންގެ މަންމައާއި ދައްތަ އަދި ޔާމީން ރަޝީދުގެ މަންމަ ބައިވެރިވި އެވެ.

އެ ރަސްމިއްޔާތުގައި އެ ޖަމިއްޔާ އުފައްދަން ނިންމާފައިވާކަން އިއުލާނު ކުރަމުން ޔާމީން ރަޝީދުގެ މަންމަ ބުނީ، ޔާމީން އާއި ރިލްވާން ލިޔެފައިވާ ލިޔުންތަކުން ފެނިގެން ދަނީ އެ ދެ މީހުންގެ ހިތުގައި އަނެކާއަށް ހުރި ރަހުމާއި އިންސާނިއްޔަތަށް ހުރި ކުލުނު ކަމަށެވެ. އަދި އެ ދެ މީހުން އަބަދުވެސް ބުނަމުން ދިޔައީ، އިންސާނީ ހައްގުތަކަށް އަދި ތަފާތު ހިޔާލުތަކަށް އިހްތިރާމު ކުރުމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށާއި ތަފާތު ކުރުން ނައްތާލުމަށް ކަމަށް އޭނާ ބުންޏެވެ.

"ޔާމީން އާއި ރިލްވާންގެ ޒިކުރާ އައު ކުރާ ހިނދު އެ ދެމީހުން ކުރިއެރުވި ހަމަތަކާއި އުސޫލުތައް ހިތްމައްޗަށް ގެނެސް، ތިމާމެންގެ އުޅުމާއި ގުޅުން އެ ސުލްހަވެރި ފަލްސަފާއަށް ބައްޓަން ކުރަން ހިތްމަތް ކުރުން މުހިންމު،" އޭނާ ބުންޏެވެ.

އެހެންކަމުން، އެ ދެ މީހުންގެ ހިޔާލާއި ރޫހާއި، ހިތްވަރު އައުކުރުމަށް، އަދި އެ ދެ މީހުން ވަކާލާތު ކުރާ ހައްގުތަކާއި ހަމަތައް ކުރިއެރުވުމަށްޓަކައި "ރިލްވާން އެންޑް ޔާމިން ފައުންޑޭޝަން"ގެ ނަމުގައި ޖަމިއްޔާއެއް އުފައްދަން ނިންމާފައިވާ ކަމަށް އެ ދެމީހުންގެ އާއިލާތަކުގެ ފަރާތުން ޔާމީންގެ މަންމަ ބުންޏެވެ.

ރިލްވާން އާއި ޔާމީންގެ އާއިލާތަކުން މިއަދު މ. ޝައިނިން ސްޓާގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މި ފައުންޑޭޝަނަކީ ކޮންމެ މީހަކަށް ލިބިދޭ އިންސާނީ ހައްގުތަކާއި، ޑިމޮކްރެސީ އާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ތަފާތު ފިކުރަށް އިހުތިރާމު ކުރުމާއި، އިންސާފާއި، ގަދަރުވެރި ދިރިއުޅުމެއްގެ ހައްގު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ޖަމިއްޔާއެއް،"

އޭނާ ބުނި ގޮތުގައި އެ ރޮނގުތަކުން ކުރިއަށްދާން ބޭނުންވާ މީހުންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމަކީ "ރިލްވާން އެންޑް ޔާމިން ފައުންޑޭޝަން"ގެ އެންމެ ބޮޑު އެއް އަމާޒަށް ވާނެ އެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ޔާމީން އާއި ރިލްވާންގެ ހަނދާނާއި ރޫހުގައި މިކުރަން ފަށާ މަސައްކަތުގައި ހެޔޮ އެދޭ އެންމެހައި ފަރާތްތަކުން ބައިވެރިވުން،"

މިއަދު ރިލްވާން އާއި ޔާމީންގެ އާއިލާތަކުން ވަނީ އެ ދެމީހުންނަށް އިންސާފު ހޯދުމަށް މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ޔާމީން އާއި ރިލްވާންގެ މައްސަލަތަކަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުންދާ މައްސަލައެކެވެ. އެހެންނަމަވެސް، އެ ކޮމިޝަނަށް ބާރުދޭން އެކުލަވާލި ބިލު މަޖިލީހުން ފާސްވެފައި ނުވާތީ އެ ކޮމިޝަނަށް ވަނީ ތަހުގީގު ކުރަން ބޭނުންވާ ބާރުތައް ނުލިބިފަ އެވެ.

މިއަދު ޔާމީން އާއި ރިލްވާންގެ އާއިލާތަކުން ބުނީ އެ ބިލު މަޖިލީހުގައި ތިން ފަހަރުވެސް އެޖެންޑާކޮށްގެން ފާސްކޮށްނުދިނުމަކީ މަރުތަކުގެ ހަގީގަތް ފޮރުވުމަށް ނުފޫޒުގަދަ ބަޔަކު ފައިނަގައިގެން ތިބި ކަމުގެ ހެއްކެއް ކަމަށެވެ.

ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރު އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ރެ އެވެ. އޭނާ ގަދަކަމުން ކާރަކަށް އެރުވި ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ހ. ހިލްޓަން އާލިފް ރައޫފާއި ގދ.ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެފައެއް ނުވެ އެވެ.

ޔާމީން މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ގޭގެ ތެރެއިންނެވެ. ޔާމީންގެ މަރުގެ މައްސަލާގައި ދައުލަތުން ވަނީ ހަ މީހަކަށް ދައުވާ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.

comment ކޮމެންޓް