އޯޓިޒަމް ދުވަސް - ތަފާތުތަކާ އެކުވެސް ބަލައިގަނޭ!

އޯޓިޒަމް ދުވަހު "ސަން"އިން އުފެއްދި ވީޑިއޯގައި ވާހަކަދެއްކި ބައެއް ކުދިން -- ސަން ފޮޓޯ

އޯޓިޒަމް ނުވަތަ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭޑީއެސްޑީ) އަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. ކުއްޖާގެ އުމުރުން ފުރަތަމަ ތިން އަހަރު ތެރޭގައި އޯޓިޒަމްގެ އަލާމާތްތައް ފާޅުވާން ފަށަ އެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުޑިއަށް އަސަރުކޮއްފައިވުމުން، ވާހަކަ ދެއްކުމާއި އިޖުތިމާޢީގުޅުން ހީނަރުވެ އެވެ.

ކޮންމެ އަަހަރެއްގެ ވެސް އޭޕްރިލް މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ އޯޓިޒަމް އަށް ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގަ އެވެ.

އާންމުގޮތެއްގައި އޯޓިސްޓިކް ކުއްޖަކާ އެނޫން ކުއްޖަކާ ފެންނަ ފެނުމަށް ތަފާތުތަކެއް ނުހުރެ އެވެ. ނަމަވެސް އެކުދިންގެ އިޖްތިމާއީ ހުނަރުތަކާއި އަދި މުވާސަލާތު ކުރުމުގައި އެހެން މީހުންނާއި ތަފާތުވެ އެވެ.

އޯޓިޒަމް އަކީ މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ކަމެއް ނޫނެވެ. ނަމަވެސް ދިރާސާތައް ދައްކާގޮތުން ޅައުމުރުގައި ދެނެގަނެވި، އެކަމަށް ޚާއްޞަ ކުރެވިފައިވާ ތާވަލެއްގެ ދަށުން ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބޭ ކުދިންގެ އަލާމާތްތައް ކޮންމެ ވެސް ވަރަކަށް ލުއިކުރެވެ އެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް އެހެންމީހުންގެ އިހުސާސްތައް ދެނެގަތުމަށް އުނދަގޫވުމުން އެހެންމީހުންނާއި މެދު ހަމްދަރުދީވުން ފަދަ ކަންކަން އާންމު އެހެންކުދިންނާއި އަޅާބަލާއިރު ދަށްވާނެ އެވެ. މީގެ އިތުރަށް އޯޓިޒަމް ހުންނަ ކުދީންނަކީ އަބަދު ވެސް ވަކި ތަރުތީބަކުން އަދި އެއްގޮތަކަށް ކަންކަން ކުރަން ލޯބިކުރާ ކުދީންތަކެކެވެ. އަދި ކުރާ ކަމަކަށް އެކުދިން ވަރަށް ބޮޑަށް ގަޔާވެ ހުރެ، ވަރަށް ބޮޑަށް އެކަމަކާ ވެގެން އެކުދިން އެކި ކަންތައްތައް ކުރެ އެވެ.

ރާއްޖޭގައި ވެސް ގިނަ އަދަދަކަށް އޯޓިޒަމް ކުދީން ތިބިއިރު، އަދި މިހާތަނަށް އެކުދީންގެ ދަފްތަރެއް އެކުލަވާލެވިފައެއް ނުވެ އެވެ. އެހެންކަމުން ރަސްމީ އެއްވެސް ފަރާތަކަށް ރާއްޖޭގައި އޯޓިސްޓިކް ކުދިން ތިބި އަދަދެއް ނޭނގެ އެވެ.

މިހާތަނަށް އޯޓިސްޓިކް ކުދިންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދާ އެއްފަރާތަކީ ރާޢްޖޭގެ އޯޓިޒަމް އެސޯސިއޭޝަނެވެ. އެންމެ ހަތަރު ކުދިންނާ އެކު 2010 ވަނަ އަހަރު ހުޅުވުނު މި އެސޯސިއޭޝަނުން މިހާތަނަށް 700 އެއްހާ ކުދިންނަށް އެކި ކަހަކަ ފަރުވާތަކާޢި ތެރަޕީތަކެއް ވަނީ ދީފަ އެވެ. އަދި މިހާރު ވެސް ހަފްތާގެ ފަސް ދުވަހު އެކި ތެރަޕީތަކަށް 104 ކުދިން ވަނީ ރެޖިސްޓާ ކުރެވިފަ އެވެ.

ރާއްޖޭގައި އޯޓިޒަމް ކުދިންނަށް ފަރުވާދޭ ނުވަތަ ތެރަޕީތައް ދިނުމުގެ ޚިދުމަތް މިވަގުތު ދޭ ހަމައެކަނި ފަރާތަކީ އޯޓިޒަމް އެސޯސިއޭޝަނެވެ. ތަފާތު އެކި ވައްތަރުގެ ތެރަޕީ ރަނގަޅު ފެންވަރެއްގައި ކުދިންނަށް ފޯރުވުމުގެ މަސައްކަތް އެ އެސޯސިއޭޝަންއިން ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ވެސް އެ އެސޯސިއޭޝަންގެ އަމާޒަކީ މީހުން ހޭލުންތެރިކުރުމާއި އިތުރު ފަރާތްތަކެއް މި ދާއިރާއަށް ތަމްރީން ކުރުން ކަމުގައި އޯޓިޒަމް އެސޯސިއޭޝަން ގެ ޕްރޮގްރާމް ޑިރެކްޓާ ޝަފީނާ ސައީދު ވިދާޅުވި އެވެ.

"މި އަހަރު އަޅުގަނޑުމެން ބޭނުންވަނީ ބޮޑަށް މީހުން ހޭލުންތެރިކޮށް ޓީޗަރ ޓްރެއިނިން ފޯރުކޮށްދޭން. މިގޮތުން 100 ޓީޗަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް މުޅި ރާއްޖެ އަށް ހުޅުވައިގެން އަޅުގަނޑުމެން ކުރިއަށް އެބަގެންދަން. އޭގެ ތެރެއިން 60 ޓީޗަރުން މި ހަފްތާގެ ތެރޭގައި ޓްރެއިން ކުރެވޭނެ." ރާޢްޖެ އާއި ރާއްޖެ އިން ބޭރުގެ ސްޕެޝަލިސްޓުންގެ އެހީގައި ހިންގާ ތަމްރީންތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ ސީއީއޯ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވި ގޮތުގައި މިހާރު އެ އެސޯސިއޭޝަންއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އާސައިންދައިގެ ތެރެއިން ހިލޭ މިފަދަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތެރަޕީތަކުގެ ޚިދުމަތް ލިބިގެންދާތީ ބައެއް ބެލެނިވެރިން މިވަގުތަށް ފަރުވާތައް މެދުކަނޑާލުމެވެ. މިފަދައިން މަޑުކުރުމަކީ އެކުދިންނަށް ލިބޭ ފަރުވާތަކުން މަހްރޫމްކުރެވިގެން ދިއުން ކަމުގައި ވާތީ، ސަރުކާރުން ޚިދުމަތް ފޯރުކޮށްދެވެންދެން އެފަދަ ހުރިހާ ބެލެނިވެރިން ވެސް އެ ޚިދުމަތްތައް ކުދިންނަށް ފޯރުކޮށްދިނުމުގައި އިހުމާލުނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މި އަހަރުގެ އޯޓިޒަމް ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ، މަދަދުވެރި ޓެކްނޮލަޖީ އަމަލީ ބައިވެރިވުމެވެ.

comment ކޮމެންޓް