ކަޅާ، ހުދުގެ ކުރެހުމުގެ މައުރަޒު މިފަހަރު ބާޗީ ޚާއްސަކުރީ، ބައްޕައަށް

ބާޗީގެ ކުރެހުމުގެ މައުރަޒުގައި ބަޔަކު ކުރެހުމެއް ބަލާލަނީ: މި މައުރަޒު ބާޗީ ޚާއްސަކުރީ އޭނާގެ ބައްޕައަށް

އޭނާއަކީ، ކުރެހުމުގައި އަރާހުރި ތަރިއެކޭ ވެސް ބުނެވިދާނެއެވެ. އެ ފަންނު އާންމުންނަށް ދައްކާލަން ކުރިން ވެސް އޭނާ މައުރަޒުތައް ބޭއްވިއެވެ. އެކަމަކު، "ރާއްޖެ އާޓް"ގެ ނަމުގައި މި ފަހަރު މި ބާއްވަނީ، އޭނާއަށް ވަރަށް ޚާއްސަ މައުރަޒެކެވެ. އެއީ އޭނާގެ ބައްޕަގެ ހަނދާނުގައި ބާއްވާ ކުރެހުމުގެ މައުރަޒަކަށް ވާތީއެވެ.

މި ކިޔަައިދެނީ ކުރެހުމުގެ ދާއިރާއިން ގައުމީ އެވޯޑު ހާސިލުކޮށްފައިވާ އަހުމަދު އަޒުމީ (ބާޗީ) މިހާރު ބާއްވަމުން އަންނަ މައުރަޒުގެ ވާހަކަތަކެވެ. ރޭ ނެޝަނަލް އާޓް ގެލެރީގައި ފެށި، މި މައުރަޒު ބާޗީ ޚާއްސަކުރީ، އޭނާގެ ބައްޕަ މަރުހޫމް ޙަސަން ހަލީމަށެވެ.

ބާޗީ [ކަނާއަތް ފަރާތުން ފަސްވަނައަށް] އޭނާގެ އާއިލާއެކު މައުރަޒުގައި ----

މި މައުރަޒު ހުޅުވައިދެއްވީ، އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ޚުމްރީއެވެ.

ބާޗީ ވިދާޅުވީ، އޭނާ ކުރެހުމުގެ ހުނަރަށް ޝައުގުވެރިކުރުވީ، އޭނާގެ ބައްޕަ ކަމަށެވެ. ހަސަން ހަލީމަކީ، ރާއްޖޭގެ އެކި ކަންކަމާ ގުޅޭ ދުވަސްވީ ވަރަށް ގިނަ ފޮޓޯތައް ގެންގުޅުއްވި ބޭފުޅެކެވެ. އެ ފޮޓޯތައް އެއްކުރުމަކީ، ބައްޕަ ވަރަށް ގަޔާވެގެން ކުރި ކަމެއްގެ ގޮތުގައި ބާޗީ ސިފަކުރެއްވެވިއެވެ.

އެ މަސައްކަތް އެހެން މީހުންނަށް ދައްކައިދިނުމަކީ، ބާޗީގެ ޒިންމާއެއް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މި މައުރަޒުން ސިފަކޮށްދެނީ، ރާއްޖެ މިނިވަންކަމަށްް 60 އަހަރާ ހަމައަށް ކުރި ދިގު ދަތުރުގައި ހިނގާފައިވާ ކަންކަމާއި ރާއްޖޭގެ މުހިންމު ތަންތަނެވެ. އެ ނޫނަސް އެކި ހަނދާންތައް މި މައުރަޒުން ކުލަކޮށްދެއެވެ. އެ މަންޒަރުތައް ކުރެހުމުގެ ސިފައިގައި ބާޗީ ދައްކުވައިދީފައި ހުރީ އެހާ ރީތިކޮށެވެ.

ކަޅާ ހުދުގެ ކުރެހުންތަކުން ދައްކައިދީފައި ހުރީ ހަމައެކަނި އެ މަންޒަރުތައް އެކަންޏެއް ނޫނެވެ. ދިވެހީންގެ މުއްސަނދި ސަގާފަތާއި ރާއްޖޭގެ ރީތިކަން ޒަމާނާ އެއްގޮތަށް ބަދަލުވަމުން އައި ގޮތްތައް ވެސް ވަނީ ކުރެހުމަށް ތިލަކޮށްފައެވެ. އެކި މީހުންގެ އިހުސާސްތަކާއި ވިންދާ ކުޅެލާ ގޮތަށެވެ.

ކޮންމެ ކުރެހުމެއް ކައިރި ހުއްޓި، އެ ތަނަކާ ގުޅޭ ހަނދާންތައް އާކޮށްލާ ހިތްވާ ހެނެވެ. ޚާއްސަކޮށް، ތާރީޚާއި ސަގާފަތަށް ލޯބިކުރާ މީހުންނަށް މި މައުރަޒު ވަރަށް ކަމުދާނެއެވެ.

ބާޗީ ވިދާޅުވިގޮތުގައި، އެ މަސައްކަތް ކޮށް، ދިވެހީންނަށް ދައްކާލަން ލިބުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އެގޮތުން، އެ މަންޒަރުތައް ކުރެހުމަށް ތިލަކުރެއްވީ، އެކި ދުވަސްވަރުގައި ނަގާފައި ހުރި ފޮޓޯތަކާއި ލިޔުންތަކާއި އެހެނިހެން މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ބާޗީ ވިދާޅުވިއެވެ.

އޭގެތެރެއިން، ބައެއް ކުރެހުންތަކުގައި ހިމަނާފައި ވަނީ، ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހު ދެއްވި ފޮޓޯތަކެއްކަން ބާޗީ ފާހަގަކުރެއްވެވިއެވެ. އެކަމަށްޓަކައި ބާޗީ ވަނީ، ނާޖިހުއަށް ޝުކުރު އަދާ ކުރައްވައިފައެވެ.

"މި މައުރަޒުގައި ތި އެންމެހާ ބޭފުޅުންނަށް ރާއްޖޭގެ ތާރީޚުގެ ތެރެއަށާއި އެކި އެކި ހަނދާންތަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން" ބާޗީ ވިދާޅުވިއެވެ.

ބާޗީގެ އާއިލާގެ ބޭފުޅުން ބައިވެރިވި، މިހަފުލާގައި ވަނީ، ހަސަން ހަލީމްގެ އާޓް ފައުންޑޭޝަަން އިއުލާނުކޮށްފައެވެ. އެ ފައުންޑޭޝަނަކީ، ހަސަން ހަލީމްގެ ހުނަރަށް ސަޕޯޓުކުރުމަށް ފަށާ ފައުންޑޭޝަނެއް ކަމަށް ބާޗީ ވިދާޅުވިއެވެ.

ބާޗީގެ ކުރެހުމެއް ----

މި ފައުންޑޭޝަންގެ މަސައްކަތް އަންނަ ޖަނަވަރީ މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކުރެހުންތެރިންނަށް މި ފައުންޑޭޝަނުން އެހީތެރިވާނެ ކަން ބާޗީ ފާހަގަކުރެއްވެވިއެވެ. އޭގެތެރޭގައި، މައުރަޒުތައް ބޭއްވުމަށް އެހީވެ، ހިލޭ ޓްރެއިނިން ޕްރޮގްރާމުތައް ބާއްވައި، ކުރެހުމުގެ ހުނަރު ތަރައްގީކޮށްދޭން މަސައްކަތް ކޮށްދޭނެއެވެ.

މި މައުރަޒު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ބާޗީގެ މި ކުރެހުންތަކުން އެތައް ހަނދާންތަކެއް އާކުރުވައިފިއެވެ. އަދި، ބައްޕަގެ ހަނދާނުގައި އިއުލާނުކުރި ފައުންޑޭޝަނުން އެތައް ކުރެހުންތެރިންގެ އުންމީދުތަކުގައި ކުލަޖެހެން މަގުފަހިވާނެއެވެ.

comment ކޮމެންޓް