ނަބީ ބޭކަލުންގެ ބިންތައް 19 - މޫސާގެފާނު 1

ނީލަ ކޯރުގެ އައްސޭރި، މިސްރު --

ދުނިޔޭގެ ތާރީހު އެ ބިންތަކުގެ މަތީގައި ބިނާ ވެފައި ވާ ބިންތަކަކީ މަދު ބިންތަކެކެވެ. މިސްރަކީ އެ މަދު ބިންތަކުގެ ތެރެއިން ބިމެކެވެ. އެއީ އިންސާނީ ތާރީހުގެ އެންމެ ކުރި ގުޅިފައިވާ ބިމެއް ނޫން ކަމުގައި ވިޔަސް މެއެވެ.

މިސްރުގެ ތާރީހު މީގެ 7000 އަހަރަށް ވުރެ ކުރިޔަށް ދެމިގެން ގޮސްފައި ވެއެވެ. މިސްރުގެ ބިން ވެފައި ވަނީ ސަގާފަތްތަކާއި ޙަޟާރަތްތައް ބައްދަލު ވާ ނުގުތާއަކަށެވެ.

ނީލަ ކޯރަކީ މިސްރުގެ އާއްމު ދިރިއުޅުމުގެ މައި ނާރެވެ. ނީލަ ކޯރުގެ އައްސޭރީގައި ހުރި މިހާރާއި ކުރީގެ އިމާރާތްތަކަކީ މިސްރުގެ ދިރިއުޅުން ދައްކައި ދޭ ތަންތަނެވެ. މިސްރުގައި ނީލަ ކޯރުގެ ސަބަބުން އުފެދިފައި ވަނީ މީހުން ދިރިއުޅޭން ފަސޭހަ މާހައުލެކެވެ. އެހެންކަމުން އެހެން ތަންތަނުން އައިސް މިސްރުގައި މީހުން ދިޔައީ ވަޒަންވެރިވަމުންނެވެ.

ޢީސާއީ މީލާދުގެ 17 ޤަރުނު ކުރީން މިސްރަށް ވަޑައިގެން ވަޒަންވެރިވެ ވަޑައިގަތް އެއް ބޭފުޅަކީ ﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނެވެ. އަދި އެކަލޭގެފާނުގެ ދަރިދަރިކަލުންނެވެ.

"ޔޫސުފުގެފާނަށް މިސްރަށް ވަޑައިގެންނެވި، އެކަލޭގެފާނުގެ ދިރިއުޅުއްވުން މިސްރުގައި ހަމަޖެހުނުމުން، ޔޫސުފުގެފާނުގެ ބައްޕާފުޅާއި އާއިލާގެ އެހެން ބޭފުޅުން ވެސް މިސްރަށް ގެންނެވި. އޭރު މި ބިމުގައި ތިބި ހަމައެކަނި ތައުހީދުގެ އަހުލުވެރީންނަކީ އެ ބޭފުޅުން." ޑރ. ޒަޣްލޫލު އައްނައްޖާރު ވިދާޅުވިއެވެ.

މިސްރުގައި ކުރީން ވެރިކަން ކުރަމުން އައި މީހުންގެ މައްޗަށް ފިރުޢައުނުންތައް ގަދަ ވެގަތުމަށް ފަހު، އެ މީހުންގެ ވެރިކަން މިސްރުގައި ގަދަވުމުން ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުންނަށް މިސްރުގައި ދިރިއުޅުން ދަތި ވެގެން ދިޔައެވެ. އެމީހުންނަކީ އަޅުންގެ ގޮތުގައި ބެލެވޭން ފެށިއެވެ.

"ބަނީއިސްރާއީލުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ. އިސްތިޢުމާރު ކުރި ބައެއްގެ ޚިދުމަތުގައި ތިބޭ ބިދޭސީ އަޅުންތަކެއްގެ ދަރަޖައަށް އެމީހުންގެ ހާލަތު ވެއްޓުނު." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

މަންފު ޝަހަރަކީ ފިރުޢައުނުންގެ ވެރިކަމުގައި މިސްރުގެ ވެރި ރަށެވެ. ނީލަ ކޯރު އޮތީ އެ ޝަހަރާ އިން ވެގެންނެވެ. ފިރުއައުނުންގެ ގަނޑުވަރުތަކާއި އެމީހުންގެ މާބަދުގެތައް ހުރީ މި ސަރަހައްދުގައެވެ.

މޫސާގެފާނާއި އެކަލޭގެފާނުގެ އަޚް ހާރޫނުގެފާނު އުފަންވެ ވަޑައިގަތީ މަންފު ޝަހަރަށެވެ. އެ ދެ ބޭކަލުން ނިސްބަތް ވެ ވަޑައިގަންނަވަނީ ޔަޢުޤޫބުގެފާނުގެ ލާވީގެ ދަރިކޮޅަށެވެ.

"ފިރްޢައުނަށް ފެނުނު ހުވަފެނަކާ ގުޅިގެން ނިންމީ ބަނީއިސްރާއީލުންގެ ފިރިހެން ދަރީން ގަތުލު ކުރުމަށާއި އެމީހުންގެ އަންހެން ދަރީން ދުނިޔޭގައި ބޭތިއްބުމަށް." ޑރ. މުޙައްމަދު ޢައްމާރާ ވިދާޅުވިއެވެ.

ބަނީއިސްރާއީލުންގެ ފިރިހެން ދަރީން ގަތުލު ކުރުމަށް ފިރްޢައުނު ނިންމި ނިންމުން ފަހުން މުރާޖާ ކުރިއެވެ. އެއީ ހުރިހައި ފިރިހެން ކުދީން ގަތުލު ކުރުމުގެ ބަދަލުގައި އެއް އަހަރު ވިހާ ހުރިހައި ފިރިހެން ކުދީން މެރުމަށް ފަހު އެއާ ވިދިގެން އަންނަ އަހަރު ވިހާ ހުރިހައި ފިރިހެން ކުދީން ނުމަރައި ދޫކޮށްލުމަށް ނިންމި ނިންމުމުންނެވެ.

ހާރޫނުގެފާނު އުފަންވެ ވަޑައިގަތީ ކުދީން ނުމަރާން ހަމަޖެއްސި އަހަރެއްގައެވެ. މޫސާގެފާނު އުފަންވެ ވަޑައިގަތީ އޭގެ އަނެއް އަހަރުއެވެ. އެއީ އެ އަހަރު އުފަންވާ ހުރިހައި ކުދީން މެރުމަށް ފިރްޢައުނު ހަމަޖައްސައިފައި އޮތް އަހަރެކެވެ.

ﷲ އިލްހާމު ކުރެއްވުމުން މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނުން ފޮށްޓަކަށް ލެއްވުމަށް ފަހު ނީލަ ކޯރުގެ ތެރެއަށް ދޫ ކޮށްލެއްވިއެވެ.

"އެ ފޮށި ފެނިގެން ފިރްޢައުނުގެ ގަނޑުވަރަށް ގެންދެވުމުން އޭނާ އުޅުނީ މޫސާގެފާނު ގަތުލު ކޮށްލުމަށް. އެހެންނަމަވެސް އޭނާގެ އަނބި އާސިޔަތުގެފާނުން ވިދާޅުވެގެން އެކަމަނާއަށް އެ ދަރިކަލުން ދޫކޮށްލި." ޑރ. ޒަޣްލޫލު އައްނައްޖާރު ވިދާޅުވިއެވެ.

މި ސިލްސިލާގައި މޫސާގެފާނުގެ ބައި ގެނެސްދޭނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.

comment ކޮމެންޓް