ތިން ރަށެއްގެ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަން އިއުލާންކޮށްފި

މާމިގިލި: އެ ރަށާއި އިތުރު ދެ ރަށެށްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތުގެ ޑިޒައިން ހަދައިދޭނެ ބަޔަކު ހޯދުމަށް ވަނީ އިއުލާން ކޮށްފައި --

އދ. މާމިގިލި، ރ. މަޑުއްވަރި، ރ. މީދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް، ބީއޯކިޔު ހަދައިދޭނޭ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ވަކި ވަކިން ނެރުނު އިއުލާންގައި ވަނީ، އެ ތިން ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަކަށް ބަދަލު ކުރުމަށް އަޅަން ޖެހޭ އިމާރާތުގެ ޑިޒައިންކޮށް ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ.

އެ ތިން ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުމަށް ޓަކައި އަޅަން ޖޭހޭ އިމާރާތުގެ ޑިޒައިން އާއި ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދުމަށް މިއަދު ހެލްތު މިނިސްޓްރީ އިން ކުރި، އިއުލާނުގައި ބުނީ، އަންނަ މަހު އެއް ވަނަ ދުވަހު ހެނދުނު 11:00 އަށް އެ މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، އަންނަ މަހު ހަ ވަނަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގް، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެ ތިން ސިއްހީ މަރުކަޒުގެ އިތުރުން، ސަރުކާރުން ވަނީ މީގެ ކުރިން ވެލިދޫ އާއި ހިންނަވަރުގެ ސިއްހީ މަރުކަޒު ވެސް ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެ ދެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރާތް ޑިޒައިންކޮށް ބީއޯކިޔު ހަދާދޭނެ ފަރާތެއް ހޯދުމަށް ހެލްތު މިނިސްޓްރީން ވަނީ މީގެ ކުރިން އިއުލާން ކޮށްފަ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި ނ. ވެލިދޫ ޅ. ހިންނަވަރު، އދ. މާމިގިލި އަދި ގދ. ގައްދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށް 37.356 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

އެ ހަތަރު ރަށްތަކުގެ ތެރެއިން ގައްދޫ ސިއްހީ މަޒުކަޒުގެ ޑިޒައިން ހަދައިދޭނެ ފަރާތެއް ހޯދުމަށް އަދި އިއުލާނެއް ނުކުރެ އެވެ.

https://sun.mv/111602

comment ކޮމެންޓް