އިޝާރާތުން ހުކުރު ހުތުބާ ގެނެސްދޭންް ސަރުކާރުން ނިންމައިފިއެވެ.
ލޯ ފަން މީހުންނަށް ގުރުއާން ދަސްކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެއްވެސް މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމީހަކު މުޖުތަމައުން ބާކީ ކޮށްނުލެވޭނެ ކަމަށާއި އަދި އެމީހާއަށް ހާއްސަ އެހީތެރިކަމަކާ ރައްކާތެރިކަން އިސްލާމްދީނުގައި ދީފަިއވާ ކަމަށެވެ.
އަދި ނުކުޅެދުންތެރިކަން ހުއްޓަސް ގާބިލް މީހަކަށްވެ ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ދީނުގެ ކަންތައްތައް އޮޅުން ފިލުވަދިނުމުގެ ގޮތުން ކޮންމެ މަހަކު ދީނީ ދެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
''އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކުދިންނަށް ހުތުބާ ހަމަ ސައިން ލެންގުއޭޖުން ތަރުޖަމާ ކުރެވޭނެ. އެ ކުދިން މިސްކިތައް ވަޑައިގެން ހުތުބާ އަޑު އަހާލުމުގެ ފުރުސަތު އިރާދަކުރެއްވިއްޔާ އެކުދިންނަށް ފަހިވެގެންދާނެ.'' މިނިސްޓަރު ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ލޯ ފަން މީހުންނަށް ޤުރުއާން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގެ އިތުރުން އަޑު އެހުމުން މަހުރޫމުވެފައިވާ މީހުންނަށް ސައިން ލެންގުއޭޖް ބޭނުންކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ވެސް ވަނީ އިފްތިތާހުކޮށްފަ އެވެ.