އެމްއެމްޕީއާރްސީގެ ރިޕޯޓު އާންމުކުރީ ވަކި ސަރުކާރެއް އައިސްގެނެއް ނޫން: އޭސީސީ

އޭސީސީގެ ބައެއް މެމްބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި-- ސަން ފޮޓޯ: ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތާ ގުޅޭ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާންމު ކުރީ ވަކި ސަރުކާރެއް އައިސްގެނެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ރިޕޯޓުން ފާހަގަކުރެވޭ ކަންތައްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިއަދު އޭސީސީގެ މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި ތަހުގީގު ރިޕޯޓު އާންމުނުކުރީ ކީއްވެތޯ އެ ކޮމިޓީ ބައްދަލުވުމުގައ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ އޭސީސީގެ މެމްބަރުންނާ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލު ޖަވާބުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ، ރިޕޯޓު އޭސީސީން އާންމުކުރީ ވަކި ސަރުކާރެއް އައިސްގެނެއް ނޫން ކަމަށެވެ.

އަދި އޭނާ ވަނީ ރިޕޯޓު ނިންމުމަށް ފަހު އެ ރިޕޯޓު އޭސީސީއިން ޕީޖީ އޮފީހާ ހިއްސާކުރި ކަމާއި 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކާ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ވިދާޅުވެފައެވެ.

އޭނާ ވަނީ ކޮމިޝަނުން މައުލޫމާތު އާންމު ކުރާ އާންމު އުސޫލު އެ ބައްދަލުވުމުގައި ކިޔައިދެއްވާފައެވެ.

"ކޮމިޝަނުން ނިންމާ މައްސަލަތައް އާންމުކުރުމަށް ކަނޑައަޅާފައިވާ އުސޫލަކީ ކޮމިޝަނުން ނިންމާ މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތައް، ޕްރޮސެކިއުޓާ ޖެނެރަލް މައްސަލައާ ހަވާލުވީމަ، މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައާ ގޫޅޭ މައުލޫމާތުތަކުގެ ސިޓީ ފޮނުވީމަ އަޅުގަނޑުމެން އާންމުންނަށް ސްޓޭޓްމެންޓެއްގެ ގޮތުގައި މައުލޫމާތު ވެވްސައިޓުގައި ހާމަކުރަނީ. ޕީޖީ އޮފީހަށް ނޮފުނުވާ މައްސަލަތައް ކޮންމެ މަހަކު އެއްފަހަރު އާންމު ކުރަމުން މިދަނީ،"

މުއައްވިޒު ވިދާޅުވީ، އެ އުސޫލުގެ ތެރެއިން އަމަލު ކުރި ނަމަވެސް އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅޭ ގޮތުން އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ލިބުމުން އެ ރިޕޯޓު އާންމުކުރަން ނިންމީ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމާއި، އަދި ރައްޔިތުންގެ ޝަކުވާތަކެއްވެސް އައުމާއި، އެއާ އެއްކޮށް ޕަބްލިކް [އާންމުން] ތެރޭގައި ތަފާތު އެކި ވާހަކަތައް ސިޔާސީ ފަރާތްތައްވެސް އަދި އެ ނޫންފަރާތްތައްވެސް ދެކެވުމާ ގުޅިގެން އޭސީސީއަށް މި މައްސަލައިގައި ހިމެނޭ މައުލޫމާތު އާންމުންނަށް ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އާންމުކުރީ،" މުއައްވިޒު ވިދާޅުވިއެވެ.

އޭސީސީގެ މެމްބަރު އައިމިނަތު މިންނާ އެ ބައްދަލުވުމުގައި ވިދާޅުވީ، މި އަހަރު ރިޕޯޓު އާންމުކުރި އިރު، ރިޕޯޓު އާންމު ނުކުރަން އޭސީސީގެ ތެރެއިން ލަފާ ލިބެމުން ދިޔަ ކަމަށެވެ. ސަބަބަކީ އަދިވެސް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލަތައް ބަލަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން އޭސީސީއިން ހެދި ރިޕޯޓު އާންމުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

comment ކޮމެންޓް