ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހު ގާނޫނު އަސާސީއާ ތައާރުޒުވޭ: އެމްޑީޕީ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާޝަން ހަސަން ލަތީފް ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހްމަދު އަވްޝަން

ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށަހެޅި ބިލް ގާނޫނު އަސާސީއާ ތައާރުޒުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ އިސްލާހާއި ގުޅިގެން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ، މެންބަރު ލަތީފްގެ އިސްލާހު، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ވަރަށް ބޮޑަށް އަމާޒުވާ ކަމަށެވެ.

މަޖިލީހަށް ކުރިމަތިލެވޭނެ މީހުންގެ ޝަރުތުތައް ވަނީ ގާނޫނު އަސާސީގައި ކަނޑާއަޅާފައިކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅަން ޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ކަމަށެވެ.

"އެހެންވީމަ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ހުށަހެޅުއްވި އިސްލާހު ގާނޫނު އަސާސީއާ ކަނޑައެޅިގެން ތައާރަޒުވާ އިސްލާހެއް ނޫން ގޮތަކަށް ބެލެވޭކަށް ނެތް،" މަޝްހޫރު ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި ޝަރުތުތަކެއް ކަނޑެޅިފައި ހުރިކަމުގައި ވަންޏާ އޭގެން އެއްވެސް ޝަރުތެއް ގާނޫނަކުންނެއް އުންޏެއް ވެސް ނުކުރެވޭނެ އަދި އެ ޝަރުތުތަކުގެ އިތުރަށް ޝަރުތެއް ހުށަހެއް ވެސް ނޭޅޭނެ. އެކަން ކުރެވޭނީ ހަމައެކަނި ގާނޫނު އަސާސީ ބަދަލުކޮށްގެން،"

އަބްދުއްލަތީފްގެ އިސްލާހު މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައިކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން ދެކޭ ގޮތުގައި އެ އިސްލާމު މަޖިލީހަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

އެ އިސްލާހު ހުށަހެޅި މެންބަރު ލަތީފް އަކީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރެއްކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ މެންބަރެއް އެފަދަ އިސްލާހެއް ހުށަހެޅުމުން ކަންބޮޑުވާ ކަމަށެވެ.

"ކޯލިޝަނެއް އޮންނަ އިރު އަޅުގަނޑުމެނަށް ޕާޓީތައް އެކީގައި މަސައްކަތް ކުރާ އިރު ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ސަރުކާރުގައި ވެސް މަސައްކަތް ކުރަންވާނީ އެކު އެކީގައި މަޝްވަރާ ކުރެވިގެން،" ހަސަން ލަތީފް ވިދާޅުވި އެވެ.

މެންބަރު ލަތީފް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގެނެ ފާސްވިޔަ ނުދެއްވާނެ ކަމަށް ލަތީފް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބްގައި ވާދަ ކޮށް ރައީސް ނަޝީދު ކާމިޔާބް ކުރައްވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.

އެ އިސްލާހު ލަތީފް ހުށަހެޅުއްވީ ޖޭޕީ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާ ނުކޮށް ކަމަށާއި އެހެން ކަމުން އެ ބިލް އަނބުރާ ނެގުމަށް އޭނާއަށް ދަންނަވާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް