އެޗުއައީވީ ޖެހިފައި ތިބި ދެ ބިދޭސީ އަކު ފިލާފައި ވެއްޖެ: ރީކޯ މޫސަ

ރީކޯ މޫސާ މަނިކު: އޭނާ ރާއްޖެ ގެނައި ތިން ބިދޭސީ އަކު އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް

ރާއްޖެ އަށް މަސައްކަތް ކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ކުންފުންޏަކަށް ގެނައި ބިދޭސީންތަކެއްގެ ތެރެއިން ތިން މީހަކު އެޗުއައިވީ އަށް ޕޮޒިޓްވެގެން ފޮނުވާލަން ގެންދިއުމުން އޭގެ ތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް މޫސަ ހުށަހެޅުއްވި ބިލަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި ފިލައިގެން ގިނަ އަދަދެއްގެ ބިދޭސީން އުޅޭ ކަމަށާއި އެ އަދަދު ލައްކައަކަށް އަރާނެ ކަމަށެވެ. އަދި އެ ބިދޭސީންގެ ފަރާތުން ދިވެހިން، ބޮޑެތި ނުރައްކާތަކަށް ހުށަހެޅެމުން އަންނަ ކަން މޫސާ ފާހަގަ ކުރެއްވި އެވެ.

އެގޮތުން މޫސަގެ ކުންފުންޏަކުން ރާއްޖެ ގެނައި ބިދޭސީންގެ ތެރެއިން ތިން ބިދޭސީއަކު ނުރައްކާތެރި އެޗުއައިވީ ބައްޔަށް ޕޮޒިޓިވް ވެފައި ހުއްޓާ ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.

"...އެޗުއައިވީއަށް ޕޮޒިޓިވް ވެފައި ހުއްޓާ އަޅުގަނޑުމެން އެމީހުން ފޮނުވާލަން ގެންދިޔައީމާ. ގެންދިޔަ މީހުން ކައިރީގައި ބުނީ ތިމަންނަ މެން ދޭނަމޭ ފަސް ހާސް ރުފިޔާ ދޫކޮށްލަ ދޭށޭ. އޭގެ ތެރެއިން ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ. އެކަކު އަޅުގަނޑުމެނަށް މި ތަނުން ބޭރުކުރެވުނީ،" ހެވީ ލޯޑް ކުންފުނީގެ ވެރިޔާ މޫސާ މަނިކް ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ހިންގާ ބިޔަ ޕްރޮޖެކްޓްތަކުގައި ވެސް ފިލައިގެން އުޅޭ ބިދޭސީން ގެންގުޅޭކަން ކަށަވަރުކަމާ އެކު އެނގޭ ކަމަށް މޫސަ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެ މީހުނަށް ނިކަމެތި ގޮތްތައް ހަދަމުންދާ ކަމަށެވެ. އެކަންތައް މީގެ ކުރީގެ ސަރުކާރުގެ ކަމާބެހޭ އިސްވެރިންގެ ސަމާލުކަމަށް އެކި ފަހަރު މަތިން ގެނައިސްފައިވާކަން ވެސް މޫސަ ފާހަގަ ކުރެއްވި އެވެ.

"ފުލުހުންނަކަށް ނޯވޭ މި މީހުން ހޯދައިގެން ގެންދިއުމުގެ ބާރެއް. އިމިގްރޭޝަންގައި ހުރިހާ ވެސް ކޮންޓްރޯލެއް އޮންނަނީ. ފުލުހުން ބޭނުންވޭ މިކަންތައް ކޮންޓްރޯލް ކުރަން." މަޖިލީހުގެ ނައިބް ރައީސް ކަން ވެސް ކުރައްވަމުން ގެންދަވާ މޫސަ ވިދާޅުވި އެވެ.

މޫސަ އިމިގްރޭޝަން ގާނޫނަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން، މަސައްކަތަށް ގެނަސްފައިވާ ބިދޭސީއަކު ފިލައިގެން ގޮސްފި ނަމަ އެ މީހާ އާއި އެ މީހާ ވަގަށް ގެން ދިޔަ މީހާ އާއި އެކަމަށް އެހީވި މީހާ ވެސް އެއް އަހަރަށް ޖަލަށް ލައި ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ މުއްދަތަކަށް ޖޫރިމަނާ ކުރެވޭނެ އެވެ.

comment ކޮމެންޓް