ހަތަރު ބޭންޑަކާއެކު "ޗަނާޗާ" މިއުޒިކް ޝޯ މިރޭ!

"ޗަނާޗާ" މިއުޒިކް ޝޯގެ ޕޯސްޓަރެއް...

މަގުބޫލު ހަތަރު މިއުޒިކް ބޭންޑެއް އެކުގައި ބާއްވާ ލައިވް މިއުޒިކް ޝޯއެއް މިރޭ އޮލިމްޕަހުގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

"ޗަނާޗާ" ގެ ނަމުގައި މިރޭ ނުވައެއް ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޝޯގައި މިއުޒިކް ކުޅޭނެ ހަތަރު ބޭންޑަކީ "ހައުސް އޮފް މިއުޒިކް"، "ބްލެކް ސްމޯކް"، "ސީ ވީޑް ޖުއިސް" އަދި "އައްކު އެންޑް ފްރެންޑް" އެވެ.

އެ ޝޯ އަކީ ޓިކެޓް ގަނެގެން ބަލާލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ޝޯއެކެވެ. ޝޯގެ ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ.

އެ ޝޯ އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ބުނަމުން ތައާރަފްކުރި "ބައިސްކޯފު" އެޕުން އިސްނަގައިގެން މިއުޒިކް އިންޑަސްޓްރީގެ ފަރާތްތަކާއި ގުޅުގެން ކުރިޔަށް ގެންދާ ޝޯއެކެވެ.

"ޗަނާޗާ" ޝޯ އިންތިޒާމްކުރި ފަރާތުން ބުނީ އެ ޝޯ އަކީ ދުރާލާ ތައްޔާރީތަކެއް ވެގެން ބޭއްވޭ ޝޯއެއް ކަމަށެވެ. އަދި ހުރިހާ ބޭންޑަކަށް އެ ޝޯއަށް ތައްޔާރުވުމުގެ ގޮތުން މީގެ ދެމަހެއްހާ ދުވަަސް ކުރިން އަންގާފައިވާނެ އެ ފަރާތުން މައުލޫމާތު ދެއެވެ.

"ޗަނާޗާ" މިއުޒިކް ޝޯގައި ޕާފޯމް ކުރާ ހަތަރު ބޭންޑް

އޭގެ އިތުރަށް އެ ފަރާތުން ބުނީ ޓިކެޓް އަށް ބާރު ބޮޑުވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ޝޯ ބަލާލަން ވަނުމައްޓަކައި ޓިކެޓް ގަނެފައިވާ ކަމަށެވެ.

މިރޭގެ ޝޯގައި ޕާފޯމު ކުރުމަށް ހަމަޖެހިފައިވާ ބޭންޑްތަކަށް ބަލައިލާއިރު އެ ހަތަރު ބޭންޑަކީ ވެސް ތަޖުރިބާ ހުރި ބެލުންތެރިންގެ މެދުގައި މަގުބޫލު ހަތަރު ބޭންޑެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވުޖޫދަށް އައި "ހައުސް އޮފް މިއުޒިކް" އަކީ މާލޭގެ އިތުރުން ގިނަ އީދު ޝޯތަކެއްގަައި ވެސް ޕާފޯމްކޮށްފައިވާ ބޭންޑެކެވެ. މި ބޭންޑުގެ ލީޑު ވޯކަލިސްޓަކީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އެވެ.

"ބްލެކް ސްމޯކް" ބެލުންތެރިންނާ ހަމަޔަށް އައި ފަހުން ފަނަރަ ވަރަކަށް އަހަރު ވެފައިވާއިރު އެ ބޭންޑުގެ މައިގަނޑު ވޯކަލިސްޓެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އައިޑޮލްގަައި ދެ އަހަރު ވަންދެން ޖަޖުކަން ކޮށްދީފައިވާ އަހުމަދު އިބްރާހީމް (އަންމަޑޭ) އެެވެ.

"ސީ ވީޑް ޖުއިސް" ބޭންޑު ވުޖޫދުވެ ޝޯތައް ދެމުން އަންނަތާ ދިހަ ވަރަކަށް އަހަރަށް ވުރެއް ގިނަ ވެއްޖެއެވެ. އަދި "އައްކު އެންޑް ފެރެންޑްސް" ބޭންޑު ވައިގަ ހިފާލިތާ މިހާރު ދެ އަހަރު ވާން ކައިރިވަނީއެވެ.

comment ކޮމެންޓް