ވެލިޒިނީއަށް ސިއްހީ ފަރުވާއެއް ދޭން ޖެހޭނަމަ ދޭނަން: ފުލުހުން

މަޖިލިސް މެމްބަރުންނާ ދެކޮޅަށް 2010 ވަނަ އަހަރު ކުރި މުޒާހަރާއެއްގައި ވެލިޒިނީ ވާހަކަ ދައްކަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

ކުރީގެ ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު، އަލްއުސްތާޒާ އައިޝަތު ވެލިޒިނީއަށް ސިއްހީ ފަރުވާއެއް ދޭން ޖެހޭނަމަ، އެ ފަރުވާއެއް ދޭނެ ކަަމަށް ފުލުހުން ބުނެފި އެވެ.

ވެލިޒިނީ ހައްޔަރުކުރުމުން އެކަމަށް ފާޑުވިދާޅުވެ، ސޯޝަލް މީޑިއާގައި ބަޔެއް ފަރާތްތަކުން ބުނަމުން ދަނީ އޭނާއަކީ ސިކުޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި ވެލެޒިނީ ބަންދުން ދޫކޮށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ވެލިޒިނީ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، އެ ދީނަށް "ތައުހީނު" ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލައިގައި އޭނާއަށް ގާނޫނީ ގޮތުން ލިބެން ޖެހޭ އެންމެހާ ހައްގުތައް ކަށަވަރުކޮށް، އަދި އޭނާގެ ސިއްހީ ހާލަތަށް ރިޔާޔަތްކޮށް އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާއެއްވާނަމަ އެ ފަރުވާއެއް ލިބިދެވޭނެ އިންތިޒާމް އެ އިދާރާއިން ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވެލެޒިނީ އަކީ މުރުތައްދުވެފައިވާ މީހެއްކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އިރު، ފުލުހުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލެޒިނީ އަށް އަންގައިފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނެދަލޭންޑްގައި ރެފިއުޖީއެއްގެ ގޮތުގައި އުޅުމަށް ފަހު، ވެލިޒިނީ މާލެ އައީ އިއްޔެ އެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގައެވެ.

comment ކޮމެންޓް