ވެލެޒިނީ ހައްޔަރު ކުރުމުން ފާޑުކިޔަނީ

ވެލެޒިނީ ރާއްޖޭގެ އެއާޕޯޓުގައި---

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަން ކުރައްވައިފައިވާ އާއިޝަތު ވެލެޒިނީ ހައްޔަރުކުރުމުން އެކަމާ ފާޑުކިޔަން ފަށައިފި އެވެ.

ވެލެޒިނީ ހައްޔަރުކޮށްފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުމަށް ފަހު ރާއްޖެ އައިތަނުން ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެވެ.

ވެލެޒިނީ އަކީ މުރުތައްދުވެފައިވާ މީހެއްކަމަށް އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅާފައިވާ އިރު، ފުލުހުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ވެލެޒިނީ އަށް އަންގައިފަ އެވެ.

ވެލެޒިނީ ރާއްޖެ އައުމާ އެކު އޭނާ ހައްޔަރު ކުރުމަށް ބައެއް މީހުން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ. ވެލެޒިނީ ހައްޔަރު ކުރުމާއެކު ފުލުހުންނަށް ފާޑުކިޔާ މީހުންގެ އަޑު ވަނީ ގަދަވެފަ އެވެ.

ވެލެޒިނީ ދޫކޮށްލުމަށް ގޮވާލާ ފަރާތްތަކުގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒުގަދަ ބައެއް ފަރާތްތައް ވެސް ފާހަގަ ކޮށްލެވެ އެވެ. ރައްޔިތުންގެ މަޖިލީހުގައި މާލެސިޓީ ތަމްސީލު ކުރައްވާ، އީވާ އަބްދުﷲ ވެސް ވަނީ ވެލެޒިނީ ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލައި ޓްވީޓް ކުރައްވައިފަ އެވެ.

ވެލެޒިނީ ދޫކޮށްލުމަށް ގޮވާލާ ބައެއް ފަރާތްތަކުން ދަނީ އޭނާއަކީ މައްސަލައެއް ހުރި މީހެއް ކަމަށާއި އޭނާގެ މެންޓަލް އެސެސްމެންޓެއް ހެދުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމަށް ޝައްކު ކުރެވޭ މީހަކު ހައްޔަރު ކުރުމުގެ ކުރިން އެމީހާގެ ހާލަތު ވަޒަން ކުރަން ވާނެ ކަމަށް ނަފްސާނީ ބަލިތަކަށް ފަރުވާ ދެއްވާ ޑޮކްޓަރުން ދަނީ ގޮވާލައްވަމުންނެވެ.

ނަފްސާނީ ބަލީގެ ޑޮކްޓަރު ޑރ. މުހައްމަދު އާރިފް ވިދާޅުވީ ވެލެޒިނީގެ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަށް ނަފްސާނީ އެސެސްމެންޓެއް ހަދަން ޖެހޭ ކަމަށާއި އޭނާ އަށް ރަނގަޅު ފަރުވާ ދޭން ޖެހޭ ކަމަށެވެ.

"އެއްވެސް މީހަކު މުރުތައްދު ވެއްޖެ ކަމަށް ކަނޑައެޅުމުގެ ކުރިން އެމީހަކު ހުރީ ހަމަ ބުއްދީގައިތޯ ބެލެވެން ޖެހޭނެއެވެ" ޑރ. އާރިފްގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ވެލެޒިނީ އާ ގުޅޭ ގޮތުން ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެފައި ވަނީ "ދީނަށް ފުރައްސާރަ ކުރާއިރަށް މެންޓަލް މެންޓަލް ކިޔާ އެކްސްކިއުޒް ދެއްކުން ބަލައެއް ނުގަނެވޭ. އެހެން ކަންކަމުގައި ބަރާބަރަށް ހަމަ" ހަމަށެވެ.

ޝައިހް އަލީ ޒައިދުގެ މިވާހަކައަށް ރައްދުދީ އާންމުންގެ ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އިސްލާމްދީނުގައި މުރުތައްދުވުމަކީ ބުއްދި ސަލާމަތުން ހުރި މީހަކު އެހެން މީހަކު މަޖުބޫރުކަމަކާ ނުލާ އިސްލާމްދީން ދޫކޮށްލުން ކަމަށާއި ވެލެޒިނީ އަކީ ނަފްސާނީ ބަލި މީހެއް ކަމަށް ވެލެޒިނީގެ ދިފާއުގައި ވާހަކަ ދައްކާ މީހުން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް