ދެ ފަނޑިޔާރުންނާއި ސިޔާދަށް ކުރި ރިޝްވަތުގެ ދައުވާގެ މައްސަލަ އިސްތިއުނާފެއް ނުކުރާނަން: ޕީޖީ

އިބްރާހިމް ސިޔާދު ގާސިމް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ސިޔާދު ގާސިމަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލު ކުރި ކުރުން އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި އެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ބާތިލު ކުރި ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމެވެ.

އެމައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދައުވާ ބާތިލު ކުރި މައްސަލަ އިސްތިުނާފު ނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހުން ގަބޫލު ކުރާ ގޮތުގައި އެމައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަދި އެމައްސަލަ ބާތިލު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

"ޝަރީއަތުގެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރި ނަމަވެސް ނިންމުމަށް ބަދަލު އައިސްދާނެ ކަމަށް ނުފެންނާތީ މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމައިފިން." ޕީޖީ އޮފީހުން އެމައްސަލަ އިސްތިއުނާފު ނުކުރަން ނިންމައި ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން ބުނީ އެމައްސާގައި އެ ތިން ފަރާތަށް ދައުވާ ކުރެވޭ ވަރަށް އެ އޮފީހަށް ހެކި ލިބިފައިވާ ކަމަށެވެ.

އެ ތިން މީހުންގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމުގައި ރިޝްވަތުގެ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނެ އެވެ.

މައްސަލަ ބާތިލު ކުރި ނަމަވެސް ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެހެން މައްސަލައެއްގައި ކުށް ސާބިތުވެފައިވާތީ އެބޭފުޅުން ތިބީ ޖަލުގަ އެވެ.

comment ކޮމެންޓް