އަމާޒަކީ ފުރަތަމަ މެޗުން ބަލި ނުވުން: ބޫޓާން ކޯޗް

ބޫޓާންގެ ކޯޗް ޓްރެވާ މޯގަން---

ސާފް ސުޒުކީ ކަޕުގައި ބޫޓާން ކުޅޭ މެޗުގައި އަމާޒަކަށް ވާނީ ބަލިނުވުން ކަމަށް ބޫޓާންގެ ކޯޗް ޓްރެވާ މޯގަން ބުނެފިއެވެ. މިއަދު ބޫޓާން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ބަންގާޅާ ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތައް ބޫޓާން ނުކުންނަނީ ގިނަ އަދަދެއްގެ އާ ކުޅުންތެރިންތަކަކާ އެކު އެވެ. އެގޮތުން މިފަހަރުގެ މުބާރާތައް ނެގި ސްކޮޑުގައި ހިމަނާފައިވާ 17 ކުޅުންތެރިންނަކީ ކުރީގެ މުބާރާތުގައި ނުކުޅޭ ކުޅުންތެރިންނެވެ.

ކުރީގެ މުބާރާތްތަކުގައި އޭނާއަށް ލިބިފައި ހުރި ތަޖުރިބާ ފާހަގަކޮށް މޯގަން ބުނީ މުބާރާތުގެ ފުރަތަމަ މެޗުން ބަލިވުމަކީ މުބާރާތުގައި ކުރިއަށް ދިޔުމަށް ވަރަށް އުނދަގޫވާނެ ކަމެއް ކަމަށެވެ.

"އަހަރެމެން މަސައްކަތް ކުރާނީ ފުރަތަމަ މެޗުން ބަލިނުވާން. އޭރުން، ދެވަނަ މެޗުގައި އަދި އޭގެ ފަހުން އަންނަ މެޗުތަކުގައި ކުރިއަށްދާން ކުޅުންތެރިންނަށް ކޮންފިޑެންސް ލިބިފައި ހުންނާނީ،"

މޯގަން ބުނީ ބޫޓާނުގެ ޓީމު ކުޅުންތެރިން ބޮޑު މުބާރާތެއްގައި އެތައް ހާސް ބައެއްގެ ކުރިމަތީގައި މޮޅު ކުޅުންތެރިންނާ ދެކޮޅަށް ނުކުތުމުން، ބޫޓާންގެ ކުޅުންތެރިންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އެއީ ކުޅުންތެރިން ކުރިއަރައިދިޔުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި އޭނާ ސިފަ ކުރިއެވެ.

"މެޗު ވަރަށް އުނދަގޫވާނެ. އެކަމަކު މެޗުގައި ކޮންމެ ނަތީޖާއެއް އަޔަސް، މެޗަށް ނުކުންނަންވާނީ ކުޅޭ ހިތުން. ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި، ބޮޑު ސްޓޭޑިއަމްއެއްގައި، މޮޅު ކުޅުންތެރިންނާ ދެކޮޅަށް ކުޅެގެން އަހަރެމެންގެ ކުޅުންތެރިން ވެސް ވާނީ އިތުރަށް މޮޅު،" މޯގަން ބުންޏެވެ.

އޭނާ ބުނީ އުންމީދު ކުރަނީ ގްރޫޕް ސްޓޭޖުން މަދުވެގެން ހަތަރު ޕޮއިންޓު ހޯދުމަށް ކަމަށެވެ. އަދި ހަތަރު ޕޮއިންޓާއެކު ދެވަނަ ބުރަށް ދެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ.

މޯގަން ވަނީ ބަންގާޅުގެ ޒުވާން ޓީމު އޭޝިއަން ގޭމްސްގައި ދެއްކި ކުޅުން ފާހަގަކޮށްފައެވެ. އަދި ބަންގާޅު ޓީމުގެ ކޮންފިޑެންސް މަތި ކަމަށާއި މާދަމާގެ މެޗުން މޮޅުވުމަށް ފެވަރިޓުންނަކީ ބަންގާޅު ކަމަށް އޭނާ ބުންޏެވެ.

ބޫޓާނާއި ބަންގުލަދޭޝް ވާދަކުރާ މެޗު ކުޅޭނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 6:00ގައެވެ.

comment ކޮމެންޓް