އަހަރުތަކަކަށް ފަހު "އަކަސަކަ" ސަމީއުގެ އީދު ޝޯއެއް

ސަމީއު: އޭނާގެ އެންމެނެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ފަރިޕަރީ ފަދަ ލަވަތައް ހިމެނޭ.-- ފޮޓޯ: ޓްވިޓާ

އީދަށް ދެ ދުވަހަށް ވީއެވެ. ރަށް ރަށުގައި އީދު ފޯރި ނުލާހިކު ގަދަވާނެ ކަން ކަށަވަރެވެ. ފިލްމީ ތަރިންނާއި ނެށުންތެރިންގެ އިތުރުން ލަވަ ކިޔުންތެރިން ތިބީ އީދަށް ތައްޔާރަށެވެ. އީދުގެ ރޭތައް ފަޅުފިލުވާލަން ރެޑީވެގެންނެވެ.

ރާއްޖޭ މިއުޒިކް އިންޑަސްޓްރީގައި ވެސް ކުޅަދާނަ އާޓިސްޓުން އުޅެއެވެ. ނަމަވެސް ބައެއް ފަންނާނުންގެ އަޑު ވަކި ހިސާބަކުން މަޑު ވަނީ އެވެ. އެގޮތުން މި ފަހަރު ދައްކަން މި އުޅެނީ މިހާރު އަޑު މަޑުވެފައިވާ، ނަމަވެސް ހުނަރުވެރި ލަވަކިޔުންތެރިއެއްގެ ވާހަކަ އެވެ؛ އަކަސަކަ ބޭންޑާއި އެކު ދިވެހިންގެ ލޯބު ހޯދި ސަމީއުގެ ވަހަކަ އެވެ.

ދިވެހި މިއުޒިކީ އިންޑަސްޓްރީގެ މެދުއުޑުގައި، 1990ގެ އަހަރުތަކުން ފެށިގެން 2000ގެ ކުރީކޮޅު ސަމީއު ވަނީ އޭނާގެ އަކަސަކަ ބޭންޑާއި އެކު ފިޔަޖަހާފަ އެވެ.

ފަރިޕަރީ ފަދަ މަޝްހޫރު ލަވަތަކާ އެކު ދިވެހިންގެ ސަމާލުކަން ހޯދި ސަމީއު އާންމުންނަށް ގެންލުނީ ބޭންޑްގެ މީހުން ބިޒީވެ، އެކި ތަފާތު މަސައްކަތްތައް ފެށުމާ އެކު އެވެ. ނަމަވެސް އޭގެ ފަހުން ވެސް ސަމީއުގެ ލަވަ ކިޔުން ހުއްޓާލީ އެއް ނޫނެވެ.

ސަމީއު ދިޔައީ ރިސޯޓުތަކުގައި ލަވަކިޔަމުންނެވެ. އަދި ދޭތެރެއަކުން ކުޑަކުދިންގެ ހަވީރަކުން ފެނެ އެވެ. ވެޑިން ޕާޓީތަކުން ވެސް ކޮންމެވެސް ވަރަކަށް ފެނެ އެވެ.

އީދު ޝޯއަކުން އޭނާ ނުފެންނަތާ ދެތިން އަހަރު ވެއްޖެ އެވެ. ނަމަވެސް މި ފަހަރު މިއޮތީ މިކަން ބަދަލުވެފަ އެވެ. ފުވައްމުލަކުގައި ނިކަން ފޯރިގަދަކޮށްލަން އޭނާ ހުރީ ތައްޔާރުވެފަ އެވެ.

"ފަރިޕަރީ ނުރުހުންވެފަ ހުރެގެން، ގާތުގައި ބުނެލީތާ. ލޯބިވާވަރު ދައްކަން ތިޔަހެން، ވޭނުގާ ތިޔަ ހުސްވަނީ..." އަޑުއަހާލަން ފުވައްމުލަކު ކުދިން އަވަހަށް ތައްޔާރުވާންވީ އެވެ.

"ސަން" އަށް ވާހަކަ ދައްކަމުން ސަމީއު ބުނީ، ފުވައްމުލަކުގައި ދޭ އީދު ޝޯ ފެށޭނީ އީދު ދުވަހުގެ ހަވީރު އެ ރަށުގައި ބާއްވާ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކަމަށެވެ.

އޭނާ ބުނީ، އީދު ޝޯ އެއް އިތުރު ރަށެއްގައި ދިނުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ފަރިޕަރީގެ އިތުރުން ވެސް ސަމީއު ވަނީ ސުޕަ ހިޓް ލަވަތަކެއް ކިޔާފަ އެވެ. އޭގެތެރޭގައި؛ ހޫރު ކަނބާފުޅު، ތި ރީތި މޫނު އަދި ނުދާށެ ދޫކޮށްފައި ފަދަ ލަވަތައް ހިމެނެ އެވެ.

comment ކޮމެންޓް