ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން އިންވެސްޓްކުރަނީ ސައުދީން

ޓެސްލާގެ ސީއީއޯ އަދި ބިލިޔަނަރު އެލަން މަސްކް --- ފޮޓޯ: ގެޓީ އިމޭޖަސް

ކަރަންޓް ކާރު އުފެއްދުމުގެ އެންމެ ކުރީގައި އުޅޭ ޓެސްލާ، ސްޓޮކް މާކެޓުން ޑީލިސްޓުކޮށް ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން ބޭނުންވާ ފައިސާ އިންވެސްޓުކުރަނީ ސައުދީ އަރަބިއްޔާގެ ސޮވެރިން ވެލްތު ފަންޑުން ކަމަށް ބުނެފިއެވެ.

އެކަން ހާމަކޮށްފައިވަނީ ޓެސްލާގެ ސީއީއޯ އަދި ބިލިޔަނަރު އިލަން މަސްކް ކުރެއްވި ބްލޮގް ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ހިއްސާ އަކަށް 420 ޑޮލަރުގެ ބަދަލަކާއެކު އެ ކުންފުނި ޕްރައިވެޓްކުރަން، އެސްޓިމޭޓް ކުރަމުން އަންނަ ގޮތަށް 70 ބިލިޔަން ޑޮލަރަށް ނާރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވާއިރު، މިހާރު ހިއްސާދާރުންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން އެ ކުންފުނީގައި ބައިވެރިވާން ބޭނުންވާ އެންމެންނަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށެވެ.

މަސްކް ލަފާކުރައްވާ ގޮތުގައި، މިހާރު ތިބި ހިއްސާދާރުންގެ ގިނަ ބަޔަކު ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ބަދަލުވި ނަމަވެސް ހިއްސާދާރުންނަށް ތިބޭނެއެވެ. އަދި ހިއްސާދާ ދޫކޮށްލާ، ބަދަލު ހޯދާނީ ވަރަށް މަދު ބައެއް ކަމަށް އޭނާ ލަފާކުރެއެވެ.

https://sun.mv/109221

ސައުދީ ސޮވެރިން ވެލްތު ފަންޑުން، ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން އިންވެސްޓްކުރުމާ ގުޅޭގޮތުން އެތައް ފަހަރަކު މަޝްވަރާކުރި ކަމަށް މަސްކް ވިދާޅުވިއެވެ.

މަސްކް އެހެން ވިދާޅުވި އިރު، ސައުދީ ސޮވެރިން ވެލްތު ފަންޑުން ދާދި ފަހުން ވަނީ ޓެސްލާގެ ފަސް ޕަސެންޓް ހިއްސާ ގަނެފައެވެ. މީޑިއާތަކުން ލަފާކުރާގޮތުގައި އެ ފަސް ޕަސެންޓް ގަތުމަށް ސައުދީ ފަންޑުން 3.2 ބިލިޔަން ޑޮލަރު އިންވެސްޓް ކުރިއެވެ.

ޓެސްލާ ޕްރައިވެޓް ކުންފުންޏަކަށް ބަދަލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް، މަސްކް ހާމަކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައި އޭނާ ކުރެއްވި ޓްވީޓަކުންނެވެ.

އެ ޓްވީޓުގެ ސަބަބުން ޓެސްލާގެ ހިއްސާގެ އަގުތައް ކުއްލިއަކަށް އުފުލުމުން ޝޯޓް ސެލާސްއަށް، މިލިޔަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ މަސްކްގެ މައްޗަށް، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކޮށްފައެވެ.

comment ކޮމެންޓް