ޝަލަބީގެ ޢީދު ޝެޑިއުލް މިއޮއް ފުލްވަނީ!

ޝަލަބީ ޝޯވ އެއްގައި....

ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ބޭއްވި ފްރެންޗައިޒް ޝޯވ، މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ފަހުރުވެރި ދެވަނަ ހޯދި، ޝަލަބީ އިބްރާހިމް އަކީ މިހާރު ރާއްޖޭގައި ގުނާލެވޭ ކާމިޔާބު އާޓިސްޓުންގެ ތެރެއިން އެކަކެވެ. ޝަލަބީގެ އަޑުގެ ޖާދޫގައި ގިނަ ދިވެހިން ތިބީ ރަނގަޅަށްވެސް ޖެހިފައެވެ.

މޯލްޑިވިއަން އައިޑޮލް އިން ވިދާލި، ޝަލަބީ އަކީ އަބަދުވެސް އޭނާގެ އެންމެ ފުރިހަމަ މަސައްކަތް ޝައުގުވެރިކަމާއެކު ދައްކަމުން އަންނަ ކުޅަދާނަ ފަންނާނެކެވެ. އައިޑޮލް ޖާނީގެ ފަހުންވެސް އެތައް ލަވަތަކެއް ފިލްމު ތަކަށް ވެސް ކިޔައިދީ އެތަކެއް ޝޯވް ތަކަކުން ޝަލަބީގެ ނަން ވަނީ ވިދާލާފައެވެ.

ޝަލަބީ އަކީ މިހާރު ރާއްޖެތެރޭގައި ޢީދު ފަޅުފިލުވާލަދޭ އެކަކެވެ. ރިސޯޓް ތަކާއި މާލެ އަދި ރަށް ރަށުގައި ޝަލަބީ މިގޮތަށް އީދު ޝޯވތައް ކުޅެން ފެށިތާ މިހާރު މީ ތިންވަނަ އަހަރެވެ.

ޝަލަބީ ޝޯވ އެއްގައި...

ބޮޑުބެރު ޓީމެއްގެ ތެރެއިން އައިޑޮލްއަށް ފުންމާލައި، އައިޑޮލްގެ ވެސް ފަހުރުވެރި ދެވަނަ އާއެކު އުދުހިގަތް ޝަލަބީގެ ޢީދު ޝެޑިއުލް މި އަހަރަށްވެސް މިއޮއް ފުލްވަނީ އެވެ. މިހާރުވެސް ގިނަ ރަށްތަކަކަށް ދާން އޮތީ ރިކުއެސްޓް ލިބިފައެވެ.

"މިހާރުވެސް 16 ވަރަކަށް ރަށުން އެބައިން ރިކުއެސްޓް ކޮށްފަ، އެކަމަކު އަދި ހުރިހާ ރަށްތަކެއް ފައިނަލެއް ނުކުރަން، އަދިވެސް އަޅުގަނޑު ގެންދަން ބޭނުންވާ ރަށް ރަށުން އަޅުގަންޑުގެ ފޭސްބުކް އޮފިޝިއަލް ޕޭޖަށް މަސެޖް ކުރަންވީ،" ސަން އަށް މައުލޫމާތު ދެމުން ޝަލަބީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ، ރަށްތައް ފައިނަލް ކުރާއިރު ބޮޑަށް ބަލަނީ ކުރިން ނުދާ ރަށްތަކަށް ދިޔުމަށް ކަމަށެވެ. ޝަލަބީ ބުނީ، މިފަހަރުގެ ޢީދުގައި ވެސް އޭނާގެ ޓީމާއި އެކު އިތުރު އާޓިސްޓުން ތަކެއް ރަށް ރަށަށް ދާނެ ކަމަށެވެ. ނަމަވެސް އެ އާޓިސްޓުންނަކީ ކޮބައިކަން އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

ޝަލަބީ ޝޯވް އެއްގައި...

ވޭތުވެ ދިޔަ އަހަރު ހއ، ނ، ރ، އަދި ބ އަތޮޅުގައި ޝޯވ ދީފައިވާއިރު 2016 ވަނަ އަހަރު ޝަލަބީ ވަނީ ލ އަތޮޅުގައި ފޯރިގަދަ ޝޯވް ތަކެއް ދީފައެވެ. ޝަލަބީ ބުނީ، އެންމެ ދެރަވަނީ ކޮންމެ އަހަރަކުވެސް އެތަކެއް ރަށް ރަށަކުން އެދިފައި އޮއްވާ ބައެއް ރަށްރަށަށް ނޫނެކޭ ބުނަން ޖެހޭތީ ކަމަށެވެ.

"ބައެއް ރަށް ރަށަށް ނޫނެކޭ ބުނަން ޖެހޭ، 5 ދުވަސް އީދު ވާއިރު ހުރިހާ ރަށް ރަށަކަށް ނުވެސް ދެވޭނެއްނު، އެކަމު މި އަހަރު އީދު ބަންދު ތަންކޮޅެއް ދިގުލައިގެން ދާތީ އެބައިން ޗާންސް ގިނަ ރަށް ރަށަށް،" ޝަލަބީ ބުންޏެވެ.

ޝަލަބީ ގެންދަން ބޭނުން ވަނީ ކޮން ރަށްތަކަށް ހެއްޔެވެ؟ އަވަހަށް ރިކުއެސްޓް ކުރާށެވެ. ޝަލަބީ އާއި ޝަލަބީގެ ޓީމުވެސް އީދު ފަޅުފިލުވަން ހަމަ ތައްޔާރެވެ.

comment ކޮމެންޓް