2022 ވަނަ އަހަރު، ސޮވަރިން ފަންޑު 500 މިލިޔަން ޑޮލަރަށް ވުރެ އިތުރުވާނެ

ސޮވަރިން ފަންޑުގެ ފައިސާ ބަހައްޓާފައި ހުންނާނީ އެމްއެމްއޭގައި.

ސަރުކާރުން މިދިޔަ އަހަރު އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، 2022 ވަނަ އަހަރު އަންނަ އިރު 500 މިލިޔަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

އެ ފަންޑަކީ ބޭރުން ލޯނު ނަގައިގެން ސަރުކާރުން ހިންގާ ބޮޑެތި ޕްރޮޖެކްޓުތަކުގެ ލޯނު ދެއްކުމަށް ދަތިވެއްޖެނަމަ އަދި އިގްތިސާދަށް ދިމާވާ ބޮޑެތި މައްސަލަތަކުން އަރައިގަތުމަށް ބޭނުން ކުރަން ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

"ފަންޑް ބޭނުންކުރާނީ އެންމެ ފަހުގެ ހައްލުގެ ގޮތުން. މިސާލަކަށް އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ އެ ޕްރޮޖެކްޓު ނިމުމުން ލިބޭ ފައިސާ އިން، ލޯނު ދެއްކޭނެ ޕްރޮޖެކްޓްތައް. ނަމަވެސް ބޮޑު ކަމެއް ދިމާވެގެން ނުދެއްކިއްޖެނަމަ، ދެން އޮންނާނެ މި ފަންޑް،" ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިހާރު އެ ފަންޑަށް ޖަމާ ކުރަނީ އާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އެވެ. އޭޑީއެފް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ އެންމެންގެ އަތުން ވެސް ނަގާ ފީ އެކެވެ. އޭޑީއެފްގެ ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބޭރު މީހުންގެ އަތުން 25 ޑޮލަރެވެ.

ފަންޑުގައި ފައިސާ ބަހައްޓާފައި ހުންނާނީ ސީދާ ޑޮލަރުން ކަމަށާއި، ފަންޑް އިތުރު ކުރުމަށް އިންވެސްޓް ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ފަންޑުން އިންވެސްޓް ކުރާނީ ބޭރުގެ އިތުބާރު ލިބިފައިވާ މާލީ އިދާރާތަކާއި އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމައެކަނި އިންޓަރެސްޓް ލިބޭ އިންވެސްޓްމަންޓްތައް މި ފަންޑުން ކުރާނީ. މިސާލަކަށް އޭޝިއަން ޑިވެލޮޕްމަންޓް ފަންޑް ކަހަލަ ވަރަށް ޔަގީން މާލީ އިދާރާތަކާ ގުޅިގެން ކުރިއަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ކުއްލި ހާލަތްތަކުގައި ބޭނުންކުރަން މިފަދަ ފަންޑެއް އެކުލަވާލުމަކީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އަދި ސިންގަޕޫރު ފަދަ ކުރިއަރާފައިވާ ގައުމުތަކުގައި ހުންނަ ފަންޑުތައް މެނޭޖް ކުރާ ފަދަ ގާނޫނެއް ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހަދަން މިއުޅެނީ، މިސާލަކަށް ފަންޑް ޔުޓިލައިޒް ކުރަން ޖެހިއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާ އެކަން މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުގެ މެޖޯރިޓީ އެކަމަށް ލިބިގެން ފާސްކުރުމުން ފަންޑް ބޭނުން ކުރެވޭ ގޮތް. މިއީ ސިންގަޕޫރުގައި ވެސް އޮންނަ ގޮތް،" އޮފިޝަލް ވިދާޅުވި އެވެ.

އެ ފަންޑުގެ ފައިސާ ބަހައްޓާފައި ހުންނާނީ މަރުކަޒީ ބޭންކުގައެވެ. ނަމަވެސް އެ ފައިސާ އަކީ އެމްއެމްއޭގެ ރިޒާވުގައި ހުންނަ ފައިސާ އާ ވަކިން ބަލަހައްޓާ ފައިސާ އެވެ.

ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތަށް ސޮވަރިން ފަންޑް އިތުރުވެއްޖެ ނަމަ، އެ ފަންޑް ވާނީ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ އަށް ޕަސެންޓަށެވެ.

ސޮވަރިން ފަންޑުގައި މިހާރު ވެސް 47 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ރައްކާ ކުރެވިފައި އެބަހުރި ކަމަށް، މިނިވަން ދުވަސް ފާހަގަ ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް