އިސްލާމިކް ސޮލިޑާރިޓީ ޓެނިސް ޗެމްޕިއަންޝިޕްގައި ފާއިހްއަށް ބޮޑު ކާމިޔާބީއެއް!

ފާއިހް އޭނާ ވާދަކުރި އިރާގު ކުޅުންތެރިއާއާ އެކު ---

ދެވަނަ އިސްލާމިކް ސޮލިޑާރިޓީ ޓެނިސްޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އަބްދުﷲ ފާއިހް ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އަޒަރުބައިޖާންގެ ބަކޫގައި މިހާރު ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ހަމައެނި ދިވެހިން ކުޅުންތެރިއަކީ ވެސް ފާއިހްއެވެ. އޭނާ އަކީ ގައުމީ ޓެނިސް ޗެމްޕިއަންޝިޕްގެ މެންސް އޯޕަން ސިންގަލްސް ޗެމްޕިއަނެވެ.

ފާއިހް ކުޅުނު ފުރަތަމަ މެޗުގައި އައިޓީއެފް މުބާރާތްތަކުގައި ވާދަކުރާ އިރާގުގެ ކުޅުންތެރިއެއް ކަމަށްވާ މުސްތަފާ ކައިރިން އޭނާ ވަނީ މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ފާއިހް ގެންގޮސްފައި ވަނީ 7-5 އަދި 6-1އިންނެވެ.

އެ މެޗުން މޮޅުވެ ފާއިހް ގަދަ 16އަށް ދަތުރުކޮށްފައިވާ އިރު، ގަދަ 16ގައި އޭނާ ވާދަކުރީ މުބާރާތުގެ ހަތްވަނައަށް ސީޑު ކޮށްފައިވާ ބަހްރެއިންގެ އަބްދުލްނަބީ އިލިޔާސްއާ ދެކޮޅަށެވެ. އެ މެޗުން ފާއިހް ބަލިވި ނަމަވެސް އޭނާ ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ. އެގޮތުން މެޗު ދެ ގަޑިއިރަށް ދެމިގެން ގޮސްފައިވާ އިރު، މެޗުގެ ސެޓުތައް ފާއިހްއަށް ގެއްލުނީ 6-3 އަދި 6-4އިންނެވެ.

މުބާރާތުގެ ޑަބަލްސް ކެޓަގަރީގައި ފާއިހް ޕެއާ ކޮށްފައި ވަނީ ޔުގާންޑާގެ އަގޫމާ ބޮރިސްއާ އެއްކޮށެވެ. އެ ޕެއާއިން ކުޅުނު ފުރަތަމަ މެޗުގައި ތަޖަކިސްތާނުގެ މުކިޑިނޯވް ފީރޫޒާއި ކަރީމޯވް ޚުޝްބަކުތުގެ ޕެއާ ފަސޭހަކަމާ އެކު ބަލިކޮށްފައިވާ އިރު، ފާއިހްއާއި އަގޫމާގެ ޕެއާ ވަނީ ކުއާޓަ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މުބާރާތުގެ ޑަބަލްސް ކުއާޓާ ފައިނަލްގައި ފާއިހް ކުޅޭ މެޗު މިއަދު އޮންނާނެ އެވެ.

އިސްލާމިކް ސޮލިޑާރިޓީ ޓެނިސް ޗެމްޕިއަންޝިޕަކީ އިސްލާމިކް ސޮލިޑާރިޓީ ސްޕޯޓްސް ފެޑަރޭޝަނުގެ ޓީމުތައް ވާދަކުރާ މުބާރާތެކެވެ. މުބާރާތުގައި އޭޓީޕީ ރޭންކިންގެ ވަރުގަދަ ޓެނިސް ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގެ މަގުސަދަކީ އިސްލާމީ ގައުމުތަކުގެ ދެމެދުގައި އޮންނަ ކުޅިވަރުގެ ގުޅުން ބަދަހިކޮށް، އޮލިމްޕިކްގެ ރޫހު އެ ގައުމުތަކުގައި ދެމެހެއްޓުމެވެ. ރާއްޖެއިން ވާދަކުރާ ފާއިހް އެ މުބާރާތުގައި ވާދަކުރަނީ އޮލިމްޕިކް ކޮމިޓީގެ ފަރާތުންނެވެ.

comment ކޮމެންޓް