ރޮނާލްޑޯއަކީ ޖީނިއަސްއެއް، އިޓަލީގެ ފުޓްބޯޅަ ބަދަލުކޮށްލާނެ: ނޭމާ

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ނޭމާ-- ފޮޓޯ: ގެޓީ އިމޭޖް

ކްރިސްޓިއާނޯ ރޮނާލްޑޯއަކީ، ފުޓްބޯޅަ ޖީނިއަސް އެއް ކަމަށާއި، އޭނާ އިޓަލީގެ ފުޓްބޯޅަ މުޅިން ބަދަލުކޮށްލާނޭ ކަމަށް، ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ، ނޭމާ ބުނެފިއެވެ.

ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ، ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ޔުވެންޓަސްއަށް ބަދަލުވުމާ ގުޅޭގޮތުން، ނޭމާ ބުނީ، ރޮނާލްޑޯއަކީ ފުޓްބޯޅަ ލެޖެންޑެއް ކަމަށާއި އޭނާއަށް އެންމެވެސް އިހްތިރާމް ކުރާން ޖެހޭ ކަމަށެވެ.

ރެއާލް މެޑްރިޑުން ޔުވެންޓަސްއަށް ބަދަލުވާން ރޮނާލްޑޯ ނިންމި ނިންމުމަކީ އުނދަގޫ ނިންމުމަކަށް ވާނޭ ކަމަށް ނޭމާ ބުންޏެވެ. އަދި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި ނޫނީ ހުރިހާ މެޗެއްގައިވެސް ރޮނާލްޑޯއަށް ކާމިޔާބީއަށް އެދޭކަމަށް ނޭމާ ބުންޏެވެ.

އިޓަލީގެ ފުޓްބޯޅައަކީ އޭނާ ކުޑައިރު ދުށްފަދަ، ބަލާހިތްވާ ކަހަލަ ފުޓްބޯޅައަކަށް އަނެއްކާވެސް ބަދަލުވެގެން ދާނޭކަމަށް ނޭމާ ބުންޏެވެ.

ރޮނާލްޑޯ ވަނީ، އޭނާ ރެއާލް މެޑްރިޑްގައި ހޭދަކުރި ނުވަ އަހަރު ދުވަހުގެ ތެރޭގައި، އެޓީމަށް 438 މެޗު ކުޅެ، 451 ލަނޑު ކާމިޔާބުކޮށް ރެކޯޑު ހަދައިފައެވެ.

ރެއާލުން ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ، 99 މިލިއަން ޕައުންޑުގެ ފީއަކަށެވެ.

comment ކޮމެންޓް