ޓޮޓެންހަމްއާއެކު ސޮންގެ ކޮންޓްރެކްޓް ފަސް އަހަރަށް އާކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގު މެޗުގައި ޓޮޓެންހަމްގެ ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ސޮން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ކުޅެމުންދާ ދެކުނު ކޮރެއާގެ ފޯވަޑް ހިއުން މިއުން ސޮންގެ ކޮންޓްރެކްޓް އިތުރު ފަސް އަހަރަށް އާކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ސޮން، ޓޮޓެންހަމްއާ ގުޅިފައި ވަނީ 2015 ވަނަ އަހަރު ބަޔާން ލެވަކޫސަންއިންނެވެ. އޭނާ ވަނީ މިހާތަނަށް ޓޮޓެންހަމްއަށް ކުޅުނު 140 މެޗުން 47 ގޯލް ޖަހައިފައެވެ.

ސޮން އިތުރުން ޓޮޓެންހަމްގެ އާޖެންޓީނާ މިޑްފީލްޑަރު އެރިކް ލަމޭލާވެސް ވަނީ 2022 ވަނަ އަހަރާ ހަމައަށް ކްލަބުގެ ކޮންޓްރެކް އާކޮށްފައެވެ. ލަމޭލާ ޓޮޓެންހަމްއާ ގުޅިފައި ވަނީ 2013 ވަނަ އަހަރު ރޯމާއިންނެވެ. އޭނާ ވަނީ ކްލަބަށް ކުޅުނު 154 މެޗުން 23 ގޯލް ޖަހައިފައެވެ.

ނިމިދިޔަ ވޯލްޑް ކަޕްގައިވެސް މޮޅު ކުޅުމެއް ދެއްކި ސޮން ވަނީ މުބާރާތުގައި ދެ ގޯލް ޖަހައިފައެވެ. އެ ގައުމުން ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް، އެންމެ ފާހަގަކޮށްލެވެނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނު އަތުން ހޯދި މޮޅެވެ. އެ މެޗުގައިވެސް ސޮން ވަނީ ގޯލް ޖަހައިފައެވެ.

ޓޮޓެންހަމްގައި ސޮން އެންމެ ވިދާލީ މިދިޔަ ސީޒަންގައެވެ. ޓޮޓެންހަމްއިން ސީޒަންގައި ކުޅުނު 55 މެޗުގެ ތެރެއިން 53 މެޗުގައި ސޮން ވަނީ ފެނިފައެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި 30 ގޯލް ޖަހާފައިވާ ސޮންއަކީ އޭޝިއާގެ ކުޅުންތެރިއަކަށް ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާއެވެ. މިދިޔަ އަހަރުގެ ކުރިން އެ ރެކޯޑު އޮތީ މެންޗެސްޓާ ޔުނައިޓެޑަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ޕާކް ޖީސުންގް އަތުގައެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގައި 19 ގޯލް ޖަހައިފައެވެ.

comment ކޮމެންޓް