ޔޫތު މިނިސްޓްރީއާއި އެމްޑަބްލިޔުއެސްސީ އަދި ވިލިމާލެ ހިޔާ ކުއާޓާއަށް

ވިލި މުއައްސަސާ ކަޕްގައި ޔޫތު މިނިސްޓްރީއާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޔޫތު މިނިސްޓްރީން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އިމޭޖާސް އެމްވީ

ކްލަބު އެމްޓީސީސީ އާއި އެމްޓީސީސީ ވިލިމާލޭ ޔުނިޓް ގުޅިގެން ވިލިމާލޭގައި ކުރިއަށްގެންދާ ވިލި މުއައްސަސާ ކަޕްގެ ކުއާޓާ ފައިނަލަށް ޔޫތު މިނިސްޓްރީއާއި އެމްޑަބްލިޔުއެސްސީ ވިލިމާލެ އަދި އެފްސީ ވިލިމާލެ ހިޔާ ދަތުރުކޮށްފިއެވެ.

އެ މުބާރާތުގައި ރޭ ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި ވިލިޖޯލި އަތުން ޔޫތު މިނިސްޓްރީ މޮޅުވީ 9-2ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގައި ޔޫތު މިނިސްޓްރީ ކުޅެން ޖެހޭ ހުރިހާ މެޗެއް ނިމުނު އިރު، އެ ޓީމުން ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ވިލިމާލެ ޕޮލިހަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާ އިރު، ވިލިޖޯއްޔަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ ގްރޫޕުން ކުއާޓާގެ ޖާގަ ހޯދާ ދެވަނަ ޓީމެއް ކަށަވަރުވާނީ ވިލިމާލެ ޕޮލިހާއި ވިލިޖޯލި ކުޅޭ ގްރޫޕުގެ ފަހު މެޗަށްފަހުއެވެ.

ވިލި މުއައްސަސާ ކަޕްގައި ޔޫތު މިނިސްޓްރީއާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޔޫތު މިނިސްޓްރީން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު 'ގްރޫޕް ސީ'ގެ މެޗުގައި ޔޫތު މިނިސްޓްރީން ޖެހި ނުވަ ލަނޑުގެ ތެރެއިން އަލީ ނަސޫހު އަލީ ފަސް ލަނޑު ކާމިޔާބުކޮށްދިން އިރު، ހުސައިން ރަޝީދު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އަހްމަދު ޝިޔާޒާއި އަލީ ރިލްވާން ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ވިލިޖޯލީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މަމްދޫހު މުހައްމަދާއި މުހައްމަދު ސަމީހެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޔޫތު މިނިސްޓްރީގެ އަލީ ނަސޫހު ރަޝީދަށް އިނާމު ހަވާލުކޮށްދެއްވީ ބިދަބިން ބޮޑުބެރު ގްރޫޕުގެ ވެރިޔާ މުހައްމަދު އާސިމެވެ. އެ މެޗަށްފަހު އެކުވެރިކަން ދޭހަކޮށްދޭ، ރީތި ނަމޫނާއެއް ވަނީ ފެނިގެންގޮސްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ނަސޫހުއަށް ލިބުނު ޓްރޮފީ، އޭނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ ވިލިޖޯލީގެ ކުޅުންތެރިޔާ މުއާޒް މުހައްމަދަށް ހަދިޔާކޮށްފައެވެ.

ވިލި މުއައްސަސާ ކަޕްގައި ޔޫތު މިނިސްޓްރީއާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޔޫތު މިނިސްޓްރީން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އިމޭޖާސް އެމްވީ

ރޭ ކުޅުނު 'ގްރޫޕް ޑީ'ގެ މެޗުގައި އެމްޑަބްލިޔުއެސްސީން ވަނީ 6-2ގެ ނަތީޖާއަކުން އުރީދޫ ބަލިކޮށްފައެވެ. އެ މެޗުގައި އެމްޑަބްލިޔުއެސްސީން ޖެހި ހަ ލަނޑުގެ ތެރެއިން މޫސާ ނަޖާހާއި ހުސައިން ހަބީބު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް އިބްރާހީމާއި އަލީ ޝާހުއެވެ.

އެ މެޗުގައި އުރީދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އަނަސްއާއި މުހައްމަދު ރިޝްފާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އެމްޑަބްލިޔުއެސްސީގެ ހުސައިން ހަބީބަށް އިނާމު ހަވާލުކޮށްދެއްވީ ވިލިމާލެ ހިޔާގެ ކޮންސަލްޓަންޓް އަހްމަދު ވަނޫދެވެ.

އުރީދޫ ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވުމުން އެޓީމަށް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައެވެ. އެހެންކަމުން 'ގްރޫޕް ޑީ'ގެ ކުއާޓާގެ ޖާގަތައް އެއް މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އެމްޑަބްލިޔުއެސްސީއާއި އެއް މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އެފްސީ ވިލިމާލެ ހިޔާއަށް ވަނީ ލިބިފައެވެ.

ރޭ ކުޅުނު މެޗުގައި 9-2ގެ ނަތީޖާއަކުން ސްޓެލްކޯ ވިލިމާލެ ބަލިކޮށް، ކްލަބު ވެމްކޯއިން ވަނީ 'ގްރޫޕް އޭ'ގެ އެއްވަނައިގައި ގްރުޕް ސްޓޭޖު ނިންމާލައިފައެވެ.

ވިލި މުއައްސަސާ ކަޕްގައި ޔޫތު މިނިސްޓްރީއާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޔޫތު މިނިސްޓްރީން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އިމޭޖާސް އެމްވީ

އެ މެޗުގައި ވެމްކޯއިން ޖެހި ނުވަ ލަނޑުގެ ތެރެއިން އިބްރާހިމް ޖުނާހު ތިން ލަނޑު ކާމިޔާބުކޮށްދިން އިރު، އަހްމަދު ޝަހުނީޒް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީހާއި އިސްމާއިލް ޝަފީއުއާއި މުހައްމަދު ޒިޔާދު އަދި އަބްދުﷲ ސަމީހު މުހައްމަދެވެ.

މެޗުގައި ސްޓެލްކޯއިން ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަސީރެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ވެމްކޯގެ އިބްރާހިމް ޖުނާހަށް އިނާމު ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ ޕްރޮޕަޓީ މެނޭޖްމަންޓް މެނޭޖަރު މުހައްމަދު ފައިސަލްއެވެ.

'ގްރޫޕް އޭ'ގެ އެއްވަނައިގައި ނިންމާލި ވެމްކޯއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް އެމްޓީސީސީއަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ދެ މެޗު ކުޅުނު މޯލްޑިވްސް ގޭހާއި ތިން މެޗު ކުޅުނު ސްޓެލްކޯއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. ސްޓެލްކޯއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހިފައިވާ އިރު، ވެމްކޯއާއެކު އެ ގްރޫޕުން ކުއާޓާއަށް ދަތުރުކުރާ ޓީމެއް ކަށަވަރުވާނީ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ގޭހާއި އެމްޓީސީސީ ކުޅޭ ގްރޫޕުގެ ފަހު މެޗަށްފަހުއެވެ.

ވިލި މުއައްސަސާ ކަޕްގައި މިއަހަރު 13 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލައިފައެވެ. ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ އަދި ދެވަނައަށް ދާ އަށް ޓީމު، މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާ އިރު، ގްރޫޕް ސްޓޭޖުން ކަޓާނީ ފަސް ޓީމެކެވެ.

ވިލި މުއައްސަސާ ކަޕްގައި ޔޫތު މިނިސްޓްރީއާއި ވިލިޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މޮޅުވެ، ޔޫތު މިނިސްޓްރީން ވަނީ ކުއާޓާގެ ޖާގައެއް ހޯދާފައި --- ފޮޓޯ/ އިމޭޖާސް އެމްވީ

މުބާރާތުގައި ބައިވެރިވުމަށް ކޮންމެ އަހަރަކު ވެސް ހާއްސަ ދެ ޓީމަކަށް ދައުވަތުދޭ އިރު، މިއަހަރުގެ މުބާރާތުގައި ދައުވަތުދީގެން ބައިވެރިވި ދެ ޓީމަކީ ވިލިޖޯލި (މޯލްޑިވިއަން ރެޑް ކްރަސެންޓް) އާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމެވެ.

ވިލި މުއައްސަސާ ކަޕްގެ ގްރޫޕްތައް:

  • ގްރޫޕް އޭ: މޯލްޑިވްސް ގޭސް (އެންމެފަހުގެ ޗެމްޕިއަން)، ކްލަބު ވެމްކޯ، އެމްޓީސީސީ، ސްޓެލްކޯ ވިލިމާލެ
  • ގްރޫޕް ބީ: އެމްއާރްސީސީ ކޯސްޓްގާޑް، ދިރާގު، އެސްޓީއޯ
  • ގްރޫޕް ސީ: ވިލިމާލެ ޕޮލިސް، ޔޫތު އެންޑް ސްޕޯޓްސް، ވިލިޖޯލި
  • ގްރޫޕް ޑީ: އެފްސީ ވިލިމާލެ ހިޔާ، އުރީދޫ މޯލްޑިވްސް، އެމްޑަބްލިއުއެސްސީ ވިލިމާލެ

ވިލި މުއައްސަސާ ކަޕްގެ މައިގަނޑު މަގްސަދަކީ ވިލިމާލޭ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމާއި ވިލިމާލެއަކީ އެއް އާއިލާއެއްގެ ގޮތުގައި އެއްބައެއްވަންތަ ބައެއް ކަމުގައި ހެދުމެވެ. މިދިޔަ އަހަރު ވެސް އެ މުބާރާތް ވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވައިފައެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ނުވަ ޓީމަކުން ބައިވެރިވެފައިވާ އިރު، ފައިނަލުގައި ޓީމް ހައުސިން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މޯލްޑިވް ގޭސްއެވެ.

މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ މިދިޔަ އަހަރުގެ މުބާރާތުގެ ވެސް ޓައިޓަލް ސްޕޮންސަރު ސުޒުކީ މެރިންއެވެ. މުބާރާތުގެ ބެވަރޭޖް ޕާޓަނަރަކީ ކޮކާ ކޯލާއެވެ.

comment ކޮމެންޓް