ދިވެހި ފުޓްސަލްގެ ތާރީޚުގައި ވެސް ދެވޭ އެންމެ ބޮޑު އަދި ފުރަތަމަ ރަސްމީ އެވޯޑުކަމަށްވާ "އެފްއޭއެމް އެވޯޑްސް 2026 ގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓުވި ފަސް ކުޅުންތެރިންގެ ނަން އިއުލާނުކޮށްފިއެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާނުކުރި މި ނޮމިނޭޝަންގައި ހިމެނޭ ފަސް ކުޅުންތެރިންނަކީ ވެސް، ދާދިފަހުން ބޭއްވުނު ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މުޅި ސަރަޙައްދު ހައިރާންކޮށްލުމަށްފަހު ރާއްޖެއަށް ތާރީޚީ ރަންވަނަ ހޯދައިދިން ދިވެހި ޤައުމީ ޓީމުގެ މައިބަދައިގެ ގޮތުގައި ފާހަގަކުރެވުނު މުހިންމު ފަސް ކުޅުންތެރިންނެވެ.
އަންނަ ބުރާސްފަތި ދުވަހު ބާއްވާ މި އެވޯޑަށް ނޮމިނޭޓުވި ކުޅުންތެރިންނަކީ ޤައުމީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ޒައިދާން އަޙްމަދު (އަސޫ) އަދި އަޙްމަދު ހަމީދު (އަންމަޑޭ) އެވެ.
އެފްއޭއެމް އެވޯޑްސް 2026 ގެ ފުޓްސަލް ކެޓަގަރީގެ ނޮމިނޭޝަންސް-- އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމް އެވޯޑްސްގެ ޚާއްޞަ ޙަފްލާގެ ތެރެއިން އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އިއުލާނުކޮށް އިނާމުދިނުމުގެ އިތުރުން، ސާފް ޗެމްޕިއަންކަން ހޯދައި ދިވެހިފަސްގަނޑަށް ބޮޑު ފަޚުރެއް ހޯދައިދިން ޤައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގުވަޒަންކުރުމުގެ ޚާއްޞަ އިވެންޓެއް ވެސް ކުރިއަށްދާނެއެވެ.
2018 ވަނަ އަހަރު ބޭއްވި އެވޯޑް ނައިޓަށްފަހު، އެކިއެކި ސަބަބުތަކާ ހުރެ މެދުކެނޑިފައި އޮތް އެފްއޭއެމް އެވޯޑްސް އަށް އަހަރުގެ ދިގު އިންތިޒާރަކަށްފަހު އަލުން ބާއްވަން ތައްޔާރުވެފައިވާއިރު، ފާއިތުވި މުއްދަތުގައި ދިވެހި ފުޓުބޯޅައިގެ ހަރަކާތްތައް އެއްކޮށް ހުއްޓި، ދަތި އުނދަގޫ ދުވަސްތަކަކާ ރާއްޖެއިން ކުރިމަތިލާންޖެހުނެވެ. އެފްއޭއެމުން މި އެވޯޑު ދޭންފެށީ 2004 ވަނަ އަހަރުގައެވެ.
މިފަހަރުގެ އެފްއޭއެމް އެވޯޑްސްގެ އެންމެ ހާއްސަ އަދި ތަފާތު ކަމަކަށް ވެގެންދާނީ، ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ތައާރަފުކޮށް އެވޯޑު ދިނުމެވެ. މިއީ ފުޓްސަލް ކުޅުންތެރިންގެ މުހިންމު ދައުރު ފާހަގަކޮށް، އެ ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ ގޮތުން އެފްއޭއެމްގެ އެންމެ މަތީ ފެންވަރުގައި މިފަދަ އެވޯޑެއް ދޭ ފުރަތަމަ ފަހަރެވެ.
މިފަހަރުގެ ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑުތަކުގެ ތެރޭގައި ފިރިހެން އަދި އަންހެން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ހިމެނެއެވެ.
މީގެއިތުރުން މިދިޔަ ސީޒަންގެ އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކުލަބު، އެންމެ މޮޅު ރީޖަނަލް ކުލަބު އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑުވެސް ދެވިގެންދާނެއެވެ.