ކުއާޓަރގައި "7،6"ގެ ހައިރާންކުރުވަނިވި އިއްތިފާގު!

ވޯލްޑް ކަޕް 2018ގެ ކުއާޓަރގައި ކުޅޭ ކޮންމެ މެޗެއްގައި ވެސް އެއްކޮޅުން ވާދަކުރީ ޓީމުގެ ނަމުގައި ހިމެނެނީ 6 އަހަރު އަނެއްކޮޅުން ވާދަކުރާ ޓީމުގެ ނަމުގައި ހިމެނެނީ 7 އަކުރު--

ފީފާ ވޯލްޑް ކަޕް 2018ގެ ކުއާޓަރ ފައިނަލްގެ މެޗުތައް މިހާރު މިވަނީ ފަށައިފައެވެ. ފުރަތަމަ ދެ މެޗު ނިމި، ސެމީގެ ފުރަތަމަ މެޗުވެސް މިވަނީ ކަށަވަރުވެފައެވެ.

ބޮޑެތި، ވަރުގަދަ، ބިޔަ ޓީމުތައް ކަޓައި މުބާރާތަށް ހިޔަނި އެޅިދާނޭ ކަމަށް ބެލެވުނު ނަމަވެސް ވޯލްޑް ކަޕްގެ ފޯރި އަދިވެސް ހަމަ ގަދައެވެ. މިފަދަ ދަނޑިވަޅެއްގައި މިފަހަރުގެ ކުއާޓަރ ފައިނަލްގައި ވާދަކުރާ އަށް ޓީމާގުޅޭ، ވަރަށް އާދަޔާ ޚިލާފު މައުލޫމާތުކޮޅެއް މީސް މީޑިއާގައި ދައުރުވާތީ އެ މައުލޫމާތުކޮޅު ހަމަ ހިއްސާކޮށްލާ ހިތްވީއެވެ.

ވޯލްޑް ކަޕް ކުއާޓަރ ފައިނަލްގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު ކޮންމެ މެޗެއްގައި ވެސް ވާދަކުރާ ދެޓީމުން ކުރެ އެއް ޓީމުގެ ނަން އިނގިރޭސި އަކުރުން ލިޔާއިރު، 6 އަކުރު އަދި އަނެއް ޓީމުގެ ނަމުގައި އޮންނަނީ 7 އަކުރެވެ.

އެގޮތުން، ކުއާޓަރގެ ފުރަތަމަ މެޗުގައި ވާދަކުރި ފްރާންސްގެ ނަން ލިޔާއިރު (F+R+A+N+C+E) އޮތީ ހަ އަކުރެވެ. އަދި އަނެއް ކޮޅުން ވާދަކުރި އުރުގުއޭ (U+R+U+G+U+A+Y) މި ނަމުގައި ވަނީ 7 އަކުރެވެ.

ހަމަ އެގޮތަށް، ކުއާޓަރގެ ދެވަނަ މެޗުގައި ވާދަކުރި ބްރެޒިލް (B+R+A+Z+I+L) ގެ ނަމުގައި އޮތީ ހަ އަކުރެވެ. އަނެއް ކޮޅުން ވާދަކުރި ބެލްޖިއަމް (B+E+L+G+I+U+M)ގެ ނަމުގައި ހަތް އަކުރެވެ.

ކުއާޓަރގެ ތިން ވަނަ މެޗުގައި އެއްކޮޅުން ވާދަކުރާ ސްވިޑެން (S+W+E+D+E+N) ގެ ނަމުގައި ހަ އަކުރު އޮތް އިރު، އަނެއްކޮޅުން ވާދަކުރާ އިންގްލޭންޑް (E+N+G+L+A+N+D)ގައި ލިޔާއިރު އޮންނަނީ ހަތް އަކުރެވެ.

ދެން އޮތީ، ކުއާޓަރގެ ފަހު މެޗެވެ. އެ މެޗުގައި އެއްކޮޅުން ވާދަކުރާ ރަޝިއާ (R+U+S+S+I+A)ގެ ނަން ހަ އަކުރުން ލިޔެވޭއިރު، އަނެއްކޮޅުން ވާދަކުރާ، ކްރޮއޭޝިއާ (C+R+O+A+T+I+A)ގެ ހަތް އަކުރު އޮވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕް ކުއާޓަރ ފައިނަލާ ގުޅުންހުރި ހައެއް ހަތެއްގެ އިއްތިފާގު މިހާހިސާބުން އަދިވެސް ނިމުނީކީ ނޫނެވެ. ކުއާޓަރގެ މެޗުތައް ކުޅޭ ތާރީޚު ވެސް ދިމާވަނީ ޓީމުތަކުގެ ނަމުގައި ހިމެނޭ އަކުރުތަކުގެ އަދަދާ ހަމައެއްވަރުގެ އަދަދުތަކަކާއެވެ. އެއީ ޖުލައި 6 އަދި ޖުލައި 7 އެވެ.

ހައެއް ހަތެއްގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗު 6 ޖުލައިގައި ކުޅެފައިވާއިރު ފްރާންސް ވަނީ، އުރުގުއޭ އަތުން 2-0ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ދެވަނަ މެޗުގައި ބެލްޖިއަމުން ވަނީ، ގަދަފަދަ ބްރެޒިލްގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރި ހޯދައި ފްރާންސާ ދެކޮޅަށް ސެމީގައި ވާދަކުރާނޭ ޓީމަކަށް ވެފައެވެ.

ހައެއް ހަތެއްގެ ކުއާޓަރގެ ފުރަތަމަ މެޗުން ހައެއް ކުރި ހޯދިއިރު ދެވަނަ ކުއާޓަރގައި މޮޅުވެފައި ވަނީ ހަތެކެވެ.

ދެންއޮތީ މިއަދު ވާދަކުރާ ހައެއް ހަތެއްގެ ކުރިމަތިލުންތަކެވެ. މިއަދު ހަވީރު 19:00ގައި ސްވިޑެންއިން އިންގްލެންޑާ ދެކޮޅަށް ކުޅޭނެއެވެ. އަދި 23:00ގައި އަމިއްލަ ފަސްގަނޑުގައި ސެމީގެ ޖާގައެއް ހޯދަން ރަޝިއާ ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. މިއަދަކީ 7،7 (ޖުލައި ހަތެއް) ވީމާ ހަތެއްގެ ބާރު ގަދަވުންވެސް އެކަށީގެންވެއެވެ.

comment ކޮމެންޓް