އުރުގުއޭ ކަޓުވާލައި ސެމީގެ ފުރަތަމަ ޖާގަ ފްރާންސަށް

އުރުގުއޭއާ ފްރާންސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ދެކުނު އެމެރިކާގެ އުރުގުއޭ ކަޓުވާލައި ވޯލްޑް ކަޕްގެ 2018ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސުން ހޯދައިފިއެވެ.

ރަޝިއާގެ ނިޒްނީ ނޮވްގްރާޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފްރާންސުން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.

މިއީ 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ވޯލްޑް ކަޕެއްގެ ސެމީ ފައިނަލަށް އެޓީމު ދަތުރުކުރި ދެވަނަ ފަހަރެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފްރާންސް ކެޓިއިރު، 2006 ވަނަ އަހަރުގެ ފައިނަލްގައި ފްރާންސް ވަނީ ކުޅެފައެވެ.

އޭގެ ފަހުން 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފްރާންސް ކެޓިއިރު، 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕުން ފްރާންސް ކެޓީ ގަދަ 16އިންނެވެ.

މިރޭގެ މެޗަށް ނުކުތް އިރުު، އުރުގުއޭއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މާޔޫސްކަމަކީ ޓީމުގެ އެންމެ މުހިއްމު ފޯވަޑް އެޑިސަން ކަވާނީ އަނިޔާގައި ހުރުމެވެ. މިރޭގެ މެޗުގައި އޭނާ ފެނިފައިނުވާ އިރު، އުރުގުއޭގެ އެޓޭކް ފެނުނީ ވަނދުކޮށެވެ. ހާއްސަކޮށް މެޗުގައި ފްރާންސްގެ އެޓޭކް ފެނުނީ ވަރަށް ވަރުގަދަކޮށްކަން ފާހަގަކޮށްލެވުނެވެ.

އުރުގުއޭއާ ފްރާންސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗަށް ނުކުތް އިރު، އުރުގުއޭއަށް އޮތް ބޮޑު އިތުބާރަކީ އެޓީމުގެ ޑިފެންސިވް ރެކޯޑު ނަމަވެސް، ފުރަތަމަ މިނެޓުން ފެށިގެންވެސް ފްރާންސްގެ އެޓޭކް ކުޅުންތެރިންގެ ބާރު ސްޕީޑް އުރުގުއޭގެ ޑިފެންސަށް ނުރައްކާ ކުރިއެވެ. ހާއްސަކޮށް އަރިމަތިން ކުޅެމުންދިޔަ ކިލިއަން އެމްބާޕޭއާއި އެންޓޮއިން ގްރީޒްމަންގެ ނުރައްކާ ފާހަގަކޮށްލެވުނެވެ.

ފުރަތަމަ ހާފްގެ ކުރީކޮޅުގައި އެމްބާޕޭއަށް ލިބުނު ފުރުސަތު އޭނާ ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ ގޯލްގެ މަތިން ބޭރަށެވެ. ހުރަސް ނަގައިގެން ކުޅެން މަސައްކަތްކުރި ފްރާންސުން ޓާގެޓްކުރީ އެޓީމުގެ ފޯވަޑް އޮލިވިއާ ޖިރޫގެ ބޮލަށެވެ. ޕައުލް ޕޮގްބާއާއި ބެންޖަމިން ޕަވާޑްގެ ހުރަސްވެސް ޖިރޫ ބޮލުން ޖެއްސި ނަމަވެސް، އޭނާ ފޮނުވާލި ދެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

އުރުގުއޭއާ ފްރާންސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފް ނިމެންދަނިކޮށް 40 ވަނަ މިނެޓުގައި ފްރާންސް ލީޑު ނެގިއެވެ. އުރުގުއޭގެ އޭރިއާ ކަނާތް ފަޅިން ލިބުނު ހުރަސް ގްރީޒްމަން ނަގައިދިން އިރު، އެ ބޯޅަ ގޯލަށް ވައްދާލީ ރަފޭލް ވަރާންގެ ބޮލުންނެވެ. ފްރާންސުން ހާފް ނިމުމުގެ ކުރިން ލީޑު ނެގި ނަމަވެސް، ހާފް ނިމެން ދަނިކޮށް އުރުގުއޭއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ.

މާޓިން ކަސަރޭސްގެ ބޮލުން ފޮނުވާލި ހަމަލާ ހުޝިޔާރުކަމާއެކު ދިފާއުކުރީ ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސްއެވެ.

ދެވަނަ ހާފް ފެށިގެންވެސް ވަރުގަދައަށް ކުޅެމުންދިޔަ ފްރާންސުން ލީޑު ފުޅާކުރިއެވެ. މެޗުގެ 62 ވަނަ މިނެޓުގައި އޭރިއާ ބޭރުން ގްރީޒްމަން ފޮނުވާލި ހަމަލާ ގޯލަށް ވަނީ އުރުގުއޭގެ ގޯލް ކީޕަރު ފެނާންޑޯ މުސުލޭރާ އަތުން ކައްސާލައިގެންނެވެ. އޭގެ ފަހުންވެސް ފުރުސަތުތައް ތަނަވަސްކުރީ ފްރާންސުންނެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ކޮރެންޓީން ޓޮލީސޯއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިންނެވެ.

އުރުގުއޭއާ ފްރާންސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފްރާންސް ދަތުރުކުރި ހަ ވަނަ ފަހަރެވެ. އޭގެ ތެރެއިން އެޓީމު ފައިނަލް ކުޅެފައި ވަނީ ދެ ފަހަރެވެ. މިހާތަނަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އުރުގުއޭ މިދިޔަ އަހަރުގެ ވޯލްޑް ކަޕުން ކެޓީ ގަދަ 16އިންނެވެ.

comment ކޮމެންޓް