ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ ބިންގާ އަޅައިފި

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ހަރަދުކޮށްގެން ގާއިމްކުރާ ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ ބިންގާ އަޅައިފިއެވެ.

އެ އެކަޑަމީ ގާއިމްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ. މިއަދު ހެނދުނު ހުޅުމާލޭގައި އެކަޑަމީ ގާއިމްކުރުމަށް ދޫކޮށްފައިވާ ބިމުގައި ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާސިފް ބައިވެރިވެވަޑައިގެންނެވިއެވެ.

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެ އެކަޑަމީ ގާއިމްކުރުމުގެ އަމަލީ މަސައްކަތުގެ ފުރަތަމަ ފޭސްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނިމިގެންދާނެ ކަމަށެވެ. ފުރަތަމަ ފޭސްގައި ހިމެނެނީ އެކޮމޮޑޭޝަން ބޮލްކާއި އޮފީހެވެ.

އެ އެކަޑަމީގައި 100 ކުދިންނަށް ބައިވެރިވެވޭ ގޮތަށް ހަމަޖެހިފައިވާ އިރު، އަތޮޅު ތެރެއިން ކުދިން ނެގުމަށް އެފްއޭއެމްގެ ޓީމުތައް ރަށްރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. އެ ޓީމުގައި އެފްއޭއެމްގެ ކޯޗުންގެ އިތުރުން ކްލަބުތަކުން ބައިވެރިވާން ބޭނުންވާ ކޯޗުން ވެސް ހިމެނޭނެ ކަމަށް އެފްއޭއެމުން ބުނެއެވެ.

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެފްއޭއެމް

އެކަޑަމީއަށް ކުދިން ނެގުމުގައި އެފްއޭއެމުން ކްރައިޓީރިއާތަކަކަށް ބެލުމަށް ހަމަޖެހިފައިވެއެވެ. ކުދިން ނެގުމުގައި އިސްކޮޅާއި ބަރުދަނާއި ސިއްހީ ގޮތުން ރަނގަޅު ކުއްޖެއްތޯ ބަލާގޮތަށް ވަނީ ހަމަޖެހިފައެވެ. އެ އެކަޑަމީން ގްރެޖުއާޓްވާ ކުދިން ކުރިއަށްއޮތް ތަނުގައި ކްލަބުތަކުން ފެންނާނެ ކަމަށް ވެސް އެފްއޭއެމުން ބުނެއެވެ.

އެފްއޭއެމްގެ ވިސްނުމަކީ ބޭރުގެ އެކަޑަމީއަކާ ގުޅިގެން އެ އެކަޑަމީ ހިންގުމެވެ. ބައްސާމް ވިދާޅުވީ ބޭރުގެ ބައެއް އެކަޑަމީތަކާ މިހާރު ވެސް ވާހަކަދައްކަމުންދާ ކަމަށާއި ވޯލްޑް ކަޕް ނިމުމުން އެންމެ ވަރުގަދަ މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ.

comment ކޮމެންޓް