ރާއްޖެއައި ބަނގުލަދޭޝް ދެ މީހެއްގެ އަތުން 6.87 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އައި ބަނގުލަދޭޝް ދެ މީހެއްގެ އަތުން ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

އިންޑިއާ މަގުން ރާއްޖެއައި ބަނގުލަދޭޝް ދެ މީހެއްގެ އަތުން 6.87 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، އެ ތަކެތި އަތުލައިގެންފައިވަނީ ރާއްޖެއައި ފަސިންޖަރުންގެ ފޮށިތަންމަތި ބަލައިފާސްކުރުމުގެ ތެރޭގައި ދެ ފަހަރެއްގެ މަތީން ކަމަށެވެ.

އެގޮތުން ފުރަތަމަ ކޭސްގައި މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާގެ ކޮޗިންއިން ރާއްޖެއައި ބަނގުލަދޭޝް މީހެއްގެ އަމަލުތައް ހުރިގޮތުން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ރައްކާކޮށްފައިހުރި ދެ ބްލެންކެޓް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަދި އެތަކެތީގެ ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަތް އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 4.8 ކިލޯ ހުރި ކަމަށްވެއެވެ.

ދެވަނަ ކޭސްގައި މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަސްތުވާތަކެތި އަތުލައިގަތީ އިންޑިއާމަގުން ރާއްޖެއައި ބަނގުލަދޭޝްގެ އުމުރުން 34 އަހަރުގެ ފިރިހެނެއްގެ އަތުންނެވެ.

އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުންނެވެ. އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކަބިސްއަށް ޕޮޒިޓިވް ވެފައިވާއިރު، އެ ތަކެތީގެ ބަރުދަނުގައި 2 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ ދެ ކޭސްގައި އަތުލައިގަތް މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލްވި ދެ ބިދޭސީން މިހާރު ވަނީ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް