ޗެލްސީގެ ކޯޗަކަށް ނަޕޯލީގެ މައުރީޒިއޯ ސާރީ!

ޗެލްސީގެ ކޯޗު ކަމަށް މި ހަފްތާތެރޭގައި މައުރީޒިއޯ ސާރީ ހަމަޖައްސާނޭކަމަށް ބެލެވޭ-- ގެޓީ ފޮޓޯ: ދަ ގާޑިއަން

ލަންޑަންގެ ފަޚުރުކަމަށް ބެލެވޭ، ޕްރިމިއަރ ލީގު ކްލަބު، ޗެލްސީގެ ކޯޗުކަމަށް އިޓަލީގެ ނަޕޯލީއަށް އިރުޝާދުދިން މައުރީޒިއޯ ސާރީ ހަމަޖައްސަން ތައްޔާރުވެއްޖެއެވެ.

ޓްރާންސްފަރ ޚަބަރުތައް ބުނާގޮތުން، މިއަދުގެ ވަގުތެއްގައި ނުވަތަ ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ސާރީއާއެކު ޗެލްސީން އެއްބަސްވުމުގައި ސޮއިކުރާނެއެވެ.

މީގެ ކުރީން ޗެލްސީގެ ވެރިން ވަނީ، އެންޓޯނިއޯ ކޮންޓޭގެ ބަދަލުގައި އެ މަގާމު ފުރުމާ ގުޅޭގޮތުން ސާރީއާއެކު މަޝްވަރާތައް ބާއްވައިފައެވެ.

ޗެލްސީއާއެކު ކޮންޓޭ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައި ނުވާތީ ބަދަލުގެ ގޮތުގައި އޭނާއަށް ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ. އަދި ސާރީއާ އެކު ނަޕޯލީން ހެދި އެއްބަސްވުމުގައި ވެސް ބާކީ ދުވަސްކޮޅެއް އޮތުމުން އެޓީމަށްވެސް ޗެލްސީން 4.5 މިލިއަން ޕައުންޑު ދައްކަން ޖެހޭނެއެވެ.

ނަޕޯލީން މިހާރު ވަނީ، އެޓީމުގެ ކޯޗަކަށް ކުރީގެ ކޯޗު ކާލޯ އެންޗެލޮޓީ ހަމަޖައްސައިފައެވެ.

ރިޕޯޓުތައް ބުނާގޮތުން، ޗެލްސީން މިހާރުވެސް ވަނީ މި ސީޒަނަށް ކްލަބު ވަރުގަދަކުރުމަށް ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ސާރީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސަފައެވެ. އެގޮތުން ސާރީ ޗެލްސީއާ ހަވާލުވުމަށް ފަހު ފުރަތަމަ ގެންނާނޭ ކުޅުންތެރިއަކީ ސީއެސްކާ މޮސްކޯގެ ރަޝިއަން މިޑްފީލްޑަރު އެލެކްސެންޑަރ ގޮލޮވިން އެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕްގައި ރަޝިއާއިން ފުރަތަމަ ކުޅުނު މެޗުގައި ސައުދީކޮޅަށް ލަނޑު ޖެހި ގޮލޮވިން އަކީ، ޔުވެންޓަސްއިން ވެސް ފާރަލަމުންދާ ކުޅުންތެރިއެކެވެ.

އުމުރުން 22 އަހަރުގެ ގޮލޮވިންގެ ޓްރާންސްފަރ އަގު ގާތްގަނޑަކަށް 27 މިލިއަން ޕައުންޑަށް އަރާނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

comment ކޮމެންޓް