ހަޒާޑާއި ލުކާކޫގެ ލަނޑުތަކާއެކު ބެލްޖިއަމް ގަދަ 16އާ ގާތަށް

ބެލްޖިއަމްއާއި ޓިއުނީޝިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފީފާ ވޯލްޑް ކަޕް 'ގްރޫޕް ޖީ'ގައި އެޑެން ހަޒާޑާއި ރޮމެލޫ ލުކާކޫގެ ލަނޑުތަކާއެކު ޓިއުނީޝިއާ ބަލިކޮށް، ބެލްޖިއަމްއިން ގަދަ 16ގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ރަޝިއާގެ އޮޓްކްރިޓީ އެރީނާގައި މިއަދު ކުޅުނު މެޗުގައި ޓިއުނީޝިއާގެ މައްޗަށް ބެލްޖިއަމްއިން ކުރި ހޯދީ 5-2ގެ ނަތީޖާއަކުންނެވެ. މިއީ ވޯލްޑް ކަޕް މެޗެއްގައި ބެލްޖިއަމްއިން ފަސް ލަނޑު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު 'ގްރޫޕް ޖީ'ގެ އެއްވަނައިގައި ބެލްޖިއަމް އޮތް އިރު، އިނގިރޭސިން ކުޅުނު އެއް މެޗުން ވަނީ ތިން ޕޮއިންޓް ހޯދައިފައެވެ. ދެ މެޗު ކުޅުނު ޓިއުނީޝިއާއާއި އެއް މެޗު ކުޅުނު ޕެނަމާއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ޕެނަމާއާ ދެކޮޅަށް މާދަމާ ކުޅޭ މެޗުން އިނގިރޭސިން މޮޅުވެއްޖެ ނަމަ، ގަދަ 16ގެ ޖާގަތައް ލިބޭނީ ބެލްޖިއަމްއާއި އިނގިރޭސިންނަށެވެ. އެ މެޗު އެއްވަރުވިޔަސް، ބެލްޖިއަމްއަށް ގަދަ 16ގެ ޖާގައެއް ލިބޭނެއެވެ.

ބެލްޖިއަމްއާއި ޓިއުނީޝިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިއަދު ކުޅުނު މެޗުގެ ހަ ވަނަ މިނެޓުގައި ބެލްޖިއަމްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ ކެޕްޓަން ހަޒާޑެވެ. ބެލްޖިއަމްއަށް އެ ޕެނަލްޓީ ލިބުނީ ހަޒާޑަށް ޓިއުނީޝިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ސިޔާމް ބެން ޔޫސުފް ކުރި ފައުލަކާ ގުޅިގެންނެވެ.

އެ ލަނޑަށްފަހު ބެލްޖިއަމްގެ ހަޒާޑަށް އިތުރު ލަނޑެއް ކާމިޔާބުކުރުމަށް ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާގެ ހަމަލާގެ ހުރަހަކަށްވީ ޓިއުނީޝިއާގެ ކީޕަރު ފާރޫކް ބެން މުސްތަފާއެވެ. އޭގެ މާ ގިނައިރުތަކެއް ނުވަނީސް ބެލްޖިއަމްގެ ޔެނިކް ފެރޭރާ ކަރަސްކޯއަށް ވެސް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ، ޓިއުނީޝިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ބެލްޖިއަމްއާއި ޓިއުނީޝިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ 16 ވަނަ މިނެޓުގައި ބެލްޖިއަމްއިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޑްރައިސް މާޓެންސް ދިން ބޯޅައަކުން ބެލްޖިއަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލުކާކޫއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ޓިއުނީޝިއާ ގޯލުގެ ތިރީ ކަނަކަށެވެ.

ބެލްޖިއަމްއިން އެ ލަނޑު ޖެހިތާ ދެ މިނެޓުތެރޭ ޓިއުނީޝިއާއިން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. ވަހްބީ ކަޒްރީ ނަގައިދިން ހިލޭ ޖެހުމަކުން ޓިއުނީޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑައިލާން ބްރޮންއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ގިނަ ހަމަލާތަކެއް ތަނަވަސްކުރަމުންދިޔަ ބެލްޖިއަމްއިން އަލުން ލީޑު ފުޅާކުރިއެވެ. ތޯމަސް މުނިއާ ދިން ބޯޅައަކުން ބެލްޖިއަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލުކާކޫއެވެ. އެއީ މިއަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ލަނޑެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1ގެ ނަތީޖާއަކުން ބެލްޖިއަމް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓުތެރޭ ބެލްޖިއަމްއިން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ޓޮބީ އަލްޑަވެރާލްޑް ދިން ބޯޅައަކުން ބެލްޖިއަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ހަޒާޑެވެ.

އެ ލަނޑަށްފަހު ވެސް ބެލްޖިއަމްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ހާއްސަކޮށް މެޗުގެ 68 ވަނަ މިނެޓުގައި ހަޒާޑްގެ ބަދަލުގައި ކުޅެން ނުކުތް މިޗީ ބަޓްޝުއާއީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެއް ހަމަލާއެއް ޓިއުނީޝިއާ ކީޕަރު ބެން މުސްތަފާ ދިފާއުކުރި އިރު، އޭނާ ފޮނުވާލި ހަމަލާއެއް ގޯލަށް ވަނުމުގެ ކުރިން ޓިއުނީޝިއާގެ ޑިފެންޑަރުން ދިފާއުކޮށްފައިވެއެވެ. އަދި އޭނާގެ ހަމަލާއެއް ޓިއުނީޝިއާ ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވިއެވެ.

ބެލްޖިއަމްއާއި ޓިއުނީޝިއާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ބެލްޖިއަމްގެ ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. އުމުރުން 21 އަހަރުގެ މިޑްފީލްޑަރު ޔޫރީ ޓިއެލެމަންސް ދިން ބޯޅައަކުން ބެލްޖިއަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަޓްޝުއާއީއެވެ. އެ ލަނޑަށްފަހު ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޓިއުނީޝިއާއިން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރިއެވެ. ހަމްދީ ނަގުއޭޒް ދިން ބޯޅައަކުން ޓިއުނީޝިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކަޒްރީއެވެ.

ވޯލްޑް ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ 'ގްރޫޕް އެފް'ގެ ދެ މެޗެވެ. މިރޭ 8:00ގައި ކުޅޭ މެޗުގައި ސައުތު ކޮރެއާއާ ދެކޮޅަށް މެކްސިކޯ ނުކުންނަ އިރު، މިރޭ 11:00ގައި ސްވިޑަނުން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށެވެ.

comment ކޮމެންޓް