އުރުގުއޭއާ ރަޝިއާ ގަދަ 16އަށް، މިސްރާއި ސައުދީ ކަޓައިފި!

އުރުގުއޭއާއި ސައުދީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރަޝިއާގައި ރޮސްތޯވްގައި އުރުގުއޭއާއި ސައުދީ ކުޅުނު މެޗު، 1-0ގެ ނަތީޖާއަކުން އުރުގުއޭ ކާމިޔާބު ކުރުމުން ރަޝިއާއާއި އުރުގުއޭ ގަދަ 16އަށް ދަތުރުކޮށްފިއެވެ.

އެ ދެޓީމު ވެފައި ވަނީ މިހާތަނަށް މިއަހަރުގެ ވޯލްޑް ކަޕްގެ ގަދަ16އަށް ދަތުރުކުރި ފުރަތަމަ ދެ ޓީމަށެވެ. މިރޭގެ ނަތީޖާއާއެކު ގްރޫޕް އޭގެ މިސްރާއި ސައުދީ ވަނީ މުބާރާތުން ކަޓައިފައެވެ. ކެޓި ނަމަވެސް ކޮންމެ ޓީމަކަށްވެސް އަދި މެޗެއް ބާކީ އެބައޮތެވެ.

އުރުގުއޭއާއި ސައުދީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިހާތަނަށް އުރުގުއޭއާ ރަޝިއާވެސް ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާ އިރު، ރަޝިއާ އެންމެ ފަހުން ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ކުޅުނީ 1986 ވަނަ އަހަރު އެވެ. އޭރު ރަޝިއާ އޮތީ ސޯވިއެޓް ޔޫނިއަންގެ ގޮތުގައެވެ.

މީގެ ކުރިްނ ދެ ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައިވާ އުރުގުއޭއަށް މިރޭގެ މެޗުގައި ގޯލް ޖަހައިދިނީ ލުއިޒް ޝުއަރޭޒްއެވެ. މިރޭގެ މެޗަކީ ޝުއަރޭޒް އުރުގުއޭ ޖާޒީގައި ކުޅުނު 100 ވަނަ މެޗެވެ. އެޓީމަށް ލިބުނު ކޯނަރެއް ގޯލަށް ވައްދާލައިގެން ޝުއަރޭޒްގެ ގޯލް ކާމިޔާބު ކުރި އިރު، މިރޭގެ ގޯލަކީ އޭނާ ވޯލްޑް ކަޕްގައި ޖެހި ފަސް ވަނަ ގޯލެވެ.

މެޗުގައި އުރުގުއޭގެ ފަރާތުން އިތުރުު ހަމަލާތައްވެސް ފެނިފައިވެއެވެ. އެގޮތުން އެޑިސަން ކަވާނީގެ ދެ ހަމަލާއެއްގެ އިތުރުން ޝުއަރޭޒްގެ ދެ ހަމަލާއެއް ފާހަގަވިއެވެ. ކަވާނީގެ ފުރަތަމަ ހަމަލާ ބޭރަށް ދިޔަ އިރު، ދެވަނަ ހަމަލާ ދިފާއުކުރީ ސައުދީ ކީޕަރު އުވައިސްއެވެ.

އުރުގުއޭއާއި ސައުދީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ސައުދީން ދެވަނަ ހާފްގައި ކުރިއަށް ޖެހިގެން ކުޅުން ރަނގަޅު ކުރި ނަމަވެސް އުރުގުއޭގެ ޑިފެންސް ފެނުނީ ވަރުގަދަ ކޮށެވެ. ހާއްސަކޮށް މިހާތަނަށް އުރުގުއޭއިން ވޯލްޑް ކަޕްގައި ކުޅުނު ދެ މެޗުގައިވެސް މޮޅަށް ކުޅުނު ޑިއޭގޯ ގޯޑީންގެ ކުޅުން ފާހަގަކޮށްލެވުނެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ އިތުރު މެޗެއް މިރޭ އޮންނާނެއެވެ. ގްރޫޕް ބީގެ އެ މެޗުގައި ވާދަކުރާނީ ސްޕެއިންއާއި އިރާނެވެ.

comment ކޮމެންޓް