ތިންވަނަ މޯލްޑިވިއަން އައިޑަލްއަކަށް އަޒަލް

މޯލްޑިވިއަން އައިޑޮލް ކާމިޔާބުކުރި އަޒަލްއަށް ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް، އައިޑަލްގެ ޓައިޓަލް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ފީއެސްއެމް

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން އާއިޝަތު އަޒަލް ޒާހިރު ކާމިޔާބުކޮށްފިއެވެ.

އަޒަލްއާ އައިޑަލްގެ ޓްރޮފީ އަދި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއެވެ. އައިޑަލް ޓްރޮފީއާއެކު އަޒަލްއަށް ވަނީ ލިމްކޮކްވިންގް ޔުނިވާސިޓީ ފެސްޓިވަލްގައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބިފައެވެ. މީގެ އިތުރުން ޕީއެސްއެމް އިން 250،000 ރުފިޔާގެ އިނާމުވެސް އަޒަލްއަށް ވަނީ ލިބިފައެވެ.

އައިޑަލްގެ ތިންވަނަ ސީޒަންގެ ރަނަރަޕަކީ ސައިނާ ރަޝީދެވެ. ތިންވަނައަކީ މަރިޔަމް މައީޝާއެވެ. ސައިނާއަށް އިނާމު ހަވާލުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މަަައީޝާއަށް އިނާމު ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މައީޝާއާއި ސައިނާއަށް ވެސް ވަނީ ލިމްކޮކްވިންގް ކަލްޗްރަލް ފެސްޓިވަލްގައި ޕާފޯމް ކުރުމުގެ ފުރުސަތާއެކު ޓްރޮފީ ދީފައެވެ.

ގަދަ ތިނެއްގައި ހިމެނުނު ބައިވެރިންނަށް ދިރާގުން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ކަމާއި، 55 އިންޗީގެ އެޗްޑީ ޓީވީގެ އިތުރުން ސެމްސަންގް ގެލެކްސީ އެސް9 ޕްލަސް އެއްވެސް ދީފައެވެ.

މީގެ އިތުރުން އައިޑަލްގެ ހަތަރު ޖަޖުންނަށާއި ދެ ހޯސްޓުންނަށް އިނާޔަތްތަކަކާއެކު އެ ކުންފުނީގެ ބްރޭންޑް އެޑްވޮކޭޓަރުންނަށް ވުމުގެ ފުރުސަތު ދިރާގުން ވަނީ ދީފައެވެ.

އެލައިޑްގެ ފަރާތުން ލައިފް އިންޝުއަރެންސް އަދި ޓްރެވަލް އިންޝުއަރެންސް ޕޮލިސީ، އެއް އަހަރަށް ގަދަ ތިނެއްގެ ބައިވެރިންނަށް ދީފައިވާ އިރު، ސީ ހައުސް އިން ވަނީ މޯލްޑިވިއަން އައިޑަލް ކާމިޔާބުކުރި އަޒަލްއަށް އެއް އަހަރުގެ ހިލޭ މީލް ޕްލޭންއެއް ދީފައެވެ.

މީގެ އިތުރުންވެސް ސްޕޮންސަރުންގެ ފަރާތުން ބައިވެރިންނަށް ވަނީ ގިނަ ހަދިޔާތަކެއް ދީފައެވެ. އެގޮތުން މޯލްޑިވިއަން އިން ވަނީ ގަދަ ތިނަކަށް ބެންކޮކް ދެކޮޅު ޓިކެޓް އަދި ގަދަ ފަހެއްގައި ހިމެނުނު ނައުޝާދު އަބްދުލް ލަތީފާއި ތަސްލީމް އަބްދުލްކަރީމަށް ޗެންނާއީ ދެކޮޅު ޓިކެޓް ދީފައެވެ.

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން އަޒަލް ކާމިޔާބުކޮށްފައިވަނީ ފާއިތުވި ދެ ސީޒަންގައި ވާދަކުރުމަށްފަހު ނާކާމިޔާބުވީ ނަމަވެސް ހިތްވަރާއެކު މަސައްކަތް ކޮށްގެންނެވެ. އެގޮތުން ފުރަތަމަ ސީޒަންގައި އޮޑިޝަންއާ ހިސާބުން ކުރިއަށް ނުދެވުނު ނަމަވެސް ހިތްވަރު އެލުވާނުލާ އަޒަލް ވަނީ ދެވަނަ ސީޒަންގައިވެސް ވާދަކޮށްފައެވެ. ދެވަނަ ސީޒަންގެ ތިއޭޓާ ރައުންޑުން ޝޯއާ އަލްވަދާއު ކިޔަން ޖެހުނު އަޒަލް އަނެއްކާވެސް ހިތްވަރާއެކު ތިންވަނަ ސީޒަނަށް އައިސް މިވަނީ އައިޑަލްގެ ޓައިޓަލް ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް