ފޯކައިދޫ ބަލިކޮށް، ތިމަރަފުށިން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ތިމަރަފުށިން އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ތަށި އުފުލާލަނީ ---

ށ. ފޯކައިދޫ ބަލިކޮށް، ތ. ތިމަރަފުށިން އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕް، ތިމަރަފުށިން ކާމިޔާބުކުރީ މިރޭ ގައުމީީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި 3-0ގެ ނަތީޖާއަކުން ފޯކައިދޫ ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެޓީމުންވެސް އެޓޭކް ކޮށްގެން ކުޅެމުން ދިޔަ އިރު، މެޗުގެ ފުރަތަމަ ހަމަލާ ފެނިގެން ދިޔައީ ތިމަރަފުށިންނެވެ. އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ އަހުމަދު ހައިލަމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ފޯކައިދޫގެ ފަރާތުންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުގެ ކުރިއަށް ކުޅެމުންދިޔަ މުހައްމަދު ފާރިޝް ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ތިމަރަފުށީގެ ކީޕަރު ޝާމް އަލީއެވެ.

މެޗުގެ ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ތިމަރަފުށިން ކުޅުން ވަރުގަދަ ކުރިއެވެ. އެގޮތުން މެޗުގެ 38 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. ކެޕްޓަން އަބްދުލް ނާސިރު ތަނަވަސްކޮށްދިން ބޯޅަ، ފޯކައިދޫ އޭރިއޭ ތެރޭގައި ހުސްކޮށްހުރެ ގޯލަށް ފޮނުވާލީ ހައިލަމެވެ.

އޭގެ މިނެޓެއް ފަހުން ތިމަރަފުށިން ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ ފޯކައިދޫ އޭރިއާ ބޭރުން ތިމަރަފުށީގެ އަމީން ޝާހު ފޮނުވާލި ބާރު ހަމަލާ ސީދާ ގޯލްގެ ކަނަށް އަމާޒުކޮށްގެން ކާމިޔާބުކުރި ގޯލެކެވެ.

ތިމަރަފުށިން ކުރީގައި އޮވެ ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެ ފޯކައިދޫން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެޓީމުގެ ހުސައިން ނިޝާނާއި ފާރިޝްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ. ހާއްސަކޮށް ނިޝާނަށް ލިބުނު ހުސް ފުރުސަތު އޭނާ ފޮނުވާލި ނަމަވެސް ތިމަރަފުށީ ކީޕަރު ވަނީ ކުރިއަށް ޖެހި އެ ހަމަލާ ދިފާއުކޮށްފައެވެ.

ދެވަނަ ހާފްގައި ތިމަރަފުށީގެ ކެޕްޓަން، ނާސިރުއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވާ އިރު، އެ ހަމަލާ ފޯކައިދޫ ކީޕަރު އަހުމަދު ޝާހިދު ވަނީ ދިފާއުކޮށްފައެވެ. ފޯކައިދޫ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅަ ހައިލަމް ފޮނުވާލި ނަމަވެސް، ފޯކައިދޫގެ ޑިފެންޑަރު ވަނީ އެ ބޯޅަ ބްލޮކް ކޮށްފައެވެ.

މެޗުގައި ތިމަރަފުށިން ޖެހި ފަހު ގޯލް ޖެހީ އިތުރު ވަގުތުގައެވެ. އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ކައުސީ ޖީންއަށް، ފޯކައިދޫގެ ކީޕަރު އޭރިއާ ތެރެއިން ފައުލް ކުރުމުން ރެފްރީ ވަނީ ކީޕަރަށް ރަތް ކާޑު ދައްކައި ޕެނެލްޓީ ދީފައެވެ. ފޯކައިދޫގެ ބަދަލު ހަމަވެފައި އޮތުމުން ކީޕަރަކަށް އަރައިފައިވަނީ ކެޕްޓަން ހުސައިން ފަޒީލެވެ. ފަޒީލް ކައިރިން ޕެނެލްޓީ ކާމިޔާބުކޮށް ތިމަރަފުއްޓަށް ތިން ވަނަ ގޯލް ޖަހައިދިނީ އަޑިސުއެންލޭ އަޔޯޑީޖޭއީއެވެ.

މިރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ ދެވަނަ ގޯލް ޖެހި އަމީން ޝާހެވެ. ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ހަވާލުކޮށްފައިވާ އިރު، މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޯކައިދޫގެ މުހައްމަދު ފާރިޝްއެވެ.

ތިމަރަފުއްޓަކީ އަތޮޅު ފުޓުބޯޅައިގައި އަބަދުވެސް ފާހަގަކޮށްލެވޭ ޓީމެކެވެ. ހާއްސަކޮށް އެޓީމަކީ މިނިވަން ޗެމްޕިއަންޝިޕްގައި ކާމިޔާބު ޓީމެކެވެ. 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ކުޅުނު ތިމަރަފުށި، އެ އަހަރުގެ ފައިނަލްގައި ބަލިވީ ބ. އޭދަފުށި އަތުންނެވެ.

comment ކޮމެންޓް