ތިމަރަފުށީ ރައްޔިތުންގެ އެދުމަކީ ރާއްޖޭގެ ޗެމްޕިއަންކަން ހޯދުން!

2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ތ. އަތޮޅު ތިމަރަފުއްޓަކީ މިނިވަން ޗެމްޕިއަންޝިޕް 2016 ވަނަ އަހަރުގެ ފައިނަލްގައި ކުޅުނު ޓީމެކެވެ. އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ގިނަ ފަހަރުތަކެއްގައި ހޯދައި، އަތޮޅު ތެރޭގެ ފުޓުބޯޅައިގެ ގަދަ ބާރެކެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ވެސް ތިމަރަފުށީގެ ގިނަ ކުޅުންތެރިންތަކެއް ފެންނަ އިރު، ރަށުގެ ނަން ހިފައިގެން މިނިވަން ޗެމްޕިއަންޝިޕް ފައިނަލަށް ވެސް އައީ ޒުވާން ހުނަރުވެރި ޓީމެކެވެ.

މާދަމާ ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ށ. ފޯކައިދުއާ ދެކޮޅަށް ތިމަރަފުށި ނުކުންނަ އިރު، ރަށުގެ ކުދި ބޮޑު އެންމެން ތިބީ މިނިވަން ޗެމްޕިއަންޝިޕްގެ ތަށްޓަށް ފެންބޮވައިގެންފަ އެވެ.

"ރަށުގެ ކުދި ބޮޑު އެންމެން މިކަމަށް ފެން ބޮވައިގަންފައި މިތިބީ. ވޭތުވެ ދިޔަ ތިން އަހަރު ތެރޭގައި ދެ ވަނަ ފަހަރަށް މިހިސާބަށް މި އާދެވުނީ. މިފަހަރު ﷲ އިރާދަކުރެއްވިއްޔާ ތަށި ހިފައިގެން ރަށަށްދާނީ،" ޓީމުގެ ކޯޗު އަހުމަދު އަލްތޮފް ބުންޏެވެ.

2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ޒޯން މުބާރާތްތަކާއި މިނިވަން ޗެމްޕިއަންޝިޕްގައި ވެސް އަބަދު ވެސް ވާދަވެރިކޮށް ފެންނަ ތިމަރަފުއްޓަށް 2016 ވަނަ އަހަރުގެ ފައިނަލް ކާމިޔާބު ނުވިނަމަވެސް، އެ ހިސާބުން ވެސް ރަށުގެ ރައްޔިތުން މަސައްކަތް ފެށީ އަލުން ފައިނަލާ ހަމައަށް އައިސް ތަށި ނެގުމަށެވެ.

"ތަށި ގެއްލުނު ހިސާބުން ވެސް ރަށުގެ އިސްކޮށް ތިބި ބޭފުޅުންނާއި ކައުންސިލުންނާއި ރައްޔިތުން މަސައްކަތް ކުރީ މިކަމަށް ޓާގެޓް ކޮށްގެން ފުރަތަމަ ޑިވިޝަންގައި ރަށު ޓީމެއް ބާއްވަން. ރަށުގައި ފުރަތަމަ ޑިވިޝަންގެ ގިނަ ކުޅުންތެރިން ތިބުމާ ވެސް އެކު،" އަލްތޮފް ބުންޏެވެ.

ތިމަރަފުށިން 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ބ. އޭދަފުށި އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

އަލްތޮފް ބުނީ ރަށުގެ ރައްޔިތުންގެ ސަމާލުކަން މިހާރު ހުރީ ސީދާ ރާއްޖޭގެ ޗެމްޕިއަންކަން ހޯދަން ކަމަށާއި އެހެން ތަށްޓަކަށް ރައްޔިތުން މާބޮޑަށް ސަމާލުކަން ނުދޭ ކަމަށެވެ.

"ރަށުގެ މީހުން މިހާރު މާ ބޮޑު ސަމާލުކަމެއް ނުދޭ އަތޮޅު ޗެމްޕިއަންކަން ޒޯން ޗެމްޕިއަންކަން ނެގިޔަސް. އެއީ ވޭތުވެ ދިޔަ އަހަރުތަކުގައި ވަރަށް ގިނައިން އަޅުގަނޑުމެން ޒޯން ޗެމްޕިއަންކަމާއި އަތޮޅު ޗެމްޕިއަންކަން ނަގާފައި އޮންނާނީ. އެހެންވީމާ ރަށުގެ ރައްޔިތުންގެ ވެސް އެދުމަކީ ރާއްޖޭގެ ޗެމްޕިއަންކަން ހޯދުން،" އަލްތޮފް ބުންޏެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ތ. އަތޮޅު އަދި ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ތިމަރަފުށި --- ފޮޓޯ/ މީސް މީޑިއާ

ތިމަރަފުށީގެ ޓީމުގެ އެންމެ ހާއްސަ ކަމަކީ ރަށުގެ ޒުވާން ހުނަރުވެރި ކުޅުންތެރިން ޓީމުގައި ތިބުމެވެ. ހާއްސަކޮށް މިހާ ހިސާބަށް ޓީމު ގެނައުމުގައި އެ ކުޅުންތެރިންގެ ހިއްސާ ބޮޑެވެ.

"ޓީމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ވަރަށް އިސްކަމެއް ދޭ ރަށުގެ ޒުވާން ކުޅުންތެރިން އުފެއްދުމަށް. ޕްރިމިއާ ލީގުގައި ވެސް ޓާގެޓަކީ ރަށުގެ ވީހާ ވެސް ގިނަ ކުޅުންތެރިން ފުރަތަމަ ޑިވިޝަންގައި ކުޅުވުން. އެހީތެރިވެއްދެއްވާ ފަރާތްތައް ވެސް ހިތްހަމައެއް ނުޖެހޭ ރަށުން ބޭރު ކުޅުންތެރިން ލައިގެން ޓީމު އެކުލަވާލާކަށް. ގައުމުން ބޭރު ކުޅުންތެރިން ގެނެސްފައި ދެން ހަމަ ރަށުގެ ކުޅުންތެރިން ޓީމުގައި ހިމަނައިގެން ކުޅެނީ،" ޓީމު އެކުލަވާލުމާ ގުޅޭ ގޮތުން ކޯޗު އަލްތޮފް ބުންޏެވެ.

ތ. ތިމަރަފުށީ ފުޓުބޯޅަ ޓީމު ---

ދެހާސް ސޯޅަ ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ވެސް ތިމަރަފުށީގެ އެތައް ސަޕޯޓަރުންނެއް ދަނޑު ފެހިކޮށްލި އެވެ. އަލްތޮފް ބުނީ ޓީމުގެ މެނޭޖުމަންޓާއި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވެސް އުންމީދަކީ އެ ފަހަރަށް ވުރެ ގިނައިން ސަޕޯޓަރުން ވަދެ ރަށަށް، އަތޮޅަށް މިފަހަރު ތަށި ގެންދިއުން ކަމަށެވެ.

ފޯކައިދުއާއި ތިމަރަފުށި ކުޅޭ ފައިނަލް މެޗު މާދަމާ ރޭ ގައުމީ ދަނޑުގައި ފަށާނީ 9:00ގަ އެވެ.

comment ކޮމެންޓް