"ސަޕޯޓަރުން ސަޕޯޓުކޮށްދެއްވާ، ފޯކައިދޫ ކުޅުންތެރިން ތިބީ ތައްޔާރަށް"

ފޯކައިދޫގެ ކެޕްޓަން ފަޒީލް ޒޯން ޗެމްޕިއަން ޝީލްޑާއެކު --- ފޮޓޯ/ ފޯކައިދޫ ސްޕޯޓްސް ލައިވް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ވަރުގަދަ ފައިނަލް މެޗުގައި ށ. ފޯކައިދުއާއި ތ. ތިމަރަފުށީގެ ކުރިމަތިލުން މިރޭ އޮންނާނެއެވެ.

ފޯކައިދުއަކީ ޒޯން ޗެމްޕިއަން ކަމަށާއި ގަލޮޅު ދަނޑަށް އާ ޓީމަކަށް ނުވި ނަމަވެސް، މިއީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި އެޓީމު ކުޅޭ ފުރަތަމަ ފަހަރެވެ.

ފައިނަލާ ހަމައަށް ދިއުމަށް ފޯކައިދޫން ވަރުގަދަ ރަށްތަކެއް ބަލިކޮށްފައިވާ އިރު، ޓީމުގެ ކެޕްޓަން ހުސައިން ފަޒީލަށް ފައިނަލާ ދޭތެރޭވެސް އުންމީދު ބޮޑެވެ.

"ޓީމުގެ ރޫހު ވަރަށް ރަނގަޅަށް އޮތީ. ޓީމު އޮތީ ވަރަށް ކިކުގައި ކަމަށް ބަލަނީ. ފައިނަލް މެޗު ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ހުރިހާ ކުޅުންތެރިންވެސް ވަރަށް ފޯރިއާއި ޖޯޝުގައި އޮތީ،" ޓީމުގެ ތެރޭގައި އޮތް ރޫހާ ގުޅޭގޮތުން ފަޒީލް ބުންޏެވެ.

ސަޕޯޓަރުން ހާއްސަ ފޯރިއެއް ފޯކައިދޫ ސަޕޯޓަރުންގެ ފަރާތުން އަތޮޅު ބުރާއި ޒޯން ބުރުގެ އިތުރުން ފައިނަލް ބުރުގައިވެސް ފެނިގެން ގޮސްފައިވާ އިރު، މުބާރާތުގެ މިހާ ހިސާބަށް އައުމުގައި ފޯކައިދުއަށް ލިބުނު އެންމެ ބޮޑު ފައިދާއަކީވެސް އަމިއްލަ ދަނޑުގައި ގިނަ މެޗުތަކެއް ކުޅުމެވެ.

މިރޭގެ މެޗަށް ސަޕޯޓަރުންނަށް ދޭން އޮތް މެސެޖެއްގެ ގޮތުގައި ފަޒީލް ބުނީ ދަނޑަށް ވަދެ ސަޕޯޓުކުރުމުން ކުޅުންތެރިންގެ ޒިންމާ ކުޅުންތެރިން އަދާކުރާނެ ކަމަށެވެ.

"ސަޕޯޓަރުންނަށް ބުނެލަން އޮތީ ދަނޑަށް ވަދެ ސަޕޯޓުކޮށްދެއްވާށޭ. ހުރިހާ ކުޅުންތެރިންވެސް ވަރަށް ފޯރީގައި މި ތަށި ހިފައިގެން ރަށައް ދާން ތައްޔާރަށޭ މިތިބީ،" ފަޒީލް ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ މިއަހަރުގެ ފައިނަލް މެޗު މިރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ފަށާނީ 9:00ގައެވެ.

comment ކޮމެންޓް